ފިނިޕޭޖް

ޑްރޭކްގެ ކޮންސަޓަށް ދިޔަ އަންހެނަކަށް ބާކިން ދަބަހެއް

ރެޕާ ޑްރޭކްގެ ކޮންސެޓަށް ދިޔަ މީހުންގެ ތެރެއިން އެކަކަށް ބޮޑު އުފަލެއް ލިބިއްޖެ އެވެ.

ލޮސް އެންޖަލަސްގައި މިދިޔަ ބުދަ ދުވަހު ޑްރޭކް، 36، ބޭއްވި ކޮންސަޓެއްގައި އޭނާ ވަނީ ފިޔާތޮށި ކުލައިގެ އާމިޒްގެ ބާކިން ދަބަހެއް ހިފައިގެން ސްޓޭޖަށް އަރައި، އޯޑިއަންސް ތެރޭގައި އިން އަންހެން ކުއްޖަކަށް އެ ދަބަސް ދީފަ އެވެ.

މި ދަބަސް ދޭނެ މީހަކު ބަލަމުން ޑްރޭކް ބުނީ އޭނާ އަކީ ދަހި މީހެއް ނޫން ކަމަށެވެ. އަދި އެކި ކޮޅަށް ބަލަމުންގޮސް، އެންމެ ކުރިމަތި ރޯގައި އިން އަންހެން ކުއްޖަކަށް އެ ދަބަސް ދިނީ އެވެ. މަންޒަރު ދިޔައީ އޯޑިއަންސްގައި ތިބި ގިނަ މީހުން ވީޑިއޯ ކޮށް، ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ.

އާމިޒްގެ ބާކިން ދަބަހަކީ ދާދި ފަހުން މަރުވި އެކްޓްރެސް ޖޭން ބާކިންގެ ނަމުގައި އާމިޒް އިން ޑިޒައިންކުރި ދަބަހެކެވެ. މި ދަބަހުގެ އެކި ސައިޒާއި ވައްތަރު ހުންނައިރު މިއީ 10،000 އެމެރިކަ ޑޮލަރުން ފެށިގެން ބައި ލައްކައާ ހިސާބަށް އަގު ހުންނަ ދަބަހެކެވެ. ބޮޑު ވެއިޓްލިސްޓެއް އޮންނަ މި ދަބަހަކީ ގިނަ ސެލެބްރިޓީން މުއްސަނދިކަމުގެ ރަމްޒެއްގެ ގޮތުގައި ހޯދާ ދަބަހެކެވެ.

ދަ ހޮލީވުޑް ރިޕޯޓާއަށް 2017 ގައި ޑްރޭކް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ ބާކިން ދަބަސް ވަރަށް ކަމުދާ މީހެއް ކަމަށާއި އޭނާ އޭގެ ދަބަސްތައް އެއްކުރަމުންދަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާއަށްޓަކައި ކަމަށެވެ.

ދަބަސް ދިނުމަށްފަހު ޑްރޭކްގެ ސެކިއުރިޓީއަށް ގޮވައި، އެ އަންހެން ކުއްޖާ ކާރާ ހިސާބަށް ރައްކާތެރިކަމާއެކު ލާދެން ބުންޏެވެ. ސަބަބަކީ މި ދަބަހުގެ ބޮޑު އަގުގެ އިތުރުން، ޑްރޭކް ދިން ދަބަހަކަށް ވުމުން އޭގެ އަގު މަތިވާނެތީވެ މީހުން އެ ދަބަސް އަތުލުމަށް މަސައްކަތްކޮށް އަންހެން ކުއްޖާއަށް ގެއްލުން ވެދާނެތީ އެވެ. އަދި ފެންނަ ފެނުމުން ޑްރޭކް ދިން މި ބާކިން ދަބަހަކީ އެ ލައިންގެ އަގު ބޮޑު ވައްތަރެކެވެ.