ފާރިސް މައުމޫން

ކެމްޕޭންގައި ފާރިސް ފުރަތަމަ ފަހަރަށް އަތޮޅު ތެރެއަށް

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އަތޮޅު ތެރެއަށް ވަޑައިގެން ފުރަތަމަ ފަހަރަށް ކެމްޕޭން ހަރަކާތްތައް ފައްޓަވައިފި އެވެ.

ފާރިސްގެ ކެމްޕޭންގައި މިއަދު ފުރަތަމަ ވަޑައިގަތީ ކ. އަތޮޅުގައި މާލެއާއި އެންމެ ގާތުގައިވާ ބައެއް ރަށްތަކަށެވެ. އެގޮތުން ތުލުސްދޫ، ހުރާ އަދި ހިންމަފުށްޓަށް ފާރިސް މިއަދު ވަނީ ވަޑައިގެންފަ އެވެ.

މިރަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާ އޭނާގެ ސިޔާސަތުތައް މީހުންނަށް އޮޅުންފިލުއްވައިދިނުމުގެ މަސައްކަތްތައް ފާރިސް ކުރައްވާފައިވެ އެވެ.

ފާރިސްގެ މިދަތުރުގައި އޭނާގެ އަރިހުގައި ވަރުގަދަ ކެމްޕޭން ޓީމެއް އުޅޭތީއެއް ނުފެނެ އެވެ.

ފާރިސް ރޭގެ ވަގުތެއްގައި ވަނީ މާލޭގެ މާފަންނު އަވަށުގައި އޭނާގެ ފުރަތަމަ ޖަގަހަ ހުޅުވާފަ އެވެ.

ކ. އަތޮޅުގައި ފާރިސް ކެމްޕޭން ކުރައްވާއިރު އޭނާގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު މިވަގުތު ހުންނެވީ ކެމްޕޭންގައި ބ. އަތޮޅު ގައެވެ.

ފާރިސް ގެންދަވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނެސްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.