ފާރިސް މައުމޫން

އިންތިހާބު ކުރަން ޖެހޭނީ ޒިންމާ ނެގޭ މީހުން: ފާރިސް

ކަމެއް ވާއިރަށް އެހެން މީހުންގެ ބޮލުގައި އިލްޒާމު އެޅުވުމަށްފަހު އަމިއްލަ ޒިންމާ އިން ރެކިގަންނަ ބޭފުޅުން ވެރިކަމަށް އިންތިހާބު ނުކުރުމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަމުން ގެންދަވާ އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ވާހަކަފުޅުގައި ފާޑު ބަހުގެ ހަމަލާއެއް ދެއްވާފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް ލަފާކުރެވެ އެވެ.

"ހަމަ ކަމެއް ވާއިރަށް ކުރީ ސަރުކާރޭ އެހެން މީހެކޭ އިދިކޮޅޭ އެއޮށް ދާ މީހާއޭ އެކަން ކުރީ. ތިމަންނައެއް ނޫނޭ. މިހެން ބުނުން ހުއްޓާލަން އެބަޖެހޭ. މިހެން އަބަދު ބުނާ ބަޔަކު އިންތިހާބު ނުކުރައްވާށޭ އަޅުގަނޑު މިދަންނަވަނީ" ފާރިސްގެ ޖަގަހައެއް ހުޅުވުމުގެ ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ކޮރަޕްޝަންގެ ތެރެއިން ރައްޔިތުންގެ ފައިސާ ގެއްލި އެއަށް ވީގޮތް އެއަށްވީ ގޮތް ފަހުން އެނގޭ އިރުވެސް އެފަދަ އަމަލުތައް ހިންގާ މީހުންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށެވެ. ރައްޔިތުންގެ ފައިސާ އަނބުރާ ގެނެވޭނެ ގޮތެއް ނެތް ކަމަށް ބުނެ އެކަމުގައި އިތުރަށް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށްވެސް ވިދާޅުވި އެވެ.

"މި ކުރަނީ މަލާމާތް. ރައްޔިތުންނާ ދިމާއަށް މަލާމާތް މިކުރަނީ. ރައްޔިތުން އަތުން ޓެކްސް ފައިސާ ނަގާފައި ސިޔާސީ މީހުން އަތުން އޭތި އެކި ގޮތް ގޮތުން ބޭކާރުވެފައި، ގެއްލިފައި، ނޫނީ އެހެން އެކައުންޓު ތަކަށް ޖަމާކޮށްފައި ދެން މިބުނަނީ އޭތި [ފައިސާ] ހޯދޭނެ ގޮތެއް ނެތޭ" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިނގަމުންދާ ގޯސް އެއްވެސް ކަމެއްގައި ޒިންމާ ނަގާނެ މީހަކު މިހާރު ނެތް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިކުމެ ވޯޓުލާން ވާނީ ޒިންމާ ނަގަން ކެރޭ ވަރު މީހަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އޭނާ ކުރާ މަސައްކަތަކީ އޭނާގެ އަމިއްލަ މަސައްކަތެއް ނޫން ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ތަރައްގީ ގެނެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ރާއްޖެއެއް ހޯދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރަން މި އުޅޭ މަސައްކަތަކީ މި ރާއްޖޭގެ ނުފޫޒު ގަދަ މީހުން، މި ރާއްޖޭގެ ސިޔާސީ ގޮތުން ބާރުގަދަ މީހުން، މުއްސަދިން، މި އެންމެން ބޭނުންވާ ގޮތަކަށް އެކަނި ކަންތައްތައް ދާތީ އެކަން ބަދަލުކުރަން މަސައްކަތް މިކުރަނީ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން 90 އިންސައްތަ އަށް ވުރެ ގިނަ މީހުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށެވެ. އަދި އެކަން ބަދަލުކޮށް މުއްސަދިންނަށް ވަކި ގޮތެއް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ނިކަމެތިން ސަރުކާރުގެ އެކިއެކި އެހީތެރިކަމަށް އަބަދު އެދެން ޖެހެނީ އެމީހުންގެ އަތުގައި ފޯރުންތެރިކަން ނެތުމުން ކަމަށެވެ. އަދި އެ ފޯރުންތެރިކަން ނެތީ ދައުލަތުން އެކަން އެމީހުންނަށް އަމިއްލައަށް މަސައްކަތް ކުރެވޭނެ ގޮތެއް ނުވަތަ އެކަށީގެންވާ ވަޒީފާއެއް އަދާކޮށް، އެކަށީގެންވާ މުސާރައެއް ލިބޭނެ މަގު ފަހިކޮށްދީފަ ނުވާތީ ކަމުގައިވެސް ވިދާޅުވި އެވެ.

"އަބަދުވެސް މި ބައިތިއްބަނީ ދައުލަތުގައި، ސަރުކާރުގައި ސިޔާސީ މީހުން ކައިރީ ކަންކަމަށް އެދޭ ހާލަތުގައި. އަޅުގަނޑު ދަންނަވާނީ ގަސްތުގައޭ އެގޮތަށް ބައިތިއްބާފައި އެތިބީ. މިކަމުން އެބަޖެހޭ ސަލާމަތްވާން. މިކަމުން އެބަޖެހޭ ހަށިފޮޅާލާފައި ނިކުންނަން. މިހެނެއް ނުބޭތިއްބޭނެ،" ފާރިސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތުގައި ހުރިހާ އެންމެންވެސް އެއްބާރުލައިގެން މިކަންތައްތައް ބަދަލުކުރަން ނިކުންނަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ވާހަކަތައް ވަކި ފަރާތަކަށް އަމާޒު ނުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިދަންނަވަނީ ވަކި ސިޔާސީ ފަރާތެއްގެ ވާހަކަ އެއް ނޫން. ވަކި ސިޔާސީ ޕާޓީ އެއްގެ ވާހަކަ އެއް ނޫން. ހުރިހާ އެންމެންވެސް ކަންކުރަނީ އެގޮތަށް. އެހެންވެ ދިވެހި ރައްޔިތުން އެދޭ ގޮތަކަށް ނޫން ސަރުކާރުތައް އައިސް މަސައްކަތް ކުރަމުން މި ދަނީ،" މަދު ބަޔަކާ އެކު ބޭއްވި ބައްދަލުވުމުގައި ފާރިސް ވިދާޅުވި އެވެ.