މޯލްޑިވިއަން ރެޑް ކްރެސެންޓް

"ރަން ފޯ ހިއުމާނިޓީ" އައްޑޫގައި ކުރިއަށް ގެންގޮސްފި

ދިވެހި ރެޑްކްރެސެންޓް ދުވަހާއި ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫގައި ހާއްސަ ދުވުމެއް ކުރިއަށް ގެންގޮސްފި އެވެ.

ދިވެހި ރެޑްކްރެސެންޓް ދުވަހަކީ އޮގަސްޓް 16 އެވެ. ދުނިޔޭގެ އިންސާނިއްޔަތު ކަމުގެ ދުވަހަކީ 19 އޯގަސްޓެވެ.

ދިވެހި ރެޑްކްރެސެންޓުގެ އައްޑޫ އުނިޓުން އިންތިޒާމުކޮށްގެން "ރަން ފޯ ހިއުމާނިޓީ"ގެ ނަމުގައި ބޭއްވި ދެވަނަ ދުވުން މިއަދު ހަވީރު 4:00 ޖެހިއިރު ފެށީ އައްޑޫ ސިޓީގެ ހިތަދޫ ސިޓީ ސްކޮޔާ އިން ނެވެ.

އެކި އުމުރުފުރާގެ ގިނަ ބަޔަކު ދުވުމުގައި ބައިވެރިވިއިރު ބައެއް ބިދޭސީން ވެސް މި ދުވުމުގައި ބައިވެރިވި އެވެ.

ދުވުން ނިންމި ކޮންމެ ބައިވެރިޔަކަށް ދިވެހި ރެޑްކްރެސެންޓުގެ އައްޑޫ އުނިޓުން މެޑަލް ދީފައިވެ އެވެ.

މިދުވުމުގެ މެއިން ސްޕޮންސަރުންނަކީ ވޭން އޯޑް އަދި ވިލާކޮލެޖެވެ. ދުވުމުގެ އެހެން ޕާޓްނަރުންނަކީ އިކުއެޓަ ވިލެޖް، އައްޑޫ ސިޓީ ކައުންސިލް، ޕޮލިސް، ވަން ޑިގްރީ، ކޮންޓްރޯލް ޕީ، ޝަރަފުއްދީން ސްކޫލް އަދި އައްޑޫ ހައި ސްކޫލް އެވެ.

އައްޑޫގައި ދުވުން ކުރިއަށް ދިޔައިރު އިކުއެޓަ ވިލެޖްގެ ބޭންޑް -- ވައިޓްޓާންޖުގެ ހުށަހެޅުންތަކެއްވެސް ކުރިއަށް ދިޔަ އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ދިވެހި ރެޑްކްރެސެންޓަކީ އެންމެ ފުޅާކޮށް އިންސާނީ ހިދުމަތް ފޯރުކޮށްދޭ ޖަމިއްޔާ އެވެ.