ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އިބްރާހީމް ޝަރީފު އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ މެންބަރު އިބްރާހީމް ޝަރީފަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އެވެ.
މައްސަލައިގެ ބަހުސްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އިބްރާހީމް ޝަރީފު އަނެއްކާވެސް އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ އިބްރާހީމް ޝަރީފުގެ ނަން އިއްވާފަ އެވެ.
ނަން އިއްވެވުމުންވެސް އިބްރާހިމް ޝަރީފު މަޖިލީހުގެ ތަޅުމުން ނުނިކުންނެވުމުން ރިޔާސަތުން ވަނީ ތަޅުމުން ނުކުންނެވުމަށް އަންގަވާފަ އެވެ.