ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތު ބައްޓަކުރާނީ ގައުމުތަކާ ރަށްޓެހި، ގާތް ގުޅުމެއް އޮންނަ ގޮތަށް ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި މުއިިއްޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ގައުމުތަކާއި ގާތްކަން އޮންނަ ގޮތަށް ކަމަށާއި، އެއްވެސް ގައުމެއްގެ ދަށު ނުވެ، އެއްވެސް ގައުމެއް ދުރުކޮށް ނުލާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި އޮތީ ވަކި ގައުމަކަށް ގޮސް ހުސްވެފައި ކަމަށާއި، އެހެންވެ ދިވެހިން، ދިވެހީންގެ ރާއްޖެ އަލުން ހޯދަން ޖެހިފައިވާ ކަމަށެވެ. އަވަށްޓެރި އިންޑިއާއަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ އެހެން ގައުމަކުން އެދޭ ގޮތަށް ނޫނީ ރާއްޖޭގެ ކަންކަން ނުކުރާ ހިސާބަށް މިސަރުކާރުގައި އަމަލުތައް ހިނގަމުންދާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ވަކި ގައުމެއް ތަފާތުކުރުމުގެ ވިސްނުން ނެތް ކަމަށާއި، ގައުމުތަކާ ގުޅުން ދެމެހެއްޓުމުގައި ވަކި އިމެއް ގާއިމުކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ އާއި އެކު ގާތް ގުޅުުމެއް ބާއްވަން ބޭނުންވާނަމަ ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމު ކުރަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ވަކި ގައުމަކަށް ވެގެން އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި އިން ފަހަނައަޅައި ނުދަންޏާ އަޅުގަނޑުމެންނަށް ވާނީ ހަމަހަމަ ގައުމުތަކެއްގެ ގޮތުގައި. ވަކި ގައުމެއް ކޮޅަށް ގޮސް ހުހެއް ނުވާނެ، ވަކި ގައުމަކާ ދުރެއް ވެސް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ގާތުގައި އޮންނަ ގައުމުތަކާއި ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި، އެ ރިވެތި އުސޫލު ދިވެހިންގެ ތެރޭގައި އޮންނާނެ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެހެން ގައުމެއްގެ ސިފައިންނަށް ދިވެހި ފަސްގަނޑުގައި ނުތިބެވޭނެ ކަމަށާއި، ދިވެހިންނަށް ދިވެހިންގެ ކަންކަން ނިންމުމުގެ ބާރު އޮންނަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ރާއްޖެއަކީ އދ އިން ބަލައިގެންފައިވާ ގައުމަކަށްވާއިރު ދިވެހިންގެ އަމިއްލަވަންތަކަމާއި ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރިހަމަ ހަައްގު ދިވެހިންނަށް އޮންނަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެހެން ގައުމެއްގެ އަޅުވެތި ކަމުގެ ދަށަށް ރާއްޖެ ދިޔަނުދޭނެ ކަމަށާއި، އެގޮތަށް ރާއްޖޭގެ ކަންކަން ހިފަހައްޓާލެވޭނީ ހަމައެކަނި "އެންމެ ފުރަތަމަ ގައުމު" އިސްކުރާ ޕީޕިއެމް-ޕީއެންސީއަށް ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.