ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ޕެޕާ ސްޕްރޭ އާއި ދަގަނޑު މުގުރު ނުގެނެވޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ޕެޕާ ސްޕްރޭ އާއި ދަގަނޑު މުގުރު ނުގެނެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ އެމްޑީޕީގެ މެންބަރުންނަށް ފާޑުވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ. މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި އެހެން މެންބަރުންގެ ސިޓީ ލިބުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ.

އެމްޑީޕީގެ މެންބަރުންނަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މެންބަރުން ކެމްޕޭންގެ ޖަޒުބާތުގައި މަޖިލީހުގައި މުޒާހަރާކުރަމުންދާ ކަމަށެވެ.

"އިއްޒަތްތެރި މެންބަރުންގެ ކެމްޕޭންގެ ޖަޒުބާތުގައި މިތަނަށް ވަޑައިގެން، ހަމަ އެ ހޫނުކަމުގައި މުޒާހަރާކުރައްވަމުން ގެންދެވުމަކީ މަޖިލީހުގެ އުސޫލެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލިސް ހިނގާނީ ގާނޫނުތަކާއި އެއްގޮތަށް ކަމަށާއި މަޖިލީހަށް ޕެޕާ ސްޕްރޭ ނުޖެހޭނެ ކަމަށެވެ.

"މި އިއްޒަތްތެރި މަޖިލީހަށް އިރާދަކުރެއްވިއްޔާ ޕެޕާ ސްޕްރޭއެއްވެސް ނުޖެހޭނެ. އަދި ދަގަނޑު މުގުރެއްވެސް ނުގެނެވޭނެ. ކަރަންޓު މުގުރެއްވެސް ނުގެނެވޭނެ. އަޅުގަނޑުމެން މިކަން ކުރަމުންގެންދާނީ ސުލްހަވެރިކަމާއެކީގައި. ތި އިއްޒަތްތެރި މެންބަރުން ބައެއް ފަހަރު ރަށްރަށަށް ވަޑައިގެން ތި ދައްކަވާ މަންޒަރު މި މަޖިލީހުގެ ތެރޭގައި ނުދެއްކެވުމަށް ވަރަށް ބޮޑަށް އިލްތިމާސްކޮށް އާދޭހާއެކު ދަންނަވަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ރަށްރަށަށް ދިއުމުން އެ ރަށްރަށުގައި މާރާމާރީ އާއި ހަމަނުޖެހުން ހިނގާ ކަމަށެވެ.

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ގާނޫނު އަސާސީން ލިބޭއިރު އެ ފުރުސަތު ދޫކޮށް ރަށްރަށުގައި އެމްޑީޕީން ދައްކަނީ ހުތުރު މަންޒަރެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މި މަޖިލީހުގައިވެސް ތި އިއްޒަތްތެރި މެންބަރުން ތި ދައްކަވަނީ ހަމަ އެ މަންޒަރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.