( 20 އޯގަސްޓް 2023 އާ ގުޅޭ )
"ލުބުނާ މަރާލީ ސަބަބަކާ ލައިގެން. އަހަރެންގެ ހިތް ބުނަނީ އެހެން... ބޮޑަށް ހީވަނީ ލުބުނާ ޕްރެގްވީމާހެން. އެއީ އެންމެ ޤަބޫލުކުރެވޭ ކަންތައް... ޒުހޫރު ހުރީ މީހަކާ އިނދެގެން. ދެ ދަރީން ވެސް އެބަތިބި. އޭނާގެ ދިރިއުޅުމަށް އެ ޚަބަރުން ނޭދެވޭ އަސަރެއް ކުރާނެކަން ޔަގީން. ދިރިއުޅުން ސަލާމަތްކުރާން ލުބުނާ އެއްފަރާތްކޮށްލީ... އެކަމަކު... މަރާނުލިޔަސް ޒުހޫރަށް ފަރުޖެހުނީސް. ލުބުނާއާ ނީނދެ ހުރިއްޔާ ޒުހޫރަށް އޭނާގެ ކައިރިން ސަލާމަތްވާނޭ ފުރުޞަތެއް އެއީ. ލުބުނާގެ ދަރިއާ ޒުހޫރު ހަވާލު ނުވިޔަސް ރަށުތެރޭގައި އެ އަޑު ފެތުރިދާނޭތީބާ މަރާލަން ވިސްނީ." އަހަރެން އަމިއްލަށް ނަފްސާ ވާހަކަދައްކަމުން ދިޔައީ ޝިފާލީ މަރާލަން ފައިސަލް ބޭނުންވީ ސަބަބު ދެނެގަނެވޭތޯއެވެ. އެއްމަރާއި އަނެއްމަރުގައި ގުޅުމެއްވޭތޯ ވިސްނާ ފިކުރު ހިންގަމުންދިޔައީމެވެ.
"އެވަރުގެ ބޮޑު ޖަރީމާއެއް ހިންގަން ފައިސަލްގެ އުމުރު ތަނެއް ނުދޭ. އޭނާ ޝިފާލީގެ ހަށިގަނޑު ފޮރުވީ ވަރަށް ރޭވުންތެރިކަމާއެކީ. ހަތް އަހަރުގެ ފައިސަލްއަށް ލުބުނާގެ ހަށިގަނޑު ފޮރުވާނޭ ވަޅުގަނޑެއް ކޮނެވިދާނޭހެން ހިޔެއްނުވޭ. މެޔާ ބަނޑާތަންތަން ފަޅާލެވޭނީ ބާރު ހުރި މީހަކަށް. ދެން ހުރީ ފަޒީލު... އޭނާ އަދި މާކުޑަ. ހަތަރު އަހަރުގެ ކުޑަކުއްޖަކަށް މީހަކު މަރާފައި ހަށިގަނޑެއް ނުފޮރުވާނެ. އެ ޚިޔާލު ވެސް ހަމަޖެހޭކަމަކަށް ނުވޭ... އެ ހުރިހާ ގޮތަކަށް ވިސްނިޔަސް ބުރަވެވެނީ ޒުހޫރުގެ މައްޗަށް. ހުރިހާ ހެއްކެއް ވެސް ބުނަނީ ޒުހޫރުއޭ ގާތިލަކީ... އެކަމަކު އޭނާ އެކަމާ ދެކޮޅު ހެދުން... ކީއްވެބާ! އަނެއްކާ އޭނާ އަތުން ލުބުނާ މަރުވީ މަރާލުމުގެ ގަސްދެއްނެތިތަ!... އެކްސިޑެންޓަލް ޑެތްއެއްތަ އެއީ. މަރުވީމާ އެކަން ސިއްރުކުރަން ހަށިގަނޑު ފޮރުވީކަމަށްވެދާނެ. އެހެންވިޔަސް ލުބުނާގެ ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތައް ރަމްޒުކޮށްދެނީ އެއީ އަނިޔާވެރިއެއްގެ ޢަމަލެއްކަން...ސޯ، ގަސްދަކާނުލާ އޮޅިގެން މަރުވީކަމަށް ޤަބޫލެއްނުކުރެވޭ."
ދުވަހަކު ޒަމާނެއްގެ ކޮޅުން ވެސް އަހަރެން ނުވިސްނާ ވަރަށް ވިސްނެމުންދިޔައެވެ. އުޅެއުޅެ ވެސް ޝިފާލީގެ މަރާ ގުޅިފައިވާ ފައިސަލްގެ ގަސްދު އޮޅުމެއް ނުފިލިއެވެ. ލުބުނާއާއި ޝިފާލީގެ މަރު ހިނގިއިރު މެދުގައި އެތައް އަހަރެއްގެ ފަރަގުވާތީއެވެ. ދެން އޮތް ހަމައެކަނި ގޮތަކީ ޒުހޫރުގެ ފަރާތުން ފައިސަލްއަށް އެ ނުބައިކަން ވާރުތަކުރުމެވެ. ދުނިޔޭގެ ބައެއް ސައިކަޓްރިސްޓުން އެކަމާ އެއްބަސްވެފައިވެއެވެ. އަދި އަހަރެންވެސް އެފަދަ ގާތިލުންނާ ބެހޭ ޑޮކިއުމެންޓްރީއެއް ދުށީމެވެ.
"ފައިސަލް އެބާދޭ." އަހަރެން ކައިރީ ހުރި މަހުލޫޤު ބުންޏެވެ. އެއަށްފަހު އޭނާ ޣައިބުވެއްޖެއެވެ.
އަހަރެން އަވަސްއަވަހަށް ޚިޔާލުތައް އެއްފަރާތްކޮށްލެވޭތޯ މަސައްކަތް ފެށީމެވެ. ހަމައެއާއެކު ފައިސަލްއާ ކުރިމަތިލާނޭ އާގޮތެއް ސިކުނޑީގައި ރާވަންފެށީމެވެ. ގިނައިރެއްނުވެ ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އަހަރެންނަށް އިވިއްޖެއެވެ. ބެލްކަނީގެ ދޮރާ ދިމާއަށް އަރިވެލައި ކޮޓަރިއަށް ބޯދިއްކޮށްލީމެވެ. އަހަރެންނާ ނަޒަރު ސީދާވެލުމުން ފައިސަލް ހިނިތުންވެލިއެވެ. އަހަރެންގެ ކައިރިޔަށް ބެލްކަންޏަށް އޭނާ ނުކުތެވެ.
"މަންމަ ދިޔައީތަ؟." އަހަރެން އަހާލީމެވެ. ލައިގެން ހުރި ދޫ ހަރުވާޅުގެ އަރިމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ހުރެ ފައިސަލް ހޫން ލައްވާލީ ބޯޖަހާލަމުންނެވެ.
"ތި މީހުން ވައްތަރީ މަންމައާ ދޯ." އަހަރެން ބުނީމެވެ. ދެން ވެސް ފައިސަލް ބޯޖަހާލަމުން ހޫން ލައްވާލިއެވެ.
"އަހަރެން ހިތަށް އެރި އެއްޗެއް ބުނަންތަ؟." ފައިސަލް ކައިރިން ހުއްދަ ހޯދާފަދައަކުން ބުނީމެވެ.
"މަންމައާ ގުޅިގެންތަ؟." ފައިސަލް އަހާލިއެވެ. އަހަރެން އޭނާއާ ނަޒަރު ސީދާކޮށްލައިގެން ހުރެ ބޯޖަހާލީމެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި އަހަރެންގެ ހިތުގައި އޮތް އެއްޗެއް ބުނާށޭ ބުނެލިއެވެ.
"ފައިސަލް މަންމަ އަހަރެންނާ މެދު ހިތްހަމަޖެހޭ ހެނެއް ހިޔެއްނުވޭ." އަހަރެން ބުނީމެވެ.
"މަންމަ އެހާ ސުވާލުކުރީމަތަ؟. އެއީ ރުޅިއަކުންނޫން. ތިކަހަލަ ރީތި އަންހެންކުއްޖަކު މިކަހަލަ ފަޅުތަނެއްގައި އެކަނި ހުންނާތީ މަންމަ ކަންބޮޑުވީ. ފިރިހެނުންނަށް އިތުބާރުކުރަން މަންމައަށް ފަސޭހައެއްނުވާނެ. މަންމަގެ ތިބީ ދެ ފިރިހެންދަރީން. އަހަރެމެން އެކަނި ހުރި އަންހެންކުއްޖެއްގެ ކިބައިން ފައިދާ ނަގާފާނޭ މަންމައަށް ހީވީ ކަންނޭނގެ. އެކަން ހިތު އަޅައިގެން ނުހުންނައްޗޭ. ހަރުކަށިގޮތެއް ފެނުނަސް މަންމަ ވަރަށް ނައިސްވާނެ. އެހެންކިޔާ އެއްޗިއްސަށް އަޅާނުލާ." ފައިސަލް ބުންޏެވެ. އޭނާގެ ކަނާއަތް ޖީބުން ނެގި ގޮތަށް އަހަރެންގެ ކޯތާފަތުގައި ޖައްސާލިއެވެ. މަޑުމަޑުން މޫނުގައި ފިރުމާލިއެވެ.
"މަންމަގެ ކުރިމަތީ އަހަރެން މީ ފައިސަލް ދަންނަ މީހަކަށް ވެސް ނުވި. އަހަރެމެން ރައްޓެހިވެގެން އުޅޭކަން ބުނަން ބޭނުންނޫނީތަ؟. އަހަރެން ފުރައިގެން ދާންވީ މި ގުޅުން ސިއްރުކޮށްގެން ހުރެގެންތަ؟. ފައިސަލް... އަހަރެން ބޭނުން ގާތް މީހުން ކައިރީ ބުނަން... އަހަރެން ފުރުމުގެ ކުރީން ފައިސަލްގެ ފެމެލީ ކައިރީ ނުބުނާނަންތަ؟. މަންމަ ދެކޭ ގޮތް އޭރުން ބަދަލުވެދާނެހެން ހީވޭ. އެހާ އެއްކޮށް ފަޒީލު އުޅޭއިރު އޭނާއަށް ވެސް އެނގެންވާނެއެއްނު. އެއީ ދުރު މީހެއްނޫނެއްނު." ކޯތާފަތުގައިވީ ފައިސަލްގެ އަތްތިލެ އަހަރެންގެ ދެ އަތްތިލައިގެ ތެރޭ ހިފަހައްޓާލައިގެން ހުރެ އަހަރެން ބުނީމެވެ.
"އާނަ ދޫކޮށެއްނުލާނަމޭ. ޓްރަސްޓް މީ... އަދި އެންމެން ކައިރީ ނުބުނެވިފައެއް ނެތެންނު. މަންމަ ކައިރީ ހުރިހާ ވާހަކައެއް ދައްކަން އަހަރެންނަށް ވަގުތު ބޭނުންވާނެ. ދެތިން މަސް މި ގުޅުމަށްވެލަންދެން މަޑުކޮށްނުލެވޭނެތަ... ޕްލީޒް." ފައިސަލް ބުންޏެވެ.
"ފައިސަލް މަންމަ އެކަންޏެއްނޫން. އަހަރެންނަށް ވެސް ފިރިހެނުންނަށް އިތުބާރު ކުރަން ވަރަށް އުނދަގޫ. އެންމެން އެއްގޮތެއް ނުވާނެކަން އެނގޭ. އެހެންވިޔަސް ކުރެވުނު ހިތި ތަޖުރިބާއާއި ލިބުނު ހިތްދަތިކަން ހަނދާނެއް ނުނެތޭނެ. ކޮންމެ މީހަކާ ރައްޓެހިވިޔަސް އަހަރެންގެ ހިތުގައި އެ ބިރު އޮންނާނެ... ކޮންމެ ފަހަރަކު ހިތަށް އަރާނެ... ޒިޔާން ފަދައިން އަހަރެންނަށް އޮޅުވާނުލާނެބާއޭ. ހަޤީޤަތުގައި ވެސް އަހަރެންދެކެ ލޯބިވޭބާއޭ. ނޫނީ އަމިއްލަ އެދުމެއް ހާސިލުކުރަން ރައްޓެހިވީކީ ނޫންބާއޭ... ފައިސަލް... ފައިސަލްއަށް އިތުބާރުކުރަން އަހަރެން ބޭނުން. އެކަމަކު އަހަރެން މާލެ ދިއުމުން ދެން މި ގުޅުމަށް ވާނޭ ގޮތަކާމެދު އަހަރެން ހިތްބިރުގަންނަނީ. އަހަރެންނާ އޮތް ގުޅުން މި ރަށުން ފުރުމާއެކު ނިމުމަކަށް އަތުވެދާނޭ ހީވަނީ... އަހަރެން މީހަކާ ރައްޓެހިވަނީ ވަރަށް ސީރިއަސްކޮށް. މިހާރު އަދި އަމުދުން ހަޔާތުން ދުވަސްތަކެއް ބޭކާރުކޮށްލާކަށް ބޭނުމެއްނޫން... ތެދަށް ބުނަންޏާ ގިނަ ދުވަހު މިގޮތަށް ނޫޅެ އަހަރެންގެ ވިސްނުން ހުރީ އަވަހަށް މެރީ ކުރަން. އެކަމަކު މުސްތަޤްބަލާމެދު ފައިސަލް އެއްވެސް ވަރަކަށް އެއްޗެއް ބުނާކަށް ބޭނުމެއްނުވޭ." އަހަރެން ބުނީމެވެ. ކުޑަކޮށް ތުންކޮޅު އޫކޮށްލައިގެން ޖަޒުބާތުގައި ޖެހިފައިވާ މީހަކު ފަދައިން އަހަރެން ހުރީމެވެ.
"ކުއްލިއަކަށް ހާދަ މޫޑު ގޯސްވީ. އާދެބަލަ." ފައިސަލް މިހެންބުނެ އަހަރެން ގޮވައިގެން ކޮޓަރިތެރެއަށް ވަނެވެ. ބެލްކަނީގެ ދޮރުފަތް ދަމާލައި ލެއްޕުމަށްފަހު ފަރުދާ ރަނގަޅަށް ފަތުރާލިއެވެ.
"ފައިސަލް... ނޯ... އަހަރެންގެ މޫޑެއްނެތް." ފައިސަލްގެ ގަސްދަކީ ކޮބާކަން ނޭނގުނަސް އަހަރެން ލަފާކޮށްފައި އެކަމަށް މަނާވެގަތީމެވެ. ފައިސަލް އަނެއްކާވެސް ހިފާލީ އަހަރެންގެ އަތުގައެވެ. ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.
"ކޮންތާކަށް މިދަނީ." އަހަރެން އަވަސްއަވަހަށް އެހީމެވެ.
"ބޭރަށް. ހާމަ ތާޒާ ވައި ލިބެނިކޮށް ތި ބޭކާރު ޚިޔާލުތަކާ ދުރުވެދާނެ. ނަފްސު ހަމައަކަށް އެޅިދާނެ." ކޮޓަރިން އަހަރެން ގޮވައިގެން ނުކުންނަމުން ފައިސަލް ވާހަކަދެއްކިއެވެ.
ފައިސަލް ފޭބީ އަތިރިމައްޗަށެވެ. މޫސުން ރީތި ދުވަހެކެވެ. މެންދުރުގެ ވަގުތަށް ވާތީ ހޭޅިފަށް ފިޔަވައި ފެންނަނީ ގަދައަވިން ފިއްސަމުންދާތަނެވެ. ނަމަވެސް އަތިރިމަތީގައި މަޑުކޮށްލުމުން ހޫނުކަމުގެ ބަދަލުގައި ޖެހެމުންދިޔަ ވައިރޯޅިތަކުން ފިނިކަން އިޙްސާސް ކުރެވުނެވެ. ރާޅު ބީއްސާ ފަށުގައި އަހަރެން ގޮވައިގެން ފައިސަލް މަޑުކޮށްލިއެވެ. އެހިނދު ދެ މީހުންގެ ފައި ވެސް ރާޅާ ތެމިއްޖެއެވެ. އަހަރެން ޖެހިލުންވެފައި ހުއްޓެއްކަމަކު ފައިގައި ބީހިލާފައި ދެމިގަންނަ ރާޅާއެކީ ނުތަނަސްވެފައިވާ ހިތާއި ސިކުނޑިއަށް ފިނިކަމެއް ލިބެން ގިނައިރެއް ނުނެގިއެވެ. އަނެއްކޮޅުން އަހަރެން ދެއްކި ވާހަކަތަކަށް އެދެވޭ ޖަވާބެއް ނުދީ އެކަމުން ފައިސަލް އެ ރެކިލީ ކިހާ އޮމާންކަމާއެކުކަން އަހަރެން ދެނަހުރީމެވެ. އޭނާ މުސްތަޤުބަލާމެދު ވާހަކައެއް ދައްކަން ބޭނުންނުވަނީ އަހަރެންނާއެކީ މުސްތަޤްބަލެއް ނެތީމައޭ މިހާރު އަހަރެންނަށް ވެސް ޔަގީންވާން ފަށައިފިއެވެ. އަހަރެންނަށް ވެސް ހަދަން އޭނާ ގަސްދު އެކުރަނީ ޝިފާލީއަށް ހެދިގޮތަށް ބާއެވެ. އެކަމަކު އަހަރެންގެ ފުށުން ފައިސަލްއަށް ގެއްލުމެއް ލިބިފައެއްނުވާނެއެވެ. އަދި ދޮގުހަދައި އޮޅުވާލާފައެއް ވެސް ނުވާނެއެވެ. ރައްޓެހިވީ އޭނާއާ މެދު ޝައުގުވެރިކަން ހިތުގައި އުފެދި ގާތް ގުޅުމަކަށް ބޭނުންވެގެންނެވެ. އަހަރެންނަށް އަނިޔާވެރިވާންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެއެވެ.
"ހިނގާ މާދަން މިތާ ކައިރި ފަޅު ރަށަށް ޖައްސާލަން." ފައިސަލް ބުންޏެވެ. ލިބިފައިވީ ހަމަޖެހުން ގެއްލި އަހަރެންގެ މޭ ތެޅިގަތެވެ.
"އިތޫ ވެޑިން ނިމުނީމަ ދެން އެއްވެސް ކަމެއް ރާވާނީ." އަހަރެން ވަގުތުން ބުނެލީމެވެ. ފައިސަލްއާއެކީ ފަޅު ރަށަކަށް އެރުމަކީ މިވަގުތު ހެދޭނެ އެންމެ ބޮޑު ގޯހެވެ.
"ކޮންއިރަކުން ވެޑިން އޮތީ. ޑޭޓް ފައިނަލް ވެއްޖެތަ؟." ފައިސަލް އަހާލިއެވެ.
"މި ވީކަންޑްގައި ކާޑު ލިބޭނެ. ހޯމަ ދުވަހުގެ ރޭގައިހެން ހީވަނީ އޮތީ. ވެޑިން އޮންނަ ދުވަހު އެއްކޮށް އެ ގޭގައި އުޅޭނީ. މިކޮޅަށް އަންނާނީ ޕާޓީ ނިންމާފައި." އަހަރެން ބުނީމެވެ.
"އެހެންވީރު ބަލާދާންޖެހޭ ވަގުތެއް ކުރީބައިގައި ބުނައްޗޭ." ފައިސަލް ބުންޏެވެ. އަހަރެން ހޫންއަކުން ޖަވާބުދިނީމެވެ. ދެން އަނެއްކާވެސް ފައިސަލްއާ ދެކޮޅަށް ސިކުނޑީގައި ރޭވުންތައް ރާވަންފެށީމެވެ.
"ކޮންއިރަކުން އަހަރެންނަށް ތިގޭގެ ޓުއާއެއް ދޭނީ." އަހަރެން އަހާލީމެވެ. ފައިސަލް ދިރިއުޅޭ ގެއަށް ވަންނަން ފުރުޞަތު ފަހިކުރުމުގެ ގަސްދުގައެވެ.
"ކޮންގެއެއް." ފައިސަލް އަހާލީ ހައިރާންކަމާއެކުއެވެ.
"ފައިސަލް ދިރިއުޅޭ ގެ. އަހަރެންނަށް ދަޢުވަތެއް ނުދޭނަންތަ؟. އަހަރެންގެ ކޮޓަރިއަށް އައުމުގެ ބަދަލުގައި އެއްފަހަރު ވިޔަސް ފައިސަލް އުޅޭ ގެއަށް އަހަރެން ގެންދަންވީނު." އަހަރެން ބުނީމެވެ.
"އެތަން އެހާ ބޮޑެއްނުވާނެ. ދެމީހުން އުޅޭން ދަތިވާނެ." ފައިސަލް ބުންޏެވެ.
"ގެންދަން ބޭނުންނުވަންޏާ އޯކޭ. ފައިސަލްގެ ދިރިއުޅުން ހުންނަ ގޮތް އަހަރެންނަށް ފެނިދާނޭތީތަ؟. އަހަރެން ފާޑުކިޔާފާނެތީ ދޯ." ފައިސަލް ބަހަނާއެއްކަން އެ ދެއްކީ އެނގޭތީ އަހަރެން ދެކޮޅު ހަދާލީމެވެ. އަދި ދެއަތް އުރާލަމުން މޫދާ ދިމާއަށް ނަޒަރު ހުއްޓާލީ ގަޔާނުވެފައިކަން އަހަރެން ހުރީ ދައްކަންވެގެންނެވެ. ފައިސަލް ދެ ފަހަރަކު އަހަރެންގެ ނަމުން ގޮވާލިއެވެ. ހިތްހަމަނުޖެހުނީތޯ އަހާލިއެވެ. އަހަރެން ޚިޔާރުކުރީ ހިމޭންކަމެވެ.
"ދެން ތިހެން ނުހުރެބަލަ." ފައިސަލް އައިސް އަހަރެންގެ ފުރަގަހުން ބައްދާލައި ކަނާއަތް ފަރާތުން އަހަރެންގެ ކޮނޑުގައި އޭނާ ދަތްދޮޅި އަޅުވާލިއެވެ.
"އިންވައިޓް ކުރާނަން. ހެޕީތަ؟." އަހަރެންގެ ފަރާތުން ކުޑަވެސް އިޝާރާތެއް ނުވުމުން ފައިސަލް ބުނެލިއެވެ.
"ކޮންއިރަކުން." އަހަރެން އަހާލީމެވެ. ފައިސަލް އަހަރެންގެ ކޮލުގައި ދަތްއަޅާލިއެވެ.
"ހާދަ ބޯހަރުވެގެން ތިއުޅެނީ." ފައިސަލްގެ ބޮލުން މަޑުމަޑުން އަހަރެންގެ ބޮލުގައި ޖައްސާލުމަށްފަހު ބުންޏެވެ.
"އަހަރެންގެ ދިރިއުޅުމުގެ ބޮޑުބައެއް ފައިސަލްއާ ޚިއްޞާކުރެވުނަސް އެ ކުލޯޒްކަމެއް ފައިސަލްގެ ފުށުން ފީލްއެއްނުވޭ. އަދިވެސް ހީވަނީ ތީ ޓޯޓަލް ސްޓްރޭންޖަރއެއްހެން. ފައިސަލްއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭހެން... ދެން ނޭނގެ." އަހަރެން ފޫހިކަން ދައްކާލީމެވެ.
"މިރޭ... ލަސްތަ؟." ދެ ޚިޔާލެއްގައި ހުރިފަދަ އަކުން ފައިސަލް އަހާލިއެވެ. އަހަރެން ވަގުތުން އެނބުރި ފައިސަލްއަށް ބަލާލީމެވެ. އޭނާގެ ދެ ލޮލުން ޔަގީންކަން ހޯދަން މަސައްކަތްކުރީމެވެ. އެހިނދު އޭނާ ވާހަކަދެއްކިއެވެ.
"މިރޭ އަހަރެންގެ ކައިރިޔަށް ގެންނާނަން. އެކަމަކު... އިރު ނާރަނީސް ނުދެވޭނެ. އެއްބަސްތަ." ފައިސަލް ބުންޏެވެ. ވަކި ޖަވާބެއް ނުދީ އަހަރެން ހިނިތުންވެލީއެވެ. އެވަރުން ފައިސަލް ނަގައިގަނެއްޖެއެވެ. އޭނާގެ ތުންފަތް ވެސް ދެމިލައިފިއެވެ.
އަހަރެންގެ ވިސްނުން ހުރީ ހޫދުއާއި ފުލުހުން ޓީމު އައުމުގެ ކުރީން ފައިސަލް އަތުގައި ހުރި އަހަރެންގެ ވީޑިއޯތައް ނައްތާލުމެވެ. އިތުރު މީހަކަށް އެ ވީޑިއޯތައް ފެންނާކަށް ބޭނުމެއްނޫނެވެ. ޚާއްޞަކޮށް ފުލުހުންގެ ތެރޭގައި އަހަރެންގެ އެފަދަ ވީޑިއޯއެއް ދައުރުވެދާނޭކަމުގެ ބިރަށެވެ. އެ ނޫން ކޮންމެ އެއްޗެއް ފައިސަލްގެ އަތުން ފެނުނަސް އަހަރެންނަށް ވަރިހަމައެވެ. ޝިފާލީގެ ސިފައިގައި އުޅޭ މަހުލޫގުގެ އެހީ މިކަމުގައި އަހަރެންނަށް ބޭނުންވާނޭކަން އެނގެއެވެ. ފައިސަލް ދިރިއުޅޭ ގެއަށް އަހަރެން ގެންދަން އޭނާ އެއްބަސްވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އެނބުރި ކޮޓަރިއަށް އަހަރެން އައީ ފޯނު ބަލައެވެ. ފައިސަލް ދިޔައީ މެންދުރަށް އަހަރެމެން ކާން އޯޑަރުކުރި އެއްޗެހި ބަލައެވެ. ފޯނު ނެގިއިރު އިތޫގެ ދެ މިސްކޯލު އޮތެވެ. އެހެންވެ އޭނާއަށް ގުޅައިގެން ހުރެ އަހަރެން ތިރިއަށް އައިސް ބޭރުގައި ހުންނަ ދިގު ގޮނޑީގައި މަޑުކޮށްލީމެވެ.
"ސޮރީ. ފޯނު ކޮޓަރީގައި ބާއްވާފައި ނުކުމެވުނީމަ ނޭނގުނީ ގުޅިކަން. ކިހިނެއް ދިޔައީ އިންޓަވިއު." އިތޫ ފޯނުކޯލު ނެގުމާއެކު އަހަރެން ވާހަކަދައްކަން ފެށީމެވެ.
އިންޓަވިއު ކުރިޔަށް ދިޔަ ގޮތް އިތޫ ކިޔާދިނެވެ. އިންޓިވިއު ޕެނަލްގައި ތިބި މީހުންގެ ތެރޭ ޒަފަރު ވެސް އިންކަން ބުންޏެވެ. ވަޒީފާ ހަމަޖެހޭނެކަމުގެ ޔަގީންކަން އިތޫއަށް އޮތެވެ. އަހަރެން އަންނާނީ ކޮންއިރަކުންތޯ އިތޫ އެއްސެވެ. މުޅި ދުވަހު ގެސްޓްހައުސްގައި މަޑުކުރުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. އެހެންވެ ހަވީރު އެގެއަށް ވަދެލަން ދާނަންކަން ބުނީމެވެ.
* * * * *
ހަވީރުގެ ވަގުތެވެ. ހަތަރެއް ޖަހަންވާއިރަށް އިތޫ ކައިރިޔަށް ދާން ތައްޔާރުވެގެން އަހަރެން ކޮޓަރިން ނުކުތީމެވެ. ހަވީރު ގޮސްފައި ރޭގަނޑު އަންނާނޭކަމަށް އަހަރެން ވަޢުދުވީތީ ފައިސަލް ޝަކުވާއެއް ނުކުރެއެވެ. އޭނާ ހުރީ އަހަރެން އެ ގެއަށް ގެންގޮސްދޭ ގޮތަށެވެ. ނަމަވެސް ސިޑިން ފައިބަފައިބާ ހުއްޓާ އަހަރެންނަށް ފޯނުކޯލެއް އަންނަކަމުގެ ހިލަންވެގެން ބަލާލީމެވެ. ފަޒީލުގެ ކޯލެކެވެ.
"ކޮންތާކު." ވަގުތުން ފަޒީލު އަހާލިއެވެ.
"ގެސްޓްހައުސްގައި. އެކަމަކު މި ނުކުންނަނީ އިތޫމެން ގެއަށް ދާން. ކިހިނެއްވީ." އަހަރެން ވާހަކަދެއްކީމެވެ.
"މުހިންމު ކަމެއްގައިތަ؟." ފަޒީލު އަހާލިއެވެ.
"ދާނަމޭ ބުނެވުނީމަ. ކިހިނެއްތަވީ... ސުވާލުނުކޮށް ބުނެބަލަ." އަހަރެން ބުނީމެވެ.
"އިތޫ ކައިރިޔަށް ނުގޮސް މަޑުކުރޭ. އަހަރެން މިދަނީ އާނަ ބަލާ. މަންމަ ބުނީ އާނަ ގޮވައިގެން އައިސް ބަލާށޭ." ފަޒީލުގެ އަޑުގައި ހިތްއަވަސްވުން އެކުލެވިފައިވިއެވެ.
"މަންމަ ބުނީއޭ... ކީއްވެ؟." އަހަރެން ސުވާލު އުފެދުނެވެ.
"ހަވީރު ސަޔަށް. އޯކޭ... ނުކުމެ ހުރޭ. މި ކައިރިކޮށްލަނީ." ފަޒީލު ފޯނުކޯލު ކަނޑާލީއެވެ. އަހަރެން ހާސްވާގޮތްވިއެވެ. އެމީހުންގެ މަންމަ އަހަރެންނާމެދު ގަޔާނުވާއިރު އެ ގެއަށް އަހަރެން ގެންދަންޖެހޭ ސަބަބެއް ނުވިސްނުނެވެ.
(ނުނިމޭ)