ފާރިސް މައުމޫން

ފާރިސްގެ ވައުދު: އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ޕެންޝަން ސްކީމެއް

ވެރިކަން ލިބިވަޑައިގެންފިނަމަ އަމިއްލަ މަސައްކަތް ކުރާ ފަރާތްތައްވެސް ޕެންޝަން ސްކީމުގައި ބައިވެރި ކުރާނެ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވައުދުވެވަޑައިގެންފި އެވެ.

ފާރިސްގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ނުރަސްމީކޮށް ނުވަތަ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ކުރަމުންދާ ކަމަށެވެ. އަދި ދައުލަތުން އެ ފަރާތްތަކަށް އެންމެ އެކަށީގެންވާ އެހީތެރިކަން ނުލިބޭ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ އިގުތިސޯދީ ގާނޫނުތަކާއި އޮނިގަނޑު އޮންނަ ގޮތުން އެމީހުންނަށް އެކަށީގެންވާ އެހީތެރިކަމެއް ދައުލަތުން ލިބިދީފަ އެއް ނުވޭ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތަކުން ލިބޭ އާމްދަނީގެ ކޮންމެވެސް ބައެއް އެމީހުން ޕެންޝަންގެ ގޮތުގައި ޖަމާކޮށް އެއާ އެއް މިންވަރަކަށް ދައުލަތުންވެސް ޖަމާކުރާނެ ގޮތް ހަދައިދޭނެ ކަމަށެވެ. އަދި އެމީހުންގެ މަސައްކަތު އުމުރު ނިމޭއިރު އެމީހުންނަށްވެސް އެކަށީގެންވާ ޕެންޝަނެއް އެ އުމުރު ހަމަވާ ފަހުންވެސް ލިބޭނެ ގޮތެއް އިންތިޒާމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ އޭނާގެ މެނިފެސްޓޯގައި އެންމެ ނިކަމެތި މީހާއަށް ނުވަތަ އެންމެ އާދައިގެ މީހާއަށް ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ނުރަސްމީކޮށް މަސައްކަތް ކުރާ މީހުންގެ ހައްގުތަކާއި ގުޅިގެން ކުރާނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ބަލައިގަނެ އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އެފަދަ މީހުން [އަމިއްލަ މަސައްކަތް ކުރާ މީހުން] ބަލައިގަތުން. ބަލައިގެންފައި ދައުލަތުން އެމީހުންނަށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި އަމިއްލަ މަސައްކަތް ކުރާ މީހުން ކުރާ މަސައްކަތުން އެމީހުންނަށް ބޭންކާއި ހިސާބުން އިތުރަށް ފައިނޭންސް ހޯދޭނެ ގޮތަކަށް ކަންތައްތައް ތަރުތީބު ކުރާނެ ކަމަށެވެ. ރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ބޭންކިން ނިޒާމުގެ ތެރެއިން ފައިސާ ހޯދުން ވޭނަކަށް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އަމިއްލަ މަސައްކަތް ކުރާ މީހުންގެ ރަޖިސްޓްރީއެއް ގާއިމު ކުރާނެ ކަމަށެވެ. އަދި އެމީހުން ކުރާ މަސައްކަތުން ލިބޭ އާމްދަނީއަކީ ބޭންކުންވެސް ބަލައިގަންނަ އެއްޗަކަށް ހަދާނެ ކަމަށެވެ. އާމްދަނީގެ ނިސްބަތުން ބަލާފައި އެ މީހުންނަށް ލޯން ހަމަޖެހޭނެ ގޮތެއް ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެބަ ފެނޭ އަޅުގަނޑުމެން ތެރޭގައި މިޔުޒިކު ކުޅޭ މީހުން، ފޮޓޯ ނަގާ މީހުން. މިފަދަ މަސައްކަތްތައް ކުރާ މީހުންނަށް ބަޔަކާ ހިސާބަށް ގޮސްގެން ފައިނޭންސް ހޯދުމަކީ ވަރަށް ދަތި ކަމަކަށް ވެފައި މިހާރު މި އޮންނަނީ،" ފާރިސް ވިދާޅުވި އެވެ.

"މެނިފެސްޓޯގައި މިކަހަލަ އެތައް ކަމެއް އަދިވެސް ހުންނާނެ. ކޮންމެ ބޭފުޅަކަށްވެސް ފައިދާވާ ގޮތަށް ކަންތައްތައް ބައްޓަން ކޮށްފަ ހުންނާނީ،" ފާރިސް ވިދާޅުވި އެވެ.