ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ދެވަނަ ފަހަރަށް ހައްޔަރުކޮށްފައިވާ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމައިފި އެވެ.
ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ ފަތިހު 5:08 ހާއިރު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން މައްސަލައިގައި ތުހުމަތުކުރެވޭ ގައްބަރޭ ހައްޔަރުކުރެެވުނީ ފިލައިގެން އުޅުމަށްފަހު އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން މިދިޔަ މެއި މަހުގެ 30 ވަަނަ ދުވަހު އެވެ.
ގައްބަރޭ އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުގައި މަހެއްވަރު ބެހެއްޓުމަށްފަހު ޝަރުތުތަކަކާ އެކު ކްރިމިނަލް ކޯޓުން އޭނާ މިނިވަންކުރީ މިދިޔަ ޖުލައި ހަވަނަ ދުވަހު އެވެ.
ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ހަފްތާ ހައިކޯޓުން ވަނީ ގައްބަރޭއާއި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެހެން މީހުން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފަ އެެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އޭނާ ބަންދުކުރުމަށް ދައުލަތުން އެ މައްސަލަ ދަށު ކޯޓަށް ހުށަހަޅައިފިނަމަ އޭނާ ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށްވެސް ހައިކޯޓުން އަމުރުކޮށްފައިވެ އެވެ.
ހައިކޯޓުން ދިން މުއްދަތުގެ ތެރޭގައި ގައްބަރޭ ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ގައްބަރޭ ބަންދުކުރަން އިއްޔެ އަމުރުކޮށްފަ އެވެ.
ޒަރީރު އިން ކެފޭއަށް ވަދެ ގައްބަރޭ އެންމެ ފުރަތަމަ ހަމަލާދީފައިވަނީ އަތުންނެވެ. ފަހުން މަރުތޭލަކުން ޒަރީރުގެ ސިކުނޑިވަޅާ ދިމާލުގައި ޖެހުމަށްފަހު އޭނާގެ ގައިގެ އެތައް ފަހަރަކު ޖެހުމަށްފަހު ގައްބަރޭ އެތަނުން ދިޔައީ ކަން ކޯޓުގައި ދެކެވިފައި ހުރި ވާހަކަތަކުން އެނގެ އެވެ.
ގައްބަރޭ އަކީ ޒަރީރު ވެސް ނިސްބަތްވާ އެމްޑީޕީގެ މައްޗަށް ގޮޅި ދާއިރާއެއްގެ ރައީސެކެވެ. ގައްބަރޭގެ މާޒީއަށް ބަލާއިރު އޭނާ އަކީ މަރުގެ މައްސަލައެއްގައި ކުރިންވެސް ދައުވާ އުފުލުނު މީހެކެވެ ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އޭރު ސަލާމަތްވީ އެވެ. ފުލުހުން ގެންގުޅޭ ނުރައްކާތެރި ކުށްވެރިންގެ ލިސްޓުގައި ގައްބަރޭގެ ނަން އޮވެ އެވެ.