ގދ. ތިނަދޫ

22 އޯގަސްޓް: ތިނަދޫއަށް އެއްފަހަރާ ދެ އީދު

Feb 16, 2016

ނުރައްކާތެރި ހަމަލާތަކަކާއެކު ތިނަދޫއިން މީހުން ބޭލުމަށްފަހު އަލުން ރަށް އާބާދުވިތާ ފަންސާސް އަހަރު ފުރުން ފާހަގަކުރުމަށް އަންނަ އޮގަސްޓު މަހު އެރަށުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ ތިނަދޫ އަށް މިއަހަރު އަންނަ އުފާވެރި އީދަކީ އެމަނިކުފާނުގެ ހަޔާތްޕުޅުން ވެސް މުހިއްމު ދުވަހަކަށް ވާތީ، އެދުވަހު ތިނަދޫގެ ރައްޔިތުންގެ އުފަލުގައި ވެސް ބައިވެރިވެވަޑައިގަންނަވަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. ރައީސްގެ އެ ކުއްލި ހަބަރު ވެގެންދިޔައީ ރަށަށް ބޭނުންވާ ގިނަ ކަންތައްތަކެއް ހާސިލުވުމުން އުފަލުން ފޮޅިފައި ތިބި އެރަށުގެ ރައްޔިތުންގެ އުފާ ދެގުނައަށް އިތުރުވި ކަމަކަށެވެ. ރައީސް އެފަދަ ގޮތަކަށް ޝުއޫރު ފާޅުކުރައްވަފާނެ ކަމަކަށް ތިނަދޫގެ އެއްވެސް ރައްޔިތަކު އުންމީދެއް ނުކުރެ އެވެ.

"އަޅުގަނޑުމެންނަށް މިއަދު ލިބުނީ ހައިރާން ކަމެއް. ރައީސް އެފަދަ ގޮތަކަށް ޝުއޫރު ފާޅުކުރެއްވުމުން އެމަނިކުފާނު ތިނަދޫ އަށް ހަގީގަތުގައިވެސް އިސްކަންދޭކަން އެނގޭ. އަޅުގަނޑުމެން ދެން އިންތިޒާރުކުރާނީ ރައީސް ވަޑައިގަންނަވާނެ ދުވަހަކަށް،" އިއްޔެގެ ރަސްމިއްޔާތު ނިންމާލުމަށްފަހު ދެ ދަރިންނާ އެކު ގެއަށް ދާން ނުކުތް ޒުވާން އަންހެނަކު ބުންޏެވެ.

ތާރީހީ ފޮތްތަކުގައި މަޝްހޫރު ހުވަދޫ ބަޣާވާތާ ގުޅިގެން އެރަށުގެ މީހުން ބާލައި ރަށް މުޅިން ފަޅުވުމަށްފަހު، ތިނަދޫ އަލުން އާބާދު ވާން ފެށީ 22 އޮގަސްޓް 1966 ވަނަ އަހަރު އެވެ. އޭގެ ފަހުން ތިނަދޫގެ ރައްޔިތުންގެ މެދުގައި އޮގަސްޓު 22 ފާހަގަވެގެންދަނީ މިނިވަން ދުވަސް ފަދަ ދުވަހެއްގެ ގޮތުގަ އެވެ. އިއްތިފާގުން އޮގަސްޓު 22 ވަނަ ދުވަހަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހަނގު ދަރިކަލުންގެ ވެސް އުފަންދުވަހެވެ. ރައީސަށް އެ ދުވަސް އެހާ ބޮޑަށް ހާއްސަވެވަޑައިގަތީ އެހެންވެ އެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އޮންނަ ހަފްލާތަކަށް ރައީސް ތިނަދޫ އަށް ވަޑައިގަންނަވާއިރު ދަރިކަލުންވެސް އަރިހުގައި ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނޭ ރައީސްގެ ދަރިކަލުން ޓީވީ އިން. އެކަމަކު އަދި ހަމަ ލޮލަކަށް ނުފެނޭ. ވަރަށް ހާއްސަ ދުވަހަކަށް އަޅުގަނޑުމެންނަށް ވެސް މި ދުވަސް ވާނެ. ރައީސް މިއަދު އެހެން ބުނުމާއެކު އުފަލުން ނަށައިނުގަނެވުނީ ކިރިޔާ. ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް ޔާމީން އަށް،" އިއްޔެގެ ޖަލްސާއިން ނިމިގެން ރައްޓެހިންތަކަކާ ވާހަކަދައްކަން އިން ދުވަސްވީ ދައްތައަކު ބުންޏެވެ.

ރައީސް ވިދާޅުވީ، މިއަހަރުގެ އޮގަސްޓު 22 ވަނަ ދުވަސް ފާހަގަ ކުރެވޭނީ ވަރަށް އުފާވެރިކަމާއެކު ގިނަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށެވެ.

ތިނަދޫގެ ދެވަނަ އުފަންދުވަސް މިވަނީ އަޅުގަނޑުގެ ހަގު ދަރިފުޅުގެ އުފަންދުވަހަށްވެސް މެ. އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ތިނަދޫގެ ދެވަނަ އުފަންދުވަހަށް އަޅުގަނޑުގެ ދަރިފުޅުވެސް އަޅުގަނޑާއެކީ އިރާދަ ކުރެއްވިއްޔާ ތިނަދުއަށް ދަތުރު ކުރާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.