ޑރ. މުހައްމަދު މުއިއްޒު

އައްޑޫ އައިސްޕްލާންޓް މަސް ފެކްޓަރީއަކަށް ބަދަލުކުރާނަން: މުއިއްޒު

އައްޑޫ ސިޓީގެ ހުޅުމީދޫގައި ހުރި އައިސްޕްލާންޓް މަސް ފެކްޓަރީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ހުޅުމީދޫގައި އައިސްޕްލާންޓެއް ހަދާ ހުޅުވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ.

ހުޅުމީދޫގައި ވަރަށް ގިނަ ބަޔަކާ އެކު މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ހުޅުމީދޫ އައިސްޕްލާންޓާ ގުޅިގެން އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށްޓަކައި އައިސްޕްލާންޓް ބަދަލުކޮށްލާނީ މަސް ފެކްޓަރީ އަކަށް ކަމަށެވެ. އަދި އެތަނުގައި ދަޅުގައި މަސް ބަންދުކޮށް އެކްސްޕޯޓް ކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމުގައިވެސް ވުދާޅުވި އެވެ.

މަސް ފެކްޓަރީގެ މަސައްކަތް އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން އެތަނުގައި 500 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމުގެ ޔަގީންކަންވެސް މުއިއްޒު ދެއްވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީއާ ވީކޮޅުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅިއިރު ރާއްޖޭގޭ ބައެއް ބޭރުގެ ބަޔަކަށް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ތާއީދުކުރައްވާ މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ކަނޑު ސަރަހައްދު އަލުން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައްޑޫގައި ކުރިން ހިންގަމުން ދިޔަ ޝަންގްރިއްލާ ރިސޯޓް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާތީ އެއީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެކަމުގައި އައްޑޫ ރައްޔިތުންނަށް އުއްމީދެއް ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ 2024 ވަނަ އަހަރު އެ ރިސޯޓު އަލުން ހުޅުވައިދޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި ރައީސް ސޯލިހްގެ ރަނިންމޭޓް މުހައްމަދު އަސްލަމްވެސް މިވަގުތު ހުންނެވީ އައްޑޫ ގައެވެ.