ނިމިގެންދިޔަ ސަރުކާރުތަކުގައި ރާއްޖޭގެ ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް އެއްވެސް ބަދަލެއް ގެނެވިފައި ނުވަނީ ސަރުކާރުތަކުން އެކަން ކުރަން ބޭނުން ނުވުމުމުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ބ. ދޮންފަނުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށްވެސް ނިމިގެން ދިޔަ ސަރުކާރުތަކުގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދީފައި ނުވުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ފެހި ގާނޫނުއަސާސީގެ ދަށުން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައިވެސް އެކި ހައިސިއްޔަތުން އެމަނިކުފާނު ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުއްވައި ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާފައި ވާނެ ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ރައްޔިތުންގެ ފަރާތުން އަބަދުވެސް އިވިވަޑައިގަތީ އެއް މައްސަލަތަކެއް އެއް ކަންބޮޑުވުންތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އެއްވެސް އަޅާލުމެއްނެތި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ދޯކޮށްލާފަ އޮތީ،" ރައީސް ވިދާޅުވި އެވެ.
ދޮންފަނާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ކުރިން ވެފައި އޮތީ ރަނގަޅު ފެންވަރުގެ ބަނދަރެއް ނެތުމާއި، ފެނާ ނަރުދަމާ ނެތުމުގެ އިތުރުން އިންޖީނުގެއެއް ނެތުމުގެ މައްސަލަ ކަމަށެވެ. އެހެންނަމަވެސް ދޮންފަނު ރައްޔިތުންގެ އެ ހުރިހާ ކަންބޮޑުވުމެއް ހައްލުކޮށްދިނުމުގެ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
މިޖަލްސާގައި ވާހަކަދެއްކެވި ދޮންފަނު ކައުންސިލްގެ ރައީސް ވެސް ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ފަރާތުން ރައީސް ސޯލިހަށް ހުށަހެޅުއްވި ހުރިހާ ކަމެއް "ރަނުން ރަނަށް" ފުއްދަވައިދެއްވަމުން ގެންދަވާ ކަމަށެވެ.
ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ދޮންފަނަށް ބައެއް ކަންކަން ކޮށްދިނުމަށްވެސް ރައީސް ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތަށް ދޮންފަނަށް ބިން އިތުރުކޮށްދީ، އެރަށުގައި ރޯހައުސް ނުވަތަ ފުލެޓް އަޅައިދޭނެ ކަމުގައި ވިދާޅުވި އެވެ. ދޮންފަނު ސްކޫލަށް ބޭނުންވާ ކްލާސްރޫމުތަކާއި މަލްޓިޕާޕަސް ހޯލެއް އަޅައިދިނުމަށާއި ޒުވާނުންނަށް ފުޓުބޯޅަ ދަނޑެއް އަޅައިދިނުމުގެ އިތުރުން ވޮލީ ކޯޓެއް އަޅައިދިނުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
"މިވީ ވައުދުތައް އިރާދަކުރެއްވިއްޔާ އަކުރުން އަކުރަށް ފުއްދަވައިދެއްވާނަން" ރައީސް ވިދާޅުވި އެވެ.