މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ހަމަޖައްސައިދީފި އެވެ.
ޓީޗަރުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާވީ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ޓީޗަރުން މޫނު ބުރުގާ އެޅުން މަނާވާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލާ ގުޅިގެންނެވެ.
މިއުސޫލުގައިވާ ގޮތުން މޫނު ބުރުގާ އަޅާ ޓީޗަރުން މޫނު އަޅައިގެން ސްކޫލަށް ދިޔަ ނަމަވެސް ކުލާސްރޫމުގައި ކިޔަވައިދޭއިރު މޫނު ނަގަން ޖެހެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އުސޫލަށް ގެނައި އިސްލާހާ ގުޅިގެން ކިޔަވައިދޭ ގަޑީގައި މޫނު ބުރުގާ ނެގުމަށް މަޖުބޫރެއް ނުވާނެ އެވެ. އެކަމަކު ޓީޗަރަށް ދޫކޮށްފައި އޮންނަ ސްޓާފް ކާޑު އަޅަންޖެހެ އެވެ.
އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން މޫނު ބުރުގާ އަޅާ ޓީޗަރުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭނަމަ ކްލާސްރޫމުގައި މޫނު ބުރުގާ ނަގަންޖެހެ އެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ލިބޭ ގޮތް ހަމަޖައްސައިދީފައި މިވަނީ އުސޫލު ކުރިން އޮތް ގޮތުން އެތައް ބައެއް ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުންނެވެ.