އާބަންކޯ

ހުޅުމާލެ ހިއްކަން ހަވާލުކޮށް މަސައްކަތް ފަށައިފި

ހުޅުމާލެއިން ގޯތި ދިނުމަށް ބޭނުންވާ ބިމާއި ދިޔަނެރު ފަޅު އަދި ތިލަފުއްޓަށް ބޭނުންވާ ބިން ހިއްކުމަށް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް -- ސީއެމްއީސީއާ ހަވާލުކޮށް މަސައްކަތް ފަށައިފި އެވެ.

އާބަންކޯ އިން ބުނީ ހުޅުމާލެ ފޭސް 3، ދިޔަނެރު އަދި ތިލަފުށި އޭރިއާ ޑީގެ ބިން ހިއްކަން ސީއެމްއީސީއާ ހަވާލުކޮށް ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 އިން 62.6 ހެކްޓަރުގެ ބިން ހިއްކާއިރު ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށި އޭރިއާ ޑީ އިން 9.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

އާބަންކޯ އިން ބުނީ މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި އިންޑްސްޓްރިއަލް ބޭނުންތަކާއި މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީއަކަށްވެގެންދާނެ ކަމަށެވެ.

މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާއަކާށް މަގުފަހިވާނެ ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުމަކީ އަމާޒު ކަމަށްވެސް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

ހުޅުމާލެއިން ގޯތި ދޫކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށް މަސައްކަތް ފަށާފައިވާއިރު ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.