ފިނިޕޭޖް

މާގަރެޓް ކުއެލީ އާއި ޖެކް އެންޓޮނޮފް ކައިވެނިކޮށްފި

އެކްޓްރެސް މާގަރެޓް ކުއެލީ، 28، އާއި ލަވަ ކިޔުންތެރިޔާ އަދި މިއުޒިޝަން ޖެކް އެންޓޮނޮފް، 39، ކައިވެނިކޮށްފި އެވެ.

ނިއު ޖާޒީގެ ލޯންގް ބީޗް އައިލެންޑްގައި ހޮނިހިރު ދުވަހު އޮތް ކައިވެނީގެ ހަފްލާގައި މި ދެމަފިރިންގެ އާއިލާގެ އިތުރުން ޓޭލާ ސްވިފްޓް، ޒޮއީ ކްރެވިޓްޒް، ޗެނިން ޓޭޓަމް، ލާނާ ޑެލް ރޭ، ކޭރާ ޑެލެވީން އަދި މޭ ވިޓްމަން، ސޭރާ ރޭމޮސް އަދި އެލެކްސް ވުލްފް ފަދަ ސެލެބްރިޓީ ރަހްމަތްތެރިން ގޮސްފައިވެ އެވެ.

މީޑިއާ ތަކުގައި ދައުރުވަމުންދާ ކައިވެނީގެ ފޮޓޯތަކުގައި މާގަރެޓް އަދި ޖެކްގެ ފޮޓޯތަކުގެ އިތުރުން ސެލެބްރިޓީންނާއި މާގަރެޓްގެ މަންމަ އެކްޓްރެސް އެންޑީ މެކްޑަވަލް އާއި ދައްތަ އެކްޓްރެސް އަދި ލަވަ ކިއުންތެރިޔާ ރެއިނީ ކުއެލީ ފެނެ އެވެ.

އިސްކޮޅުން ދިގު މާގަރެޓް ކައިވެނި ކުރިއިރު ލައިގެން ހުރީ ހޯލްޓާ ނެކް ހުދުކުލައިގެ ސެޓިން ވެޑިން ޑްރެސް އަކާއި ހުދުކުލައިގެ މޭރީ ޖޭން ފްލެޓް ބޫޓަކަށް އަރައިގެންނެވެ. އަދި ކައިވެނިކޮށް ނިމުމުން، އާފްޓާ ޕާޓީއަށް ވަނީ އުޅަބޮއްޓާ ހަމައަށް ހުންނަ ކުޑަކޮށް ފުއްޕި އަތެއް ލައިފާ ހުރި ހުދު ހެދުމަކަށް ބަދަލުކޮށްފަ އެވެ. ޖެކް ހުރީ ހުދު ގަމީހަހަކާ އެކު ކަޅު ކުލައިގެ ކްލެސިކް ސޫޓަކާއި ޓައިއެއް އަޅައިގެންނެވެ.

މި ކައިވެނީގެ އާފްޓާ ޕާޓީ ވެގެންދިޔައީ ވަރަށް އުފާވެރި އަދި "ހެޕަނިން" ހަފްލާ އަކަށެވެ. އަދި ޓޭލާ ސްވިފްޓްގެ ޕާފޯމަންސެއް އެކުލެވެގެންދިޔަ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

މާގަރެޓް އާއި ޖެކް ލޯބީގެ ގޮތުން ގުޅިފައިވަނީ 2021 ވަނަ އަހަރު އެވެ. އަދި އެންގޭޖްވީ މޭ 2022 ގައެވެ.

މާގަރެޓް އަކީ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް"، "ޑެތް ނޯޓް"، "ދަ ނައިސް ގާއީޒް"، "ޑެތް ސްޓޭންޑިން"، "ސެންކްޗުއަރީ" ފަދަ ފިލްމާއި ނެޓްފްލިކްސްގެ "ދަ މެއިޑް" އަދި "ލެފްޓްއޯވާޒް" ފަދަ ސީރީޒް ކުޅެފައިވާ ތަރިއެކެވެ.

ޖެކް އަކީ ސޯލޯކޮށާއި އޭނާގެ ބޭންޑާ އެކު ހަދާފައިވާ އަލްބަމްތަކަށް 8 ގްރެމީ އެވޯޑް ލިބިފައިވާ މިއުޒިޝަނެކެވެ.