ގާސިމް އިބްރާހިމް

ރައީސް ސޯލިހަށް ކުށް ކުރެވިއްޖެ، ނިކުމެ މިހުރީ ސަލާމަތްކޮށްދޭން: ގާސިމް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަލާމަތް ކުރެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ށ. ކަނޑިތީމުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ ރައީސް ސޯލިހު ހުންނެވީ ބައެއްގެ އަތްދަށުގައި ފިތިބާރުވެފައި ކަމަށެވެ.

ގާސިމް މިހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލައިގެ އިތުރުން ރާއްޖޭގެ ދެކުނުގެ ކަނޑުގެ މައްސަލައިގައި މިސަރުކާރުން އަމަލުކުރި ގޮތަށް ފާޑުވިދާޅުވަމުންނެވެ.

ގާސިމް ވަނީ މީގެ ކުރިންވެސް ސަރުކާރުން ޗާގޯސް މައްސަލަ ނިންމި ގޮތާ މެދު ފާޑުވިދާޅުވެފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި މޮރިޝަސްގެ ސަރުކާރަށް ރައީސް ސޯލިހް ފޮނުއްވި ސިޓީ ސަރުކާރުން ހާމަކޮށްފައި ނުވާތީ ގާސިމު ވިދާޅުވި އެގޮތަށް ކަންކަން ދިމާވީ ރައީސް ސޯލިހް ބައެއްގެ އަތްދަށުގައި ފިތިބާރުވެފައި ހުންނެވުމުން ކަމަށެވެ. އެހެންވެ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވީ ރައީސް ސޯލިހް އެކަމުން ސަލާމަތްކޮށްދެއްވުމަށް ކަމަށްވެސް ވިދާޅުވި އެވެ.

""ކޮންމެ ފަދަ ހަޑިއެއްޗެއް ގޮވިޔަސް އަޑުއިވި ވަޑައިގަންނަވާ ކަމަށް ވެސް ނުހައްދަވާ. ތަކަށް ކިޔަނީ މަރިޔަނބޭ ވެސް ހީނުކޮށް، އެ ހުންނަވަނީ އެ މަނިކުފާނަށް ކާންބޯން ލިބިވަޑައިނުގަންނަވައިގެންތޯ؟ އެހެނެއް ނޫން. އަޅުގަނޑަށް ވިސްނޭ ގޮތުގައި ކޮންމެވެސް ބައެއްގެ އަތްގައި ދަށުގައި ދަށުވެ، ފިތި ބާރުވެފައި އެ ހުންނެވީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ މައްސަލައިގައި ސަރުކާރުން އަމަމަލުކުރި ގޮތާ މެދު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ކަންބޮޑުވާން ޖެހޭ ކަމަށެވެ.

ކަނޑުގެ ސަރަހައްދު ވަކިކުުރުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ކަންކުރެއްވީ ގާނޫނާއި ހިލާފަށް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. މިކަމުގައި ގާނޫނުއަސާސީއާއި ހިލާފު ނުވެވޭނެ ހަމައެކަނި ގޮތަކީ ރައްޔިތުންނަށް އެ ސިޓީގައިވާ އެއްޗެއް ދެއްކެވުން ކަމަށް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ގާނޫނޫއަސާސީގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށެވެ. ރައީސް ސޯލިހަށް ކުރެވިފައި އެވަނީ ވަރަށް ބޮޑު ކުށެއް ކަމަށާއި އަދި އެއީ ގައުމަސް ވެވޭ އެންމެ ބޮޑު ހިޔާނާތް ކަމަށްވެސް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ މި ވާހަކަ އަކީ ނުދައްކާ ހުރެވޭ ވަރަށް ވުރެ ސީރިއަސް ވާހަކަައެއް ކަމަށެވެ. ސަރުކާރުން އޭނާ އާއި މެދު ކޮންމެ ގޮތެއް ހެދި ކަމުގައިވިޔަސް އެ ވާހަކަ ނުދައްކާ ނުހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަންތައްތަކާ ހެދި އަޅުގަނޑަށް ދެން ކެތްނުކުރެވުނީ. އެއް ކަންތަކަށް ވުރެ ގިނަ ކަންތައް ހައްދުފަހަނައަޅާ ދާތީ. ތަފްސީލު ނޭނގޭތީ،" ގާސިމު ވިދާޅުވި އެވެ.