ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ މެނިފެސްޓޯ: ޖަލު އަދަބު ނޫން ހައްލުތަކެއް ހޯދައިދެނީ

ކުށްކުރާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައިގަނޑު އަސާސް ކަމުގައި ހަދައި، ޖަލަށްލުން ފިޔަވައި ދެވިދާނެ އެހެނިހެން އަދަބުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތުގައި ވަނީ ކުށްކުރާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައިގަނޑު އަސާސް ކަމުގައި ހަދައި، ޖަލަށްލުން ފިޔަވައި ދޭ އެހެނިހެން އަދަބުތައް ތަންފީޒުކޮށް ހިންގާނޭ އިދާރާއެއް ގާއިމުކޮށް އެ އިދާރާއަށް މިކަންކަން އިންތިޒާމު ކުރުމަށް މަސްއޫލިއްޔަތު ހަވާލުކުރުމަށެވެ.

މި ސިޔާސަތުގައި ގޭ ބަންދުގެ އިތުރުން މުޖުތަމައަށް ހިދުމަތްކުރުން ނުވަތަ ކަނޑައަޅާ ރީހެބިލިޓޭޓިވް ޕްރޮގްރާމްތަކުގައި ބައިވެރިވުމުން ކުށްވެރިންގެ އަދަބު ތަންފީޒު ކުރެވިގެންދާކަން ޔަގީންކޮށް، އެ އިދާރާގެ ބެލުމުގެ ދަށުން ޕެރޯލްގެ ނިޒާމު ހިންގޭ ގޮތް ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވެ އެވެ.

ޖިނާއީ ކުށްކުށުގައި އަނިޔާ ލިބޭ ފަރާތްތަކުގެ ބަހެއް ނުލިބުމުގެ ސަބަބުން، އެފަރާތްތަކަށް އިންސާފު ލިބިދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ޖިނާއީ މައްސަލަތަކުގެ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި، އަނިޔާ ލިބޭ ފަރާތަށް ބަސް ބުނުމަށް ފުރުސަތު ދިނުން ލާޒިމުވާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރަންވެސް ހިމަނާފައިވެ އެވެ.

ޝަރީއަތެއް ހިންގުމަކާ ނުލާ މަޝްވަރާގެ އުސޫލުން މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، މަދަނީ އަދި އާއިލީ މައްސަލަތަކުގައި މީޑިއޭޝަން ހިންގޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމާއި، މަދަނީ އަދި އާއިލީ މައްސަލަތައް ބަލާ ކޯޓުތަކުގައި މީޑިއޭޝަން ހިންގޭނެ މީޑިއޭޓަރުން ތަމްރީނުކޮށް، ކޯޓު އެނެކްސްޑް މީޑިއޭޝަންގެ ނިޒާމެއް ގާއިމުކުރަންވެސް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ދަރަނިވެރިވުމަކީ ބަންދެއް އަންނަ ސަބަބަކަށްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި، ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށްވެސް "ބޭންކްރަޕްޓްސީ ޑިކްލެއަ ނުވަތަ ވިޔަފާރި ބަނގުރޫޓު ވެއްޖެކަން އިއުލާން ކުރެވޭ ގޮތަށް ބޭންކްރަޕްޓްސީއާ ބެހޭ ގާނޫނެއް އެކުލަވާލުމަށްވެސް ހިމަނާފައިވެ އެވެ.

މިސިޔާސަތުގައި ވަނީ ފަނޑިޔާރުންނާއި، ޖުޑީޝަރީގެ މުވައްޒަފުންނަކީ، އެމީހުންގެ ދިރިއުޅުމުގެ ހަރަދާއި، ޒަރޫރީ ކަންކަން ހަމަޖެއްސުން ފަދަ ކަންކަމުގައި އެހެން މީހުންނަށް ބަރޯސާވާންނުޖެހޭ ފުދުންތެރި ދިރިއުޅުމެއް އުޅޭ ބައެއްކަން ކަށަވަރުކުރުމަށްޓަކައި، ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހިދުމަތްކުރާ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް އެކޮމޮޑޭޝަން ފަހިކޮށްދޭނެ ކަމަށްވެސް ބުނެފަ އެވެ. ފަނޑިޔާރުންނާއި، ޖުޑީޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި އުފައްދާފައިވާ ޖުޑީޝަލް އެކަޑެމީއަކީ ފަނޑިޔާރުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ ގާބިލުކަމާއި، މަސައްކަތުގެ ހުނަރު އަދާހަމަކޮށް ހިފެހެއްޓުމަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނު ޕްރޮގްރާމުތައް ރާވާ، ހިންގާ މަރުކަޒަކަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށްވެސް ހިމަނާފައިވެ އެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ހަލުވިކަމާއިއެކު ކުރިޔަށް ގެންދެވޭނެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި، ކޯޓުތަކަށް ބޭނުންވާ ޖާގައާ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ. ކޯޓުތަކުގައި މަސައްކަތްތައް އަވަސްކުރުމަށްޓަކައި، ސްޕީޗް ޓު ޓެކްސްޓް ޓޫލްސް، ރެފެރެންސިން ޓޫލްސް ފަދަ އެސިސްޓިވް ޓޫލްސް ބޭނުންކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އިންވެސްޓްކުރުމަށްވެސް ހިމަނާފައިވެ އެވެ.

ކޯޓުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް، ގުޅިފައިވާ ޑިޖިޓަލް ވިއުގައެއްގެ ތެރެއިން ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، މައްސަލައިގެ ލިޔުންތަކާއި، އިދާރީ ކަންކަން ފުރިހަމަކުރެވޭނޭ ނިޒާމެއް ގާއިމުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި، ރާއްޖޭގެ ހުރިހާ ކޯޓުތަކުގެ މެދުގައި މުއާމަލާތްކުރުމާއި ލިޔެކިޔުން ބަދަލުކުރުމުގެ އިދާރީ އިންތިޒާމުތަކާއި، ޝަރީއަތުގެ އަޑުއެހުންތައް ރެކޯޑުކޮށް ރައްކާކުރުމުގެ ވަސީލަތްތަކާއި ކުށާއި ދަރަނީގެ ރެކޯޑު ބެލެހެއްޓޭ އިންތިޒާމުތައް މި ވިއުގައިގެ ތެރެއިން ގާއިމުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.