ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ގައުމުގައި މިނިވަންކަން ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ށ. ފުނަދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިއަދު މިގައުމުގައި އެހެން ގައުމެއްގެ ސިފައިން އެބަތިބި ކަމަށެވެ. އެބައެއްގެ ބާރު ރާއްޖެގައި އޮތުމަށްޓަކައި ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބުވުމަށް އެ މީހުން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ގައުމުގެ ހާލަތުގެ އޮތް ގޮތުން ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"މިހާރު މިއޮތް ސަރުކާރަށް ދެވަނަ ދައުރެއް ތިބޭފުޅުން ރައްޔިތުން ދީފިއްޔާ އެކަމެއް [މިނިވަންކަމެއް] ނޯންނާނެ. ދެވަނަ ފަހަރަކަށް ދިވެހިން ވޯޓުލާކަށް ތިއްބަވާނެ ކަމެއް ނެތް. ދެވަނަ ދުވަހަކު ފަހަރަކަށް ދެވަނަ ކަމަކަށް ދެވަނަ ފަހަރަށް ރައީސަކު ހޮވާކަށް ވޯޓު ލާން ފުރުސަތު އޮތް ކަމަކަށް އަޅުގަނޑު ގަބޫލުކުރާ ހިތެއް ނުވޭ އިނގޭތޯ. ވަރަށް ސާފުކޮށް މިދެންނެވީ. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން އަޅުވެތިވެގެން ދާނެ،" ގާސިމް ވިދާޅުވި އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަން ހިފަހައްޓަން ބޭނުންވާނަމަ ދިވެހިންނަށް އޮތް ހަމައެކަނި ފުރުސަތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކަމަށެވެ. އެމަނިކުފާނަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކައިރީގައި އާދޭސް ދަންނަވަނީ ގައުމު އޮތް ހާލަތުން ސަލާމަތް ކުރުމަށާއި ގައުމުގެ މިނިވަން ހިފެހެއްޓުމަށް އެދޭތީ ކަމުގައިވެސް ވ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި މިނިވަންކަމާ ދޭތެރޭ މިއަދު ވަރަށް ގިނަ ސުވާލު އުފެދި މުސްތަގުބަލް ބަނަވެފައިވާ ކަމަށެވެ. ގައުމުގެ މިނިވަންކަމާ ދެތެރޭ ސުވާލު އުފެދިއްޖެނަމަ އެ ގައުމެއްގައި އިންވެސްޓްކުރާނެ މީހުން މަދުވެ ގައުމުގެ ތަރައްގީއަށް ހުރަސް އެޅިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށް ގާސިމް މިހާރު ގަބޫލުކުރައްވަ އެވެ. އެކަން އަމިއްލަފުޅަށް ތަޖުރިބާކޮށް އެ ވާހަކަ ހިއްސާވެސް ކުރެއްވި އެވެ.
"އިހަށް ދުވަހު އަޅުގަނޑުމެން ދިޔައީ ހަނިމާދޫއަށް. ހަނިމާދޫ ބައްދަލުވުމުގައި އަޅުގަނޑުމެން ތިބިއިރު އަޅުގަނޑުމެންނަށް ފެނޭ އަޅުގަނޑުމެންގެ ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ފިޔަވާ އެހެން ބަޔަކު އެގޮތަށް ތިއްބެވި އެހެން އިންސާނުންތަކެއް. ބައި ހަދާފައި ފަސް ހަ މީހުން ދިހަބާރަ މީހުން ވަށައިގެން ގުރޫޕް ހެދިފައި މިހެން އެނބުރޭ ތަން ވަށަވަށައިގެން. ކޮން ބައެއްތޯ ބަލާލުމުން އެނގުނު އެއީ ކޮން ބައެއްކަން. ބައެއް ބޭފުޅުން ވިދާޅުވޭ އެއީ އިންޑިއާ ސިފައިންނޭ މިތިބޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ފަދަ ރިޔާސީ ކެންޑިޑޭޓަކު ޖަލްސާއެއް ބާއްވަނިކޮށް އިންޑިއާ ސިފައިން އެތަނަށް އައިސް މަޑުކޮށްގެން ތިބީމާ ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑުގެ ސަލާމަތަށްޓަކައި އެބޭފުޅުން އަންނަންޖެހޭ އަނެއްހެން ސަބަބެއްވެސް ނެތް. އެއީ އަޅުގަނޑާ އެކީގައި އަޅުގަނޑުމެންގެ އެމްއެންޑީއެފްގެ ބޭފުޅުން އެބަތިއްބެވި. އެއްވެސް ނުރައްކަލެއް ނެތް. ރައްޔިތުންގެ ފަރާތުން އެއްވެސް ހަމަނުޖެހުމެއް ނުހިންގާ. މިކުރާ ކަމަކީ ހަގީގަތުގައި އަޅުގަނޑުގެ ސަލާމަތަށް ނޫން ކަން އަޅުގަނޑަށް ވިސްނޭ. މިކުރާ ކަމަކީ ކޮން ކަމެއްކަން ދެން ތިބޭފުޅުންގެ ވިސްނުމުގެ ނަޒަރިއްޔާތަށް ގެންނަވާ. އަޅުގަނޑު ކޮންމެހެން އިތރުޔ އެއްޗެއް ދަންނަވާކަށް ނެތިން،" އިންޑިއާ ސިފައިން ޖާސޫސް ކުރާ ކަމަށް ތުހުމަތުކުރައްވާ ރޫހެއްގައި ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ދޭ އެއްވެސް އެހީއެއް ބޭނުން ނުވާ ކަމަށެވެ. އެގޮތަށް ފައިސާއާއި އެހެންވެސް އެހީތައް ބަލައިގަތުމަށްވުރެ "ބަނޑަށް ކުޅުޖަހައިގެން" ތިބެންވެސް މާރަނގަޅު ކަމުގައި ވިދާޅުވި އެވެ. އެހެންވެ ގާސިމް އެެދިވަޑައިގަތީ ގައުމުގެ މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް އެއްވެސް ރައްޔިތަކު ނުކުރެއްވުމަށެވެ.