އިލްޔާސް ލަބީބް

ދައުލަތުގެ ދަރަނި ދަނީ އިންތިހާއަށް ބޮޑުވަމުން: އިލްޔާސް

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވަމުންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ދައުލަތުގެ ފިސިކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ދައުލަތް ދަރާފައިވާ ކަމަށެވެ.

"60 ޕަސަންޓަށޭ އެބަ އޮތް ބުނެފަ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން މިތިބީ 113 ޕަސަންޓަށް ދަރާ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ޑިމޮކްރެޓުންގެ ސަރުކާރެއްގައި އެ މިންގަނޑު އަލުން ރިވިއުކުރާނެ ކަމަށާއި ދައުލަތުގެ ދަރަނި ކުޑަކުރެވޭނެ ނިޒާމަކަށް މަސައްކަތްކުރާނެ ކަމަށެވެ.

ދައުލަތުގެ ބާރުވެރިކަން ގުޅިފައިވަނީ ދައުލަތުގެ ރިޒާވް އާއި ދަރަންޏާއިކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ ދައުލަތުގެ ރިޒާވް 140 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ. އެއީ ދެ މަސް ދުވަހުގެ ތެލާއި ކާބޯތަކެތި އަދި ބޭސް ގަނެވޭ މިންވަރު ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ދައުލަތުގެ ރިޒާވް ރަނގަޅުކުރުމަށް ދިވެހި ދައުލަތާއި މިނިވަން މުއައްސަސާތަކާއި ބޭންކުތަކުން ވިސްނަންޖެހޭ ކަމަށާއި ރިޒާވް ހިފެހެއްޓުމަށް ފިސިކަލް ޕޮލިސީ އާއި މަނިޓަރީ ޕޮލިސީ ރަނގަޅު ގޮތުގައި ކަނޑައަޅައި އެއާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.

ޑިމޮކްރެޓުންގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އިލްޔާސް ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މަސްވެރިންނާއި ދަނޑުވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އެގޮތުން މަސްވެރިންގެ ލޯނުތައް ރީސްޓްރަކްޗާކޮށް މަހުގެ އަގު އުފުލައިދީ މަސްވެރިންނަށް ބޭންކުން ލޯނު ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. އަދި ދަނޑުވެރިންގެ އާމްދަނީ އިތުރުކޮށް ހަމަ އަގު ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.