ފިނިޕޭޖް

ބްރިޓްނީ ސްޕިއާޒްގެ ކައިވެނި ރޫޅިއްޖެ

ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒް އަނެއްކާވެސް ހެޑްލައިންތަކަށް އަރައިފި އެވެ.

ބްރިޓްނީ ކުރާ އެކި ކަންތައްތަކުގެ ސަބަބުން އާންމުންގެ ތައުރީފް ނޫނީ ފާޑުކިޔުން އޭނާ އަށް އަމާޒުވުމަކީ އާކަމެއް ނޫނެވެ. އެކި ޒާތުގެ ވީޑިއޯތައް ޕޯސްޓްކުރުމާއި ޕޯޒްކޮށްގެން ނަގާފައިވާ ފޮޓޯތައް ޕޯސްޓްކުރުމަކީ ބްރިޓްނީގެ އާންމު ކަމެކެވެ. މިފަހުން ބްރިޓްނީއަށް ސަމާލުކަން މިއައީ ތިންވަނަ ކައިވެނި ނިމުމުގެ ހަބަރާ އެކު އެވެ.

ބްރިޓްނީ، 41، ސޭމް އަސްގަރީ، 29، އާ 2016 ގައި ލޯބީގެ ގޮތުން ގުޅުމަށްފަހު، ކައިވެނިކުރީ ޖޫން 2022 ގައެވެ.

މީގެ ކުރިންވެސް މި ދެމަފިރިންގެ މެދުގައި މައްސަލަތައް އުޅޭކަމުގެ އަޑު އެރުމުން ސޭމްގެ ރެޕުން ވަނީ އޭރު އެ ހަބަރުތައް ދޮގުކޮށްފަ އެވެ. އަދި ހަބަރުތަކުގައި އާއި ސޯޝަލް މީޑިއާގައި ބްރިޓްނީއާ ގުޅިގެން ފާޑުކިޔުންތައް ދައުރުވާ ފަހަރުތަކުގައި ސޭމް ވަނީ އަބަދުވެސް ބްރިޓްނީ ދިފާއުކޮށް، ފޭނުން ގާތު ބްރިޓްނީގެ ޕްރައިވަސީއަށް އިހްތިރާމްކުރުމަށް އެދިފަ އެވެ.

ބްރިޓްނީ އާއި ސޭމްގެ ކައިވެނި ރޫޅުނު ކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރީ ޓީއެމްޒީ އިން ނެވެ. ޓީއެމްޒީއިން ފާހަގަކުރި ގޮތުގައި ސޭމް ވަނީ މީގެ ދެ ހަފްތާ ކުރިން އޭނާގެ ކައިވެނީގެ އަގޮޓި އެޅުން ހުއްޓާލާފަ އެވެ. އެގޮތުން ސޭމްގެ މަންމަ ފާތިމާ އެކްސިޑެންޓްވެ، ރަނގަޅުވުމުން ހޮސްޕިޓަލަށާއި ފޭނުންނަށް ޝުކުރު އަދާކޮށް މަންމައާ އެކު ޕޯސްޓްކުރި ފޮޓޯގައި ސޭމްގެ ވައަތުގެ އިނގިލިތައް ހުރީ ހުސްކޮށެވެ. އަދި އޭގެ ފަހުން ބްރިޓްނީ ކާރު ދުއްވާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއަކުން ވައަތުގެ އިނގިލިތައް ފެންނައިރު، އޭނާވެސް ކައިވެނީގެ އަގޮޓި ނާޅާކަން ފާހަގަކޮށްފައިވެ އެވެ.

ޓީއެމްޒީއިންނާއި ޕީޕަލް.ކޮމް އިން ބުނާ ގޮތުގައި ސޭމް ބްރިޓްނީގެ ގެއިން ނިކުމެ، އެހެން ގެއަކަށްވެސް މިހާރު ވަނީ ބަދަލުވެފަ އެވެ. އަދި ވަރިވާން ކޯޓުގައި މިހާރު ވަނީ އެދިފަ އެވެ.

ޓީއެމްޒީއިން އިތުރަށް ބުނި ގޮތުގައި މި ދެމަފިރިން ދުރުވުމުގެ ކުރިން، ސޭމް އާއި ބްރިޓްނީގެ މެދުގައި ބޮޑު ޒުވާބެއް ހިނގި އެވެ. އެއީ ބްރިޓްނީ ބޭވަފާތެރިވީ ކަމަށް ސޭމްއަށް ގަބޫލުކުރެވިގެންނެވެ.

ޓީއެމްޒީއިންނާއި ޕީޕަލް.ކޮމް އިން ބުނީ ބްރިޓްނީގެ ސިއްހަތަށް ސޭމް އަބަދުވެސް ސަމާލުކަންދީ ވަރަށް އަޅާލާ ކަމަށެވެ. އަދި ސޭމް އާންމުންގެ ތެރޭގައި ބްރިޓްނީ އަބަދުވެސް ދިފާއުކުރި ނަމަވެސް ބްރިޓްނީގެ އަުޅުމާއި ކުއްލިކުއްލިއަށް ކުރާ ކަންކަމާ ގުޅިގެން ސޭމް ފަހަކަށް އައިސް ހުންނަނީ ގޮތް ހުސްވެފައި ކަމަށެވެ.

މި ހަބަރުތަކާ ގުޅިގެން އެއްވެސް މީޑިއާއަކުން ސޭމް އަދި ބްރިޓްނީގެ ތަރުޖަމާނުންގެ ފަރާތުން ބަހެއް ނުލިބުނެވެ. އަދި މި ހަބަރުތައް ދައުރުވަމުންދާ ހިނދު، ބްރިޓްނީ ވަނީ އަހެއް ގަންނަ ވާހަކަ އިންސްތަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.

ބްރިޓްނީގެ ކައިވެނި ރޫޅިފައިވާއިރު އޭނާގެ މެމޮއާ "ދަ ވުމަން އިން މީ" މިއަހަރުގެ އޮކްޓޫބަރު 24 ވަނަ ދުވަހު ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.