ރައްޔިތުންގެ މަޖިލިސް

މުހައްމާ އާއި ސަރާހަތު ބްރޯކޮމްއަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ގ. ގޮފި، އައިމިނަތު ސަރާހަތު އިއްޒަތު އާއި ހއ. އިހަވަންދޫ، އުސްއަކުރުގެ، މުހައްމަދު އަބްދުﷲ (މުހައްމާ) އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމް އިން ހުސްވެފައިވާ ދެ މެންބަރުގެ މަގާމަށް 12 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މައުލޫމާތު އެ މަގާމުތަކަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފަ އެވެ.

ރައީސް މުއިއްޒު ހުށަހެޅުއްވި ނަންތައް ތަރުތީބުން

  • މުހައްމަދު އަބްދުﷲ (މުހައްމާ)، އުސްއަކުރުގެ، ހއ. އިހަވަންދޫ
  • އިބްރާހީމް މުއާޒު އަލީ، ހަޒާރުމާގެ، ނ. ފޮއްދޫ
  • އިބްރާހީމް އަޝްރަފް، ވ. މަށިވެލި
  • ލެފްޓިނެންޓް ކާނަލް ރިޓަޔަޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
  • އަބްދުﷲ ހުމައިދު، ފަޒާ، ޅ. ހިންނަވަރު
  • އާއިޝަތު ދިޔާނާ ތޯހިރު، ސެވަން ސްޓާ، ސ. ހިތަދޫ
  • އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  • ޝިމްލާ އަހުމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
  • އިސްމާއީލް ޝަފީގު، މ. ސްލީޓް
  • ޝިފްޒާ މުސްތަފާ، މާދަނޑު، އާސާނު، ޏ. ފުވައްމުލައް
  • އަލީ ނިޝާން، ގ. ކޫލް ގްރާސް
  • މުހައްމަދު ޝަމީމް، ހ. ޕްރިޓީ ވިލާ

މި މައްސަލަ ދިރާސާކުރީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

އެ ކޮމިޓީން ނިންމީ އެވްރެޖް މާކްސް 75 ޕަސެންޓް އިން މަތިން ލިބިފައިވާ ބޭފުޅުން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރުމަށް ގާބިލް ކަމަށެވެ.

އެވްރެޖް މާކްސް އެންމެ މަތިން ލިބުނު ހަތަރު ބޭފުޅުން

  • އައިމިނަތު ސަރާހަތު އިއްޒަތު - 89 ޕަސެންޓް
  • ޝިފްޒާ މުސްތަފާ - 84 ޕަސެންޓް
  • މުހައްމަދު އަބްދުﷲ (މުހައްމާ) - 79 ޕަސެންޓް
  • ޝިމްލާ އަހުމަދު - 77 ޕަސެންޓް

އެހެންކަމުން އެ ބޭފުޅުންގެ ތެރެއިން ކޮންމެވެސް ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީ ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ކަނޑައަޅަން ނިންމި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި އެންމެ ފުރަތަމަ ވޯޓަށް އަހާފައިވަނީ އެންމެ މަތިން މާކްސް ލިބުނު އައިމިނަތު ސަރާހަތު އިއްޒަތު ބްރޯޑްކޮމްއަށް އައްޔަންކުރުމާމެދު އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ސަރާހަތު އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

ދެން ވޯޓަށް އަހާފައިވަނީ ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ޝިފްޒާ މުސްތަފާ ބްރޯކޮމްއަށް އައްޔަންކުރުމަށެވެ. ނަމަވެސް ޝިފްޒާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް 50 މެންބަރުން ވޯޓު ދެއްވި އެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ޝިފްޒާގެ ނަން ފާސް ނުވުމުން ދެން ވޯޓަށް އަހާފައިވަނީ މުހައްމަދު އަބްދުﷲ (މުހައްމާ) ބްރޯޑްކޮމްއަށް އައްޔަންކުރުމަށެވެ. މުހައްމާ އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 58 މެންބަރުންގެ ތާއީދާއެކު އެވެ. ބްރޯޑްކޮމްއަށް މުހައްމާ އައްޔަންކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވި އެވެ.

ބްރޯޑްކޮމްއަށް ދެ މެންބަރުން އައްޔަންކުރަން ފާސްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިތުރު ނަމަކަށް ވޯޓަށް ނާހާނެ ކަމަށް ވިދާޅުވެފަ އެވެ.