ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެވަނަ ދައުރު ލިބުމާއެކު ވައުދުތައް ފުއްދުމުގެ މަސައްކަތް ފަށާނަން: ރައީސް

ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ދެވަނަ ދައުރަކަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ފެށުމަށް ހުރިހާ ތައްޔާރީތަކެއް ހުރީ ނިމިފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ބ. މާޅޮހުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރެއްގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އޮވެގެން ކަމަށެވެ. ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ކޮށްދީގެން އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

"ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ގެންނަން ޖެހޭ ބަދަލުތައް ލިސްޓް ކުރެވި ބަޖެޓު ކުރެވި އެކަން ކުރުމުގެ އަމަލީ މަސައްކަތްތަކަށް ތައްޔާރުވަމުން އަޅުގަނޑުމެން މިދަނީ. ދައުރު ނިމި އާ ދައުރެއް ހަމަ ފެށުމާ އެކުގައި މިދެންނެވިހެން ލަސްތަކެއް ނުވެ ވަގުތުން މިމަސައްކަތްތައް ފަށައިގަނެވޭ ވަރަށް އަޅުގަނޑުމެން ހުރިހާ ޕްލޭނެއް އިރާދަކުރެއްވިއްޔާ ހުރީ ތައްޔާރަށް. އިތުރު ވަގުތެއް މިއިން އެއްވެސް ކަމަކަށް ނުނަގާނެ،" ރައީސް ވިދާޅުވި އެވެ.

އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް މިސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ބައެއް މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ 35.6 މެގަވޮޓް ސޯލާ ހަކަތަ އުފެއްދޭނެ މިންވަރަށް މިހާރުވެސް އެ ނިޒާމު ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި މިމަޝްރޫއުގެ އެކިއެކި މަސައްކަތްތައް ކުރިއަށްދާ ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ސޯލާ ވަކިވަކި ގޭގައި ބެހެއްޓޭނެ ފަސޭހަ ގޮތްތައްވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތަކާ އެކު ކަރަންޓަށް ކުރާ ހަރަދު ކުޑަވެ މިހާރު ތެލަށް ކުރާ އެތައް ހަރަދެއް ކުޑަކުރެވޭނެ ކަމަށެވެ.

"ރާއްޖެއަށް އެތެރެކުރާ ޑީސަލާއި ޕެޓްރޯލަށް [ހަރަދު] ކުރާ ފޮރިން ކަރަންސީ އެތައް ގުނައެއް އަޅުގަނޑުމެންނަށް ރައްކާކުރެވި ހިމާޔަތްކުރެވޭނެ. އެހެން ކަންތައްތަކަށް ބޭނުންކުރަން ރިޒާވް ކުރެވޭނެ. މިހާރުވެސް ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ޑީސަލް އެތެރެކުރުމަށް އަޅުގަނޑުމެން އެބަ ހަރަދުކުރަން. އަޅުގަނޑުމެންގެ އަންދާޒާ އަކީ ކުރިއަށް އޮތް ދެ އަހަރު ތިން އަހަރުގެ ތެރޭގައި މީގެއިން 200 ނޫނިއްޔާ 300 މިލިއަން ޑޮލަރު ރައްކާކުރުން،" ރައީސް ވިދާޅުވި އެވެ.

މާޅޮސް އޮންނަނީ ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ބަޔޯސްފިއާ ރިޒާވްއާ ވަރަށް ގާތުގައި ކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ ސަރަހައްދުން މިހާރު ދައުލަތަށް ލިބޭ އާމްދަނީ އެ ސަރަހައްދުގެ ރަށްތަކުގެ ކައުންސިލްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގައި ރާއްޖޭގެ 33 ރަށެއް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެފަދަ ތަންތަނުން އާމްދަނީ ލިބޭ ގޮތަށް ސިޔާސަތުތައް ބަދަލުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. މިސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ގެންދާނީ ތިމާވެށްޓަށް ބަލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މާޅޮހަށް ބައެއް ކަންކަން ކޮށްދިނުމަށްވެސް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ވައުދުވެވަޑައިގަތީ މާޅޮހަށް ޒިޔާރަތްކުރާ މީހުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށްގެން ސިޓީ ހޮޓަލެއް އަޅައިދިނުމަށެެވެ.

މީގެއިތުރުން މާޅޮހުގައި ޒަމާނީ ވަސީލަތްތަކާ އެކު އާ ހޮސްޕިޓަލެއް އަޅައިދީ، ސްކޫލަށް ބޭނުންވާ ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލެއްވެސް އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޮޑު މިސްކިތަކާއި ފުޓްބޯޅަ ދަނޑަކާއި ފުޓްސަލް ދަނޑެއް ހަދައިދިނުމަށާއި ޒަމާނީ ފެންވަރަށް މަގުތައް ހައިދިނުމަށާއި ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައިދިނުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. މާޅޮހު ރައްޔިތުން ބޭނުންވާ ގޮތަށް އެރަށުގެ ބަނދަރު ތަރައްގީކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.