ދުނިޔެ

ޔުކްރޭނަށް ދުވަހަކުވެސް ސިފައިން ނުފޮނުވާނަން: ޖަރުމަނު

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި އަސްކަރީ ގޮތުން ޔުކްރޭނަށް މަދަދުވެރިވިއެއް ކަމަކު -- ޖަރުމަނު ސިފައިން ޔުކްރޭނަށް ފޮނުވުމަކީ، އެއްވެސް އިރެއްގައި ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.

ރަޝިއާއާ އެކު ސީދާ ގޮތުގައި ހަނގުރާމައެއްގައި ޖަރުމަނު ބައިވެރި ނުވުމަކީ އުއްމީދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަރުމަނުން މީގެ ކުރިންވެސް ވަނީ އެންމެ ޒަމާނީ ހަތިޔާރު ޔުކްރޭނަށް ފޮނުވާފަ އެވެ. އަނެއްކޮޅުން މިހާރު ދަނީ ދުރުރާސްތާ މިސައިލް ފޮނުވަށް ތައްޔާރުވަމުންނެވެ.

އޯލަފް ޝޯލް ވިދާޅުވީ ޔުކްރޭނަށް ހަތިޔާރު ފޮނުވުމަކީ އަދި އެހެން ކަމެއް ކަމަށާއި އެއީ ހުޅަނގުން ވެފައި އޮތް ވައުދެއް ކަމަށެވެ.

ޔުކްރޭން ހަނގުރާމައަށް ޖަރުމަނު އެހީތެރިވުމާ މެދު އެ ގައުމުގެ އާންމުންގެ މެދުގައި ނުތަނަވަސްކަން އޮތީ އުފެދިފަ އެވެ. ޖަރުމަނުން ދުރުރާސްތާ މިސައިލް ފޮނުވަން އުޅޭތީ ވެސް އާންމުންގެ ނުތަވަސްކަން އޮތީ އުފެދިފަ އެވެ.

ޖަރުމަނުން އެއްވެސް އިރެއްގައި ޔުކްރޭނަށް ސިފައިން ފޮނުވަން ހަމަޖެއްސެވިންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޗާންސެލަރު ވިދާޅުވީ ދުވަހަކު ވެސް ހަމަނުޖައްސަވާ ކަމަށެވެ.

ޗާންސެލަރު ވިދާޅުވީ ޔުކްރޭންގައި ޖަރުމަނު ސިފައިން މިހާރު ނެތީވެސް އެގޮތަށް ހަމަޖައްސާފައި ނުވާތީ ކަމަށެވެ. ޖަރުމަނުން ސިފައިން ޔުކްރޭނަށް ފޮނުވުމަކީ ދުވަހަކު ކުރައްވާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ އަކީ ރަޝިއާ އާއި ނޭޓޯއާ ދެމެދު ކުރެވޭ ހަނގުރާމައަކަށް ވާން އެދިވަޑައި ނުގަންނަވާ ކަމަށްވެސް ޗާންސެލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅަނގުގެ އެކުވެރިންނާ އެކު ދެމިއޮތުމަށް ވެފައި ހުރި އަހުދުތައް ފުއްދުމަކީ މިވަގުތަށް ޖަރުމަނަށް އޮތް ގޮތް ކަމަށެވެ.

ޖަރުމަނުގެ އާންމުންގެ މެދުގައި ޔުކްރޭނަށް މިސައިލް ފޮނުވުން ބޮޑުކަމަކަށް ވެފައި އޮތް ނަމަވެސް، ސިޔާސީ ލީޑަރުން ވަނީ ދުރުރާސްތާ މިސައިލް ފޮނުވަން ނިންމާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލަސްތަކެއް ނުވެ ޖަރުމަނުން ޒަމާނީ މިސައިލް ޔުކްރޭނަށް ފޮނުވާނެ އެވެ.