ޕީއެންސީން ރޭގައި ނެރުނު މެނިފެސްޓޯ އަކީ އެއްވެސް ގޮތަކަށް ތާކުންތާކުން ޖެހޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ބަހުގެ ހޫނު ހަަމަލާތަކެއް ދެއްވައިފި އެވެ.
ބ. ފެހެންދޫ މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި އިންތިހާބުގައި އެމަނިކުފާނު ބަލާލަންޖެހޭ ހަމައެކަނި ވާދަވެރިޔަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރޭ އާންމުކުރެއްވި މެނިފެސްޓޯއާ އެކު މުއިއްޒު އަކީ މާބޮޑު ސިޔާސަތެއް އޮވެގެން އިންތިހާބުގައި ވާދަކުރައްވާ ބޭފުޅެއް ނޫންކަން އެނގިފައިވާ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްރަށުގެ އަސާސީ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން އަށް އަހަރު މުއިއްޒު ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ރަށްރަށަށް ކޮށްދީފައިވާ ކަމެއް ފެންނަން ނެތް ކަމަށެވެ. އޭގެފަހުގައި ރައީސް އެއްސެވީ ސުވާލެކެވެ.
"މިސަރުކާރުން ރައްރަށަށް ކޮށްދީފައިވާ އަސާސީ ކަންކަން އެބޭފުޅާއަށް ނުފެނޭތޯ؟ އެ މެނިފެސްޓޯގައި ނެތް ތާކުންތާކުންޖެހޭ އެއްވެސް އެއްޗެއް ރައްޔިތުން އެކަން ގަބުލުނުކުރައްވައްޗޭ،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ގުޅިފަޅުން ފްލެޓް ދީފައިވަނިކޮށް މިދިޔަ ސަރުކާރުގައި މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެ ފްލެޓްތައް އަތުލާފައިވާތީ ވެސް ރައީސް ވަނީ މުއިއްޒުއަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ މިސަރުކާރުން ގުޅީފަޅުން ދީފައިވާ ގޯތިތައް އަތުނުލާނެ ކަމަށާއި އެ ގޯތިތައް ހަދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވާއިރު މުއިއްޒުއަކީ ބައެއް ފްލެޓްތަކެއް އަތުލެއްވި ބޭފުޅެއް ކަމަށެވެ. އަދި އެ ފްލެޓްތަކުގެ ވެރިންނަށް ދޭންޖެހިފައި އޮތް ބަދަލުވެސް ނުދީ ހިފެހެއްޓެވި ބޭފުޅަކީ މުއިއްޒު ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
"އެންމެފަހުން އަޅުގަނޑުމެން ޖެހުނީ އެމީހުންނަށް ވެސް ބަދަލުދޭން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ފެހެންދޫއަށް ބައެއް ކަންކަން ކޮށްދިނުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން ފެންދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކޮށްދީ، އެތަން 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ފެހެންދޫގައި ރޯހައުސް އަޅައިދީ ރަށުގައި ހުރި ސެޓަލައިޓް ސުކޫލުގެ ފެންވަރު ރަނގަޅުކޮށްދީ، ސަރުކާރު މުއައްޒިފުންނަށް އެކޮމަޑޭޝަން ބްލޮކެއް ގާއިމުކޮށްދިނުމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.