ދުނިޔެ

އިޒްރޭލަށް ވިސާ މާފުކޮށްދިނުން ހުއްޓާލަން ޖެހިދާނެ: ޔުކްރޭން

ޔުކްރޭންއާ އިޒްރޭލާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން އަނެއްކާވެސް އަނދައިގެންފި އެވެ. މި ފަހަރު މައްސަލައަކަށްވީ އިޒްރޭލަށް ވިސާ ލުއިކޮށްދީފައި އޮތް އޮތުމާ މެދު ޔުކްރޭނުން ދިން އިންޒާރެވެ.

ވިސާއާ ނުލައި ޔުކްރޭނަށް ދަތުރުކުރުމަށް އިޒްރޭލަށް ދޫކޮށްފައި އޮތް އެއްބަސްވުން އުވާލަން ޖެހިދާނެ ކަމަށް ވިދާޅުވެ ޔުކްރޭނުން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔެވްހެން ކޮރުނިޗުކް ވަނީ އިޒްރޭލަށް އިންޒާރުދެއްވާފަ އެވެ.

އިޒްރޭލާ ޔުކްރޭންއާ ދެމެދު އެންމެ ފުރަތަމަ ނުތަނަވަސްކަން އުފެދުނީ ޔުކްރޭން ހަނގުރާމައާ ގުޅިގެންނެވެ. އަސްކަރީ ގޮތުން ޔުކްރޭނަށް އެހިތެރިވުމަށް އެދުމުން ވެސް އިޒްރޭލުން އެދެވޭ ޖަވާބެއް އޮތީ ނުދީފަ އެވެ.

އަނެއްކޮޅުން ރަޝިއާ، ޔުކްރޭން ހަނގުރާމާގައި އިޒްރޭލުން ޔުކްރޭނަށް އެހީތެރިވުމުގެ ބަދަލުގައި ފެންނަނީ ރަޝިއާއާ ތަންކޮޅެއް ގާތްކޮށް އުޅޭ ތަން ކަމަށް ޔުކްރޭނުން ބުނެ އެވެ.

ޔުކްރޭނުން މި ފަހުން އިޒްރޭލު ދެކެ ރުޅިއަރައިގެންފައި ވަނީ، އިޒްރޭލުގައި ދިރިއުޅޭ ޔުކްރޭންގެ ރައްޔިތުންނަށް އެ ގައުމުން މީގެ ކުރިން ހިލޭ ދެމުން ގެންދިޔަ ސިއްހީ އެހީތެރިކަން ހުއްޓާލާނެ ކަމަށް ބުނުމާ ގުޅިގެންނެވެ.

މިކަންތައްތަކަށް ބަދަލުހިފުމަށް ޔުކްރޭނުން މިހާރު ވިސްނަނީ ޔުކްރޭނަށް އެތެރެވާ ޔަހޫދީންނަށް ވިސާ ލުއިކޮށް ނުދިނުމަށެވެ.

ޔުކްރޭނަކި ޔަހުދީން އަހަރު ތެރޭގައި އަދާކުރާ ބައެއް އަޅުކަމާ ގުޅިފައި ހުންނަ މުގައްދަސް ބިނާތަކާއި ނިޝާންތައް ހުންނަ ގައުމެކެވެ. މިހެންކަމުން ޔުކްރޭނަށް ދަތުރުކުރުމަކީ ޔަހޫދީން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ޔުކްރޭނުން ބުނާ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ދިގުދެމިގެން ދަނީ އިޒްރޭލުގެ ސަބަބުންނެވެ. ޔުކްރޭނަކީ ޔަހޫދީންނަށް މުގައްދަސް ބިމެއް ކަމަށްވާނަމަ، ޔުކްރޭނާ މެދު އިޒްރޭލުން ގާތް ގޮތެއް ދަމަހައްޓަން ވާނެ ކަމަށް ޔުކްރޭނުން ބުނެ އެވެ. އަދި މިކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ވަކިގޮތެއް ނިންމުން އޮތީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަތްމަތިގައި ކަމަށްވެސް ޔުކްރޭން ބުނެ އެވެ.