ފިނިޕޭޖް

ރިއާނާއަށް ދެވަނަ ދަރިއަކު ލިބިއްޖެ

ލަވަކިއުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރިއާނާއަށް ދެވަނަ ކުއްޖެއް ލިބިއްޖެ ކަމަށް ނޫސްތަކުން ބުނަން ފަށައިފި އެވެ.

ޓީއެމްޒީން ބައެއް މަސްދަރުތަކާ ހަވާލާދީ ބުނީ ރިއާނާ އާއި ލޯބިވެރިޔާ އޭސެޕް ރޮކީއަށް ދެވަނަ ދަރި ލިބުނީ މިމަހު ތިންވަނަ ދުވަހު ކަމަށާއި އެއީ ފިރިހެން ކުއްޖެއް ކަމަށެވެ.

ރިއާނާ އާއި އޭސެޕްގެ ފަރާތުން މިކަމަށް އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެ އެވެ.

ޕަޕަރާންޒީންނަށް ރިއާނާ އެންމެ ފަހުން ފެނިފައިވަނީ އޭސެޕްއާ ދެމީހުން މިދިޔަ ޖޫން މަހު އެކި ގައުމުތަކަށް ދަތުރުކުރުމުގެ ތެރޭގައެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕެރިސްގައި އޮތް ފެރެލް ވިލިއަމްސްގެ ފުރަތަމަ ލުއީ ވިތޯން މެންސް ފެޝަން ޝޯ ބެލުން ހިމެނެ އެވެ.

ރިއާނާ އާއި އޭސެޕް ރޮކީގެ ފުރަތަމަ ދަރިފުޅު، ރިޒާ އެތެލްސްޓަން މޭޔާސް ލިބުނީ މޭ 13، 2022 ގައެވެ. އަދި ރިއާނާ ދެވަނަ ދަރިއަކަށް މާބަނޑުކަން ހާމަކޮށްފައިވަނީ ފެބްރުއަރީ މަހު ބޭއްވި ސުޕަބޯލް އޯޕަނިންގައި ޕާފޯމްކުރުމުގެ ތެރޭގައެވެ.

މަސްދަރަކު ޕީޕަލްއަށް ބުނި ގޮތުގައި ރިއާނާ މަންމައަކަށް ވުން ވަރަށް ބޮޑަށް ލޯބިކުރާ ކަމަށާއި ވިސްނުން ހުރީ މަންމައެއްގެ ވިސްނުން ކަމަށެވެ. އަދި މިއީ ރިއާނާގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސްތައް ކަމުގައިވެސް ބުންޏެވެ.