ހަބަރު

ރާއްޖެ ހިމެނޭ އިސްލާމީ ލަޝްކަރުން އަސްކަރީ ތަމްރީންތަކަށް ތައްޔާރުވަނީ

ސައުދީ އިސްވެ އޮވެ. ރާއްޖެ ވެސް ހިމެނޭ ގޮތުން 20 ގައުމެއް އެކުވެގެން އެކުލަވާލާފައިވާ، އިސްލާމީ ލަޝްކަރުގެ ހާއްސަ ތަމްރީންތަކެއް ބޭއްވުމަށް ތައްޔާރީތައް ވާން ފަށައިފި އެވެ.

ބަރުހަތިޔާރާ އެކު ބާއްވާ މި އަސްކަރީ ތަމްރީންތައް އޮންނަނީ ސައުދީގެ، ހަފްރް އަލް ބާތިންގެ ކިންގް ހާލިދް މިލިޓަރީ ސިޓީގަ އެވެ. މި ތަމްރީންރަކަށް ގައުމުތަކުގެ ސިފައިން އެ ގައުމަށް މިހާރު އަންނަނީ ޖަމާވަމުންނެވެ. ރާއްޖެއިން ސިފައިން ފޮނުވާކަން އަދި ކަށަވަރެއް ނުވެ އެވެ.

މި ލަޝްކަރުގެ ކޮމާންޑަރުކަން ކުރާ ސައުދީ އަރަބިއްޔާ އިން ބުނަނީ، މި އަސްކަރީ ތަމްރީންތަކުގެ ބޭނުމަކީ ހަނގުރާމަކުރާމައިގެ އުކުޅުތަކާއި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުން ކަމަށެވެ. އަދި މި ލަޝްކަރުގައި ހިމެނޭ 20 ގައުމުން ވެސް ސިފައިން ބައިވެރިވާކަން ސައުދީ އިން ވަނީ ހާމަކޮށްފަ އެވެ.

ސައުދި އަރަބިއާގެ އިތުރުން މި ލަޝްކަރުގައި ހިމެނެނީ ކުވެރި އަރަބި އިމާރާތް، ޖޯޑަން، ބަހުރެއިން، ސެނެގާލް، ސޫދާން، ކުވެއިތު، ދިވެހި ރާއްޖެ، މޮރޮކޯ، ޕާކިސްތާނު، ޗެޑް، ޓިއުނީޝިއާ، ކޮމޮރޮސް، ޖިބޫތީ، އޮމާން، ގަތަރު، މެލޭޝިޔާ، މިޞްރު، މައުރިޓޭނިއާ، މޮރީޝަން އަދި ޕެނިންސިއުލާގެ ޝީލްޑް ފޯސް އެވެ.

ލަޝްކަރު އެކުލަވާލި އިރު ސައުދީ އިން ބުނެފައި ވަނީ، އެ ލަޝްކަރުގެ ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި އިސްލާމީ އުންމަތަށް ކުރިމަތިވަމުން އަންނަ އެކި ޒާތުގެ ގޮންޖެހުންތަކުން މުސްލިމުން ސަލާމަތް ކުރުމާއި މުސްލިމުންގެ އެއްބައިވަންތަކަން ގާއިމް ކުރުން ކަމަށެވެ. އެ ލަޝްކަރުގެ ކޮމާންޑް ސެންޓަރު ހުންނަނީ ސައުދީގެ ވެރިރަށް ރިޔާޒްގަ އެވެ.