ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިވަންކަން ދިފާއުކުރަން ބޮޑު ފާރެއް ރާނާކަށް ނުޖެހޭ: ރައީސް

ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި "ރަށް ވަށާ ބޮޑު ފާރެއް" ރާނަން ނުޖެހޭ ކަމަށް ވިދާޅުވެ ރާއްޖޭގެ މިނިވަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްދުދެއްވައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތު ހާމަކުރުމަށް ދަރަވަންދޫގައި މިރޭ އޮތް ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ފަސް އަހަރު ތަންފީޒުކުރެވުނު ކާމިޔާބު ހާރިޖީ ސިޔާސަތާ ގުޅިގެން ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރެވި ދިވެހިންނަށް ދުނިޔޭގެ ޗާޓްގައި ނަން ހިނގާ ގައުމަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައި ވެސް މިއަދު ބޭނުންވަނީކީ ކޮންމެހެން ރަށް ވަށާ ބޮޑު ފާރެއް ނޫން. ބޭނުންވަނީ ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކުރަން. މިނިވަންކަމަށްވެސް އޮތް އެންމެ ރަނގަޅު ހައްލަކީ ދުނިޔޭގެ ގައުމުތަކާ އެކީގައި ތެދުވެރިކަމާއެކީގައި ޓްރަސްޓާ އެކީގައި ގާއިމުކުރެވޭ ހަރިޖީ ގުޅުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ރާއްޖެ އޮތީ ދުނިޔެއާއި ގުޅުންކެނޑި މުޅިން އެކަހެރިވެފައި ކަމަށެވެ. ނަމަވެސް މިދިޔަ ފަސް އަހަރު ތަންފީޒު ކުރި ހާރިޖީ ސިޔާސަތާ އެކު ރާއްޖެއަށް ބައިނަލްއަގްވާމީ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދިވެހިރާއްޖެއިން މިއަދު 100 އަށް ވުރެ ގިނަ ގައުމާ އެކު ހާރިޖީ ގުޅުން ގާއިމުކޮށް، 80 އަށް ވުރެ ގިނަ ގައުމަށް ވިސާއާ ނުލައި ދިވެހިންނަށް މިހާރު ދަތުރުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން އދ.ގެ އެންމެ އިސް މަގާމުތައް ފުރާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ އިންތިހާބުތަކުގައި ވާދަކުރަން ރާއްޖެއިން މިހާރު ފަސްނުޖެހޭނެ ކަމަށެވެ.

"މިއަދު އދ.ގައި އަޅުގަނޑުމެން ކޮންމެ މަގާމަކަށް ވާދަކުރުމަށް ނިކުން ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ތާއީދުކުރާނެ ކިތަންމެ ބައިވަރު ގައުމުތަކެއް އެބަހުރި. ވާދަވެރި އިންތިހާބެއްގައި އދގައި އަޅުގަނޑުމެންނަށް ވާދަކޮށްލެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މިއަދު އެބައޮތް. އެހާވަރަށް އަޅުގަނޑުމެންނަށް ހާރިޖީ ސިޔަސަތު މިނިވަން ހާރިޖީ ސިޔާސަތު އަޅުގަނޑުމެންނަށް ފުޅާކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމާ ގުޅޭގޮތުން ރައީސް ވާހަކަދައްކަވާފައި މިވަނީ މިސަރުކާރު ވެރިކަމާ ހަވާލުވެ އިންޑިއާ އާއި ވަރަށް ބޮޑަށް ގުޅުން ގާއިމުކޮށްފައިވާތީ އެ ގުޅުން އެއީ ރަނގަޅު ގުޅުމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދު ބުނަމުން ދަނިކޮށެވެ.