ވާހަކަ

ގަހަނާ ފޮށި

( 13 އޯގަސްޓް 2023 އާ ގުޅޭ )

އަހަރެން ކޮފީ ހުސްކުރި ޖޯޑު ހިފައިގެން ބަދިގެއަށް އައުމުން ފަޒީލު ހިނގައިގަތީ އޭނާގެ މަންމައާއި ފައިސަލް ކައިރިޔަށް ދާށެވެ. އަހަރެން ބަދިގެއިން ނުނިކުންނަނިސް އެދިމާއަށް އެމީހުން އަންނަ އަޑު އިވުނެވެ. އެމީހުން އައިސް ބަދިގެއަށް ވަނުމުން އަހަރެން އަވަހަށް ހިނގައިގަތީ ނުކުންނާށެވެ.

"ދަނީތަ. ކޮންއިރަކުން ފުރަނީ." އެ އަންހެން މީހާ އަހަރެންނާ ވާހަކަދެއްކިއެވެ. އަހަރެންނަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. ފުރާ އިރެއް އޭނާ ބަލަންވީ ކީއްވެބާއޭ ހިތަށް އެރިއެވެ.

* * * * *

ކޮޓަރިން ނުކުމެވެން ހުރި ބެލްކަނީގެ ލަކުޑި ރެއިލިންގައި އަތްއަޅުވާލައިގެން އަހަރެން ހުރީމެވެ. ފައިސަލްގެ މަންމައާ މެދު ވިސްނާށެވެ. އޭނާ އަހަރެންނާ ނިކަން ސުވާލުކުރިއެވެ. އަހަރެންގެ ވަނަވަރު ފަޒީލު ކިޔާދިނެވެ. އަހަރެންނާ ބެހޭ ގޮތުން ފަޒީލަށްވުރެ ބޮޑަށް ފައިސަލްއަށް މިހާރު އެނގޭނެއެވެ. ނަމަވެސް އޭނާގެ މަންމަގެ ކުރިމަތީ ފައިސަލް ޚިޔާރުކުރީ ހިމޭންކަމެވެ. އަހަރެންގެ ވާހަކަދެކެވެމުންދިޔައިރު ކުޑަމިނުން އަހަރެންނާ ދިމާއަށް ފައިސަލް ބަލާ ވެސް ނުލިކަން ފާހަގަވިއެވެ. ރަށަށް އައީ ގާތް ރަޙުމަތްތެރިޔަކާއެކީކަން އެނގުމުން އޭނާގެ ގޭގައި ނުހުރީ ކީއްވެތޯ ފައިސަލްގެ މަންމަ ސުވާލު ކުރިއެވެ. އަހަރެން އެ ގެސްޓްހައުސްގައި ހުރުމާމެދު އޭނާ އެހާ ހިތްހަމަޖެހޭ ހެނެއް ހިޔެއްނުވެއެވެ. ގައިމުވެސް ވާހަކަ ހުރީ އެކަހަލަ ގޮތަކަށެވެ.

"ފައިސަލްއަކީ ކޮންކަހަލަ މީހެއްކަން އޭނާގެ މަންމައަށް އެނގޭބާ. ހަމަ ހުރެފައި މީހަކު މަރާލާކަށް ނުކުރޭނެ... އެއީ ހަމަ ސައިކޯޕެތްއެއް. އެކަމަކު މީހާ ހަމަހުރެފައި އެކަހަލަ މީހަކަށް ބަދަލުވެދާނެތަ. މެންޓަލް ކަމެއް ހުރެ އެކަން ފާހަގަނުވެ މިހާ ދުވަހު ހުރެދާނޭ ހިޔެއްނުވޭ. އެހެންވެއްޖެއްޔާ އޭނާގެ ފެމެލީ މީހުންނަށް އޮންނާނީ ކޮންމެވެސް ކަމެއް ފާހަގަވެފައި. ބައެއްފަހަރު ފެމެލީއިން އެކަހަލަ މީހުން ރައްކާތެރިކުރަން މަސައްކަތްކުރޭ... އެކަމަކު އެއީ ކިހާ ނުރައްކާތެރި ކަމެއް. ފަޒީލާއި އޭނާގެ މަންމަ އަނެއްކާ ފައިސަލްއަށް އެފަދަ ހިމާޔަތެއް ދެނީކީ ނޫންބާ." ކުރީން ވިސްނުން ހިންގާލެވިފައިނުވާ ދިމާއަކަށް އަހަރެންގެ ވިސްނުން ދިޔައެވެ.

"އަހަރެންދެކެ ރުޅި އައިކަން އެނގޭ." ކުއްލިއަކަށް އަހަރެންގެ ކައިރިން އިވުނީ ޝިފާލީގެ ސޫރައިގައި ވާހަކަދައްކާ މަހުލޫގުގެ އަޑެވެ. އެއާއެކު ކައިރީގައި މީހަކު ހުރި ކަހަލަ އިޙްސާސެއް ކުރެވިގެންދިޔައެވެ. ނަމަވެސް އަހަރެންގެ ލޮލަށް އޭނާއެއް ނުފެނެއެވެ. ސިހުން ލިބުނެއްކަމަކު ހިތަކު ބިރެއް މިހާރު ނެތެވެ. ފައިސަލްގެ މަންމަގެ ޚިޔާލުތަކުން އަހަރެންނަށް ނުކުންނަން ޖެހުނީއެވެ.

"އަހަރެންގެ ހަށިގަނޑު އެގޮތަށް ބޭނުންކުރީމަ. ރޭގައި ވީކަންތައް ތަކުރާރުވާކަށް ނޭދެން." އަހަރެން ބުނީމެވެ.

"ފައިސަލްއަށް ނޫނެކޭ ބުނަން ލަސްވެއްޖެކަން އެނގެއެއްނު. އަހަރެން މެދުވެރިނުވިނަމަ ރޭގައި ފައިސަލްއަށް ޝައްކުވީސް. އާނިޔާއަށް އަންނަ ކޮންމެ ބަދަލެއް އޭނާ ކުޅަދާނަކަމާއެކު ދެނެގަންނާނެ. އިތުމީނާމެން ގޭގައި އާނިޔާ ހުރީތީ އޭގެ ބަދަލު ރޭގައި ފައިސަލް ބޭނުންވީ. އޭނާ ހިތްހަމަޖައްސައިގެން ނޫނީ މިކަމެއްނުވާނެ. އަހަރެންގެ މަޤްޞަދު ހާސިލުވުމުގެ ކުރީން ފައިސަލްއަށް ޝައްކެއްވެދާނެހެން ހީވާ ކޮންމެ ވަގުތަކު ތި ދެމެދަށް އަހަރެން ދެން ވެސް ވަންނާނަން. އެކަމަށް އަހަރެން އާނިޔާގެ ހުއްދައެއް ނުހޯދާނަން." އޭނާ ބުންޏެވެ.

ފައިސަލްގެ ހަޤީޤަތް އެނގުމުން އޭނާއާ ގާތްވާން ކެރޭނީ ކާކަށް ހެއްޔެވެ. ޤާތިލެއްކަން އެނގިހުރެ އޭނާގެ ބީހުންތަކަށް މަރުޙަބާ ކިޔާނީ ކިހިނެއް ހެއްޔެވެ. އޭނާގެ ހިތް އުފާކޮށްދިނުމުގައި އަހަރެން އުޅޭންވީ ފުރާނަ އަތްމައްޗަށް ލައިގެން ހެއްޔެވެ. އަހަރެންނަށް މި އައި ބަދަލަކީ ގަސްދުގައި އައިސްގެން އުޅޭ ބަދަލެއްނޫނެވެ. ފައިސަލްއާ ކުރިމަތިލާކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. ހަޤީޤަތް އެނގުނު ވަގުތުން ފެށިގެން އަހަރެން މިހުންނަނީ މިތަނުން ދާން ބޭނުންވެފައެވެ. އެކަމަކު މިހާރު މިހުރީ ހައްޔަރުވެފައެވެ. ފުރުޞަތު ލިބި އެވަރު ނުދަތުމުގެ ނަތީޖާއެވެ. އެ މަހުލޫގުގެ މަޤްޞަދު ހާސިލު ނުވަނީސް އަހަރެންނަށް ފައިސަލްއާ ދުރަށް ދެވޭކަށް ނެތެވެ. ދިޔަކަ ނުވެސް ދޭނެއެވެ.

"ފައިސަލްގެ ޢާއިލާއާ ބެހޭ ގޮތުން ކަލެއަށް އެއްވެސް އެއްޗެއް އެނގޭތަ؟. އޭނާގެ ބައްޕަ ވެސް މި ރަށުން އަންހެނަކު މަރައިގެން އުމުރަށް ޖަލަށް ލާފައި ހުންނަނީ. އެކަމާ ބެހޭ ގޮތުން އެނގޭތަ... މީހުން މަރާ މީހުންގެ ދަރީން އެމީހުން ގޮތަށް ބަދަލުވުމަކީ ވެދާނެ ގޮތެއް." ރުޅި އައުމަކުން ކުރާނޭ ފައިދާއެއް ނެތްކަން އެނގޭތީ ޖަދަލުނުކޮށް އަހަރެން ބެލީ އޭނާގެ ކިބައިން އިތުރަށް ފައިސަލްއާ ބެހޭ ގޮތުން އޮޅުންފިލާތޯއެވެ.

"އޭނާގެ މަންމަ ކަމެއް ސިއްރުކުރޭ. އޭނާ ފައިސަލް ކައިރިން އާނިޔާ މިތާ ބެހެއްޓީ ކީއްވެތޯ ސުވާލު ކުރި. ފައިސަލް ބުނީ އާނިޔާ މި ގެސްޓްހައުސްއަށް ގެނައީ ފަޒީލުކަމަށް. ގެސްޓްހައުސްގައި ހުރެވޭނޭ އިންތިޒާމު ހަމަޖައްސާފައިކަމަށް ފައިސަލް ކައިރީ ވެސް ބުނީ. އާނިޔާ މިތާ ހުންނާކަށް އެމީހުންގެ މަންމަ ބޭނުމެއްނުވާކަން މަށަށް ވެސް އެނގޭ. އެކަމަކު އެކަކަށް ވެސް މިތަނުން އާނިޔާ ފޮނުވައެއް ނުލެވޭނެ." އެ މަހުލޫގުގެ ފަހު ޖުމްލަ ބުނެލީ ނިކަން ޔަގީންކަމާއެކީއެވެ. އެ ނިންމުން އޮތީ އޭނާގެ ބާރުގެ ދަށުގައޭ އަހަރެންނަށް އަންގާލި ކަހަލައެވެ.

"އޭނަ މަންމަ ސިއްރުކުރާ ކަމެއް އެނގޭތަ؟." އަހަރެން އެހީމެވެ.

"ނޭނގޭ. މުހިންމެއްނޫން." އޭނާ ބުންޏެވެ. އަހަރެންނަށް ތުންފިއްތާލެވުނެވެ. މިކަމުގެ އެންމެ ފުނަށް ފީނައި ހުރިހާ ކޮޅަކުން ހަޤީޤަތް ހޯދަން އަހަރެން ބޭނުންވީ ނަމަވެސް އެ މަހުލޫގަށް އެއިން އެއްވެސް ކަމެއް މުހިންމެއްނޫނެވެ. އޭނާއަށް މުހިންމު ނޫންވީމާ ހުރިހާ ހަޤީޤަތެއް ބަލާ ހޯދަން އެއްބަހެއްނުވެއެވެ. އޭނާއަށް ވެސް އެއީ އިތުރު މަސައްކަތްވީމާ ކަންނޭނގެއެވެ. އޭނާއަށް ފައިސަލްއަކީ ހަމައެކަނި ޝިފާލީގެ ޤާތިލެވެ. އިންސާފު ހޯދަދޭން ބޭނުންވަނީ ޝިފާލީއަށެވެ. ދުނިޔެއަށް ހާމަކުރާން ބޭނުންވަނީ ޝިފާލީގެ މަރުގެ ހަޤީޤަތެވެ. އެކަން ކުރީ ފައިސަލްކަމެވެ. އަހަރެންނަށް އެގޮތް ކަމުނުދަނީއެވެ. ޖަވާބު އެނގެން ބޭނުންވާ އެތައް ސުވާލެއް ހުރީމައެވެ. ޝިފާލީގެ މަރާ ހިސާބުން އިތުރަށް ނުބަލާ ނިންމާލައިފިނަމަ މިވެގެން އުޅޭ ގޮތެއް ވަށާނުޖެހޭނެކަން އެނގޭތީއެވެ.

"ހޫދު ރަށަށް އައިކަން ފައިސަލްއަށް އެނގުނު ގޮތެއް އެނގޭތަ." ޖަވާބު ލިބިދާނޭކަމަށް އެހެން ސުވާލެއް އަހަރެން ކުރީމެވެ.

"ރަށުތެރޭން ފެނުނީ." އެ މަހުލޫގު ބުންޏެވެ. އެ ޖަވާބުން އަހަރެންގެ ހިތެއް ނުފުރުނެވެ. ހުރިހާކަމެއް ފަހުމްވާނޭހާ ތަފްސީލުކޮށް އޭނާ ވާހަކަނުދެއްކުމަކީ އަހަރެންގެ ރުޅިގަދަވާ ކަމެވެ. އޮޅުންފިލާވަރު ވާނީ އެތައް ސުވާލެއް ކުރާ ފަހުންނެވެ. ގިނަފަހަރަށް އޭނާ އެހެން ހަދަނީ ޝިފާލީއާ ނުގުޅޭ ކަމެއް އޮޅުންފިލުވަން އަހަރެން އުޅޭނަމައެވެ.

"އެކަމަކު އެއީ ކޮންހިސާބެއް. ފައިސަލް އެހިސާބަށް ދިޔައީތަ؟. ފާރަލީތަ." އަހަރެން އެހީމެވެ.

"އާނިޔާ އެ ގޭގައި ހުރިއިރު އޭނާ އެ ގޭ ދޮށުން ދުއްވާ. ހަވީރު ނުކުމެ އުޅެނިކޮށް އޭނާއަށް ހޫދު ފެނުނީ އެ ހިސާބު ފިހާރައެއްގެ ތެރެއިން. ފައިސަލްއަށް އޭނާ ރަށަށް އައިސް އުޅޭކަން އެނގުނީ އެހެންވެ." އޭނާ މިފަހަރު ތަންކޮޅެއް ރަނގަޅަށް ކިޔާދީފިއެވެ. ފައިސަލް އަހަރެން ކައިރީ ބުނިގޮތާ ދިމާ ވެސް ވެއްޖެއެވެ.

"އެ ދެ މީހުން ވާހަކަދެއްކިތަ. ފެނުނުތަ އެކަކުއަނެކަކަށް." އަދިވެސް އިތުރަށް އެނގެން ބޭނުންވެ އަހަރެން އެހީމެވެ. ފައިސަލް ކަންކަން ސިއްރުކުރާ ފަދައިން ހޫދު ވެސް އަހަރެން ކައިރީ ނުބުނެ ހުރެދާނޭ ހީވާތީއެވެ. އެ ދެ މީހުން ކުރިމަތިލިޔަސް އަހަރެން ކައިރީ ނުބުނެ ތިބެދާނެތީއެވެ.

"ފައިސަލް ބަލަން ހުރީ. އޭނާއަކީ މީހަކާ ކުރިމަތިލާނޭ މީހެއްނޫން. ބައެއްގެ ސަމާލުކަން ހުއްޓޭފަދަ ކަމެއް އޭނާ ނުކުރާނެ." އެ މަހުލޫގު އަހަރެންނަށް ޖަވާބު ދިނެވެ. އޭނާ ފައިސަލްއާ މެދު އެ ދެއްކި ވާހަކަތައް އަހަރެންނަށް ވެސް ޤަބޫލުކުރެވެއެވެ. އަހަރެމެންގެ ދެމެދަށް ދެންވެރިވީ ހިމޭންކަމެވެ. އެހެންވިޔަސް އޭނާ ހުރިކަމުގެ އިޙްސާސް އަހަރެންނަށް ކުރެވެއެވެ. އެގޮތުގައި އިރުކޮޅެއް ވުމަށްފަހު އޭނާ ވާހަކަދެއްކިއެވެ.

"އަހަރެން ބޭނުމީ ފައިސަލް ދިރިއުޅޭ ތަނަށް ވަންނަން. އާނިޔާ އެ ފުރުޞަތު ހޯދަންވީ." އޭނާ ބުންޏެވެ.

"އިހަށް މަޑުކޮށްބަލަ... ހޫދުގެ ޚަބަރެއްވަންދެން. އޭނާގެ އެހީ މިކަމުގައި ބޭނުންވާނެތީ ހުރިހާ ވާހަކައެއް ކިޔާދިނީ." އަހަރެން ވަގުތުން ބުނީމެވެ. ހަޤީޤަތުގައި ހޫދަށް ނޭނގި އަހަރެން ފިޔަވަޅެއް ނަގަން ބިރުގަތީއެވެ. އަމިއްލަ ރައްކާތެރިކަމަށް ވިސްނާލާފައެވެ.

"އޭނާގެ އެހީއެއް އަހަރެންނަށް ބޭނުމެއްނުވޭ." ކެތްތެރިކަމެއްނެތް ފަދައިން އޭނާ ބުންޏެވެ.

"އަހަރެން އެބަގުޅަން ހޫދަށް. ފައިސަލްއަކީ އިންސާނަކަށްވާއިރު އޭނާގެ މައްޗަށް ހިނގާނީ އަހަރެމެންގެ ހުކުމް. އެހެންވީމަ އޭނާ ކުރި ކުށުގައި ހައްޔަރުކުރަން ހޫދުގެ އެހީ ބޭނުންވާނެ." އަހަރެން މިހެން ބުނެ ކޮޓަރި ތެރެއަށް ވަނީމެވެ. އެނދުކައިރީ ފޮރުވި ފޯނު ނަގަން އެ ދިމާއަށް ތިރިވެ ރަގުމަތީ އިށީނީމެވެ. އަދި ސިއްރުން ފޯނު ނެގުމާއެކު ހޫދަށް މެސެޖުކުރީމެވެ. އެއާއެކު އޭނާ ގުޅައިފިއެވެ.

"ކަމެއްވީތަ؟." އަހަރެން ފޯނުކޯލު ނެގުމާއެކު ހޫދު އަހާލިއެވެ.

"އަހަރެން ބުނި ކަންތައް." އަހަރެން ބުނެލީމެވެ. އެވަރުން ހޫދު ނަގައިގެންފިއެވެ.

"މިހާރު ވެސް މިއުޅެނީ އެކަމުގައި. ބޮޑުމީހާ މާލޭކޮޅަށް ގުޅައިގެން އެއުޅެނީ. އެކޮޅުން ޓީމެއް އައިސްގެން އޮޕަރޭޝަން ފެށެން އޮތީ. އެބަލަނީ ދެ ދުވަސްތެރޭ ހުރިހާކަމެއް ހަމަޖެހޭތޯ. އޭރުން ތިކޮޅަށް ފުލް ޓީމު ނައްޓާލާނެ. ފައިސަލް ބައްޕަގެ އެއްޗެހި އެބަހުރި ލިބިފައި... އޭނާ ބައްޕައަށް ކިޔަނީ ޒުހޫރު، ޖަލުގައި ހުރިއިރު ޢާއިލާއިން އެއްވެސް މީހަކު އޭނާއާ ބައްދަލުކޮށްފައެއް ނުވޭ. ފައިސަލްއާއި ފަޒީލު ވެސް ނާދޭ އެމީހުންގެ ބައްޕަ ކައިރިއަށް." ހޫދު ބުންޏެވެ.

"ފައިސަލްގެ ބައްޕަ މަރާލިކަމަށް އެބުނާ އަންހެންމީހަކީ ކާކު. އަނުމްތަ އޭނާއަށް ކިޔަނީ." އަހަރެން އެހީމެވެ. ދެކަކުލުގައި އަތްއަޅުވާލައިގެން އަތުގެތެރެއަށް ބޯ ލައިގެން އިންގޮތުން މީހަކަށް އަހަރެން އިނީ ފޯނެއްގައިކަމެއް ނޭނގޭނެއެވެ. އަހަރެންނަށް ފެންނާނޭހެން ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރުކައިރީ ޝިފާލީގެ ސޫރައިގައި އުޅޭ މަހުލޫގު މަޑުކޮށްލައިގެން ހުއްޓެވެ. އަހަރެންނާއި ހޫދު ދައްކަމުންދިޔަ ވާހަކަ ނިމެންދެންކަން އޭނާ އެ ހުންނަނީ އެނގެއެވެ. އަދި އަހަރެމެންގެ ވާހަކަ އޭނާ ވެސް އަޑު އަހަމުންކަން އެ ދަނީ އެނގެއެވެ.

"އަނުމް... އަނުމްއެއް ނޫން ކިޔަނީ... މަޑުކުރައްޗޭ." ހޫދު ބުންޏެވެ. އޭނާ ކޮންމެވެސް ކަމެއް ކުރާ އަޑު އިވެއެވެ. އިރުކޮޅަކުން އަހަރެންގެ ނަމުން ހޫދު ގޮވާލިއެވެ. ފޯނުގައި އެބަ އިނިންކަން އަހަރެން ބުނެލީމާ ހޫދު ވާހަކަ ދައްކަން ފެށިއެވެ.

"ހަނދުވަރީގޭ އަބްދުﷲއާއި މަރިޔަންގެ ހަމައެކަނި އަންހެންދަރި. ކިޔަނީ... ލުބުނާ. އުމުރުން އެކާވީސް އަހަރު. އޮޓޯޕްސީ ރިޕޯޓްތަކުން އޭނާ ޕްރެގްކަމަށް އޮތީ. އެކަމަކު ބޭބީ ފެނިފައެއް ނުވޭ. ހަމަލާދިނުމަށް ބޭނުންކޮށްފައިވާ މައިގަނޑު ހަތިޔާރެއްކަމަށް އޮތީ މަސްކޮށާ ބޮޑުވަޅިއެއް. ބުރަކަށީގައި ހުރި ޒަޚަމްއަކީ ލުބުނާގެ ހަށިގަނޑާއެކު ފެނުނު ވަޅިން ލިބިފައިވާ ޒަޚަމެއްނޫންކަމަށްވަނީ. ވަޅިއަކަށްވުރެ ހިމަކޮށް ފުންކޮށް އެއްޗެއް ވަދެފައި ހުރިކަމަށްވަނީ. އެ ޒަޚަމް ލިބެން މެދުވެރިވި ހަތިޔާރު ފެނިފައެއްނުވޭ. ޒުހޫރު އެއްބަސްވެފައިވަނީ އޭނާ އޭރު އުޅުނީ ލުބުނާއާ ރައްޓެހިވެގެންކަމަށް. އަދި ކައިވެނި ކުރަން ނިންމާފައިވާކަމަށް. އޭނާ ލުބުނާ މަރާލި ކަމަކަށް އެއްބަހެއްނުވޭ. ޒުހޫރު ބުނަނީ އޭނާއެއްނޫންކަމަށް އެކަން ކުރީ. އޭނާ ލުބުނާދެކެ ލޯބިވާކަމަށް. ދެ މީހުން ގުޅިގެން އުޅުނީ ލޯބިން، ލުބުނާގެ މަންމަގެ ރުހުމުގައި ކަމަށް. ލުބުނާގެ ބައްޕަ މަރުވެފައިވަނީ. ހުންނަނީ މަންމަ އެކަނި. ލުބުނާގެ ޚަބަރެއް ނުވެގެން އޭނާ ވެސް ލުބުނާ ހޯދަން މަސައްކަތް ކުރިކަމަށް ބުނެފައިވޭ. އޭނާ ނުކުރަމޭ ބުންޏަސް އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ފެނުނު. އޭނާ ނުކުރަންޏާ ލުބުނާއަށް އެހެން ހެދީ ކާކުތޯ އެހުމުން އެ ސުވާލަށް ޒުހޫރު ޖަވާބު ދީފައި ނުވާކަމަށްވަނީ." ހޫދު ވާހަކަދައްކަމުންދިޔައިރު ހީވީ އެއްޗެއް ބަލައިގެން އޭގައި ހުރި މަޢުލޫމާތުތައް ކިޔައިދެމުންދިޔަ ހެންނެވެ.

"ޒުހޫރުގެ އަނބިމީހާ... ފައިސަލްމެންގެ މަންމައާ ސުވާލެއް ނުކުރޭތަ. މިއަދު އޭނަ މިކޮޅަށް އައީތީ އަހަރެންނާ މީޓުވެއްޖެ. ފައިސަލްއާއި ފަޒީލު ހާދަ ވައްތަރޭ އެ މީހުންގެ މަންމައާ. އެވަރުގެ ކަމެއް ހިނގިއިރު އޭނާގެ ބަހަކީ ކޮބާ." އަހަރެން ބުނީމެވެ.

"ޒުހޫރު ޖަލުގައި ހުރެ އޭނާގެ އަންހެނުން، ފަރީޝާ ވަރިކޮށްފައިވަނީ. އޭނާގެ މައްޗަށް ހުކުން ކުރިތާ އަހަރު ފަހުން... ފަރީޝާގެ ބަޔާނުގައި އޮތީ ޒުހޫރު ކައިވެނިން ބޭރުން ގުޅުމެއް ހިންގާކަމަށް ޝައްކުވާކަން. އެކަމަކު އެކަމާ އެމީހުންގެ ދެމެދުގައި ވާހަކަދެއްކިފައި ނުވާކަން. ކުރެވޭ ޝައްކުގެ މައްޗަށް ޒުހޫރާ ސުވާލުކުރަން ފަރީޝާ ބޭނުންނުވީ. ލުބުނާއާއި ޒުހޫރު ގުޅިގެން ކަމެއް އުޅެނީ އެއްވެސް ވަރަކަށް ފަރީޝާއަށް ނޭނގޭކަމަށް. ޒުހޫރު ދެވަނަ ކައިވެންޏެއް ކުރަން ވިސްނާ ވާހަކަ ދައްކާކަމަށްވަނީ. އެކަމަކު އެއީ އޭނާ ހަޤީޤަތުގައި ވެސް ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވެގެން ދައްކާ ވާހަކަކަމެއް ފަރީޝާ ހީނުކުރާކަމަށް. ޒުހޫރުގެ އުޅުން ހުރީ އާންމުކޮށް އޭނާ އުޅޭ ގޮތަކަށްކަމަށް ވެސް އޭނާ ބުނެފައިވޭ. ބަދަލެއް އައިކަން ފާހަގަނުވާކަން. އޭނާއަށް މިއިން އެއްވެސް ކަމެއްނޭނގޭ. ހަތް އަހަރުގެ ފައިސަލްއާ ސުވާލުކޮށްފައިވަނީ. އެކަމަކު އޭނާ ވާހަކައެއްނުދައްކާ. ފަޒީލަށް އޭރު ހަތަރު އަހަރު. ވެގެން އުޅޭ ގޮތެއް ނަގައިގަނެވޭވަރަށްވުރެ އެ ދެ މީހުން ވެސް ކުޑަވީމަ ކުދީންގެ ފަރާތުން ކަމެއް އޮޅުން ނުފިލިކަމަށްވަނީ. ކުދީން ގިނައިން އުޅެނީ ފަރީޝާއާއެކީ ގޭގައި ކަމަށްވަނީ. ޒުހޫރު އެއްދުވަސްވަންދެން ގެއަށް ނައިސް ހުރެފައި ގެއަށް އައީ އެއްރޭ ދަންވަރު ކަމަށްވަނީ. ލުބުނާ ގެއްލިގެން ހޯދަން ފެށީ އޭގެ ދެ ދުވަސްފަހުން. ލުބުނާގެ ހަށިގަނޑު ފެނުނީ ޒުހޫރު ދިރިއުޅޭ ގޭގެ ބިއްދޮށަށް އެގާރަ ފޫޓެއްހާ ދުރުމިނުގައި ގަސްތަކުތެރޭ ވަޅުލާފައި އޮއްވާ.... އާނަ. މީ މިވަގުތައް ލިބިފައި ހުރިވަރު. އަދިވެސް ބަލަމުން މިދަނީ. ޒުހޫރު ފިޔަވައި އެ ޢާއިލާ މީހެއްގެ ކުށުގެ ރިކޯޑެއްނެތް. އަނުމްއަކީ ކާކުކަމެއް އަދި ނޭނގޭ. އެ ނަން ކިޔާ މީހުންގެ މަޢުލޫމާތުތައް ބަލަމުން މިދަނީ. ކަމެއް ފާހަގަވެއްޖެއްޔާ އަހަރެން ގުޅާނަން... މާލެއިން ޓީމެއް މިކޮޅަށް އައިމަ އެމީހުންނާ މިކޮޅުން ޓީމެއް ގުޅި ފައިސަލްގެ ކަންކަން ކައިރިން ބަލަން ފަށާނެ. އެހާތަނަށް އަހަރެން ވެސް ހުންނާނީ ޓީމާއެކީ ތިކޮޅުގައި. ފައިސަލްގެ ކަންތައްތައް ކޮޅެއްގައި ޖެއްސެންދެން އަހަރެން އާނައާ ދުރަށް ނުދާނަން." ހޫދު ބުންޏެވެ.

ބޭކާރު ވާހަކައެއް ހޫދު ނުދެއްކިއެވެ. އޭނާ ކިޔާދިން ވާހަކަތަކުން އަހަރެންނަށް ކުރީން ނޭނގޭ އެތައްކަމެއް އޮޅުންފިލައިފިއެވެ. ހަމައެއާއެކު ހިތާއި ސިކުނޑީގައި އިތުރު ސުވާލުތައް އުފެދިއްޖެއެވެ. ފޯނުކޯލު ނިމުމުން އަހަރެން ފޯނު ފޮރުވާފައި އެނދުކައިރިން ތެދުވީމެވެ. އަދި ބެލްކަންޏަށް ނުކުތީމެވެ. ހޫދުގެ ފަރާތުން އެނގުނު ކަންކަމާއި ސީރަތު ކިޔާދިން ވާހަކަތަކާއި ގުޅުވާލެވުނެވެ. ލުބުނާއަށް ދީފައި ހުރި އަނިޔާތަކުގެ ތަފްސީލު ހޫދު ކިޔާނުދިޔަސް ސީރަތުގެ ވާހަކަތަކުން އަހަރެންނަށް އެ މަންޒަރުތައް ސިފަކުރާން އުނދަގުލެއްނުވިއެވެ.

"ލުބުނާ މަރާލީ ސަބަބަކާ ލައިގެން. އަހަރެންގެ ހިތް ބުނަނީ އެހެން... ބޮޑަށް ހީވަނީ ލުބުނާ ޕްރެގްވީމާހެން. އެއީ އެންމެ ޤަބޫލުކުރެވޭ ކަންތައް... ޒުހޫރު ހުރީ މީހަކާ އިނދެގެން. ދެ ދަރީން ވެސް އެބަތިބި. އޭނާގެ ދިރިއުޅުމަށް އެ ޚަބަރުން ނޭދެވޭ އަސަރެއް ކުރާނެކަން ޔަގީން. ދިރިއުޅުން ސަލާމަތްކުރާން ލުބުނާ އެއްފަރާތްކޮށްލީ... އެކަމަކު... މަރާނުލިޔަސް ޒުހޫރަށް ފަރުޖެހުނީސް. ލުބުނާއާ ނީނދެ ހުރިއްޔާ ޒުހޫރަށް އޭނާގެ ކައިރިން ސަލާމަތްވާނޭ ފުރުޞަތެއް އެއީ. ލުބުނާގެ ދަރިއާ ޒުހޫރު ހަވާލު ނުވިޔަސް ރަށުތެރޭގައި އެ އަޑު ފެތުރިދާނޭތީބާ މަރާލަން ވިސްނީ." އަހަރެން އަމިއްލަށް ނަފްސާ ވާހަކަދައްކަމުން ދިޔައީ ޝިފާލީ މަރާލަން ފައިސަލް ބޭނުންވީ ސަބަބު ދެނެގަނެވޭތޯއެވެ. އެއްމަރާއި އަނެއްމަރުގައި ގުޅުމެއްވޭތޯ ވިސްނާ ފިކުރު ހިންގަމުންދިޔައީމެވެ.

(ނުނިމޭ)