ރައްޔިތުންގެ މަޖިލިސް

ކުރިއަށް ގެންދަން ފުރުސަތު ނުދިނުމުން މަޖިލިސް ނިންމާލައިފި

ރައްޔިތުންގެ މަޖިލިސް ހިންގުމުގެ ފުރުސަތު މެންބަރުން ނުދެއްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާ ނިންމާލައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި އެހެން މެންބަރުންގެ ސިޓީ ލިބުމުން ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެ މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އެންގުމުންވެސް ނުނިކުންނެވުމުން މަޖިލިސް މެދުކަނޑާލި އެވެ. އަލުން މަޖިލިސް ފެށިއިރުވެސް އެ މެންބަރުން މަޖިލީހުގެ ތަޅުމުން ނުނިކުންނެވުމުން އެ މެންބަރުން ނުކުންނެވުމަށް މަޖިލީހުގެ ރައީސް ނަޝީދު އެންގެވި އެވެ.

އަލުން މަޖިލިސް ކުރިއަށް ގެންދަނިކޮށް ހަނިމާދޫ ދާއިރާގެ މެންބަރުގެ އަބްދުލްގަފޫރު މޫސާ ވަނީ މަޖިލީހުގައި ވަޒީރުންނަށް ހާއްސަ ގޮނޑިކޮޅުގައި އިށީންނަވާފަ އެވެ.

ވަޒީރުންނަށް ހާއްސަ ގޮނޑިކޮޅުގައި އިށީންނެވުމުން ރައީސް ނަޝީދު ވަނީ މެންބަރު އަބްދުލްގަފޫރު މޫސާގެ ނަންވެސް އިއްވާފަ އެވެ. ނަމަވެސް ނަން އިއްވެވި މެންބަރުން މަޖިލީހުގެ ތަޅުމުން ނުނިކުންނެވުމުން ރަޢީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާ ނިންމާލައްވާފަ އެވެ.