އިސްލާމިކް މިނިސްޓްރީ

ޚަތީބުން ޖުއްބާލައިގެން ހުކުރު ނަމާދު ކުރާގޮތަށް ހަމަޖައްސައިފި

އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަތީބުން ޖުއްބާލައިގެން ހުކުރު ނަމާދު ކުރާގޮތަށް ހަމަޖައްސައި މިއަދުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއުސޫލަށް އަމަލުކުރަން ފެށީ ހުކުރު ކުރާ ހުރިހާ ޚަތީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާ ބަޔަކަށް ހަދައި، އިމާމުންނާއި ޚަތީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަގަސަދުގައި ކަމަށެވެ.

މި އުސޫލަށް މިވަގުތު ހަމައެކަނި މާލޭ ސަރަހައްދުގެ ޚަތީބުން އަމަލުކުރި ނަމަވެސް ކުރިއަށް އޮތް ތާންގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ކުރާ ހުރިހާ ޚަތީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަތީބުން ޖުއްބާ ލައިގެން ކުރިންވެސް ހުކުރުކުރަމުން ދިޔަ އެވެ. ނަމަވެސް ވަކި ގޮތަކަށް ކަނޑައެޅިގެން ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓުނު މިއީ ފުރަތަމަ ފަހަރެވެ.

ޖުއްބާ ލައިގެން ހުކުރު ނަމާދު ކުރުމަކީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ.