ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރ. ކިނޮޅަހުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ފިރިހެނުންގެވެސް އިހްސާސްތަކާއި ބޭނުންތަކެއް ހުންނަ ފަދައިން ކޮންމެ ރަށެއް ތަރައްގީ ކުރުމުގައި އަންހެނުން ބޭނުންވާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. އެހެންވެ އެމަނިކުފާނުގެ ސިޔާސަތަކީ މިންތީގެ ހަމަހަމަކަން ގެނެސް ކަންތައްތައް ނިންމާ އިރުގައި ދެ ޖިންސުގެ ބަސްވެސް އަޑުއެހުން ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކީ މިންތީގެ ހަމަހަމަކަން ގެނެސް ކަންކަން ނިންމުމުގައި އަންހުންގެ ދައުރު މިހާރަށް ވުރެ އިތުރު ކުރުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކުރިއަށް އޮތް ދައުރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރާ މަންޒަރު ވަރަށް ބޮޑަށް ފެނިގެން ދާނެ ކަމަށެވެ. މިއަދު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހިންގުމުގައި މައްސަލަތަކެއް ހުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ފުރިހަމަ އަށް ފަންކްޝަން ކުރާ ތަނަކަށް އެތަން ބަދަލު ކޮށްދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގެ ސިޔާސަތުތައް ހާމަކުރަމުންދާއިރު އޭގެ ތެރޭގައި ހިމެނޭ "ހެޔޮވެރިކަމުގެ" ސިޔާސަތަކީ 2008 ވަނަ އަހަރުން ފެށިގެންވެސް މި ވޭތު ކުރި ހަތަރު އިންތިހާބުގައިވެސް އެމްޑީޕީގެ މެނިފެސްޓޯގައި ބަދަލެއް ނުވެ ލިޔަމުން އަންނަ އެއް ބައި ކަމަށެވެ.
"އެމްޑީޕީގެ ކޮންމެ މެނިފެސްޓޯ އެއްގައި ސަމާލުކަން ދީފައި އޮތް އެއްބައި އެއީ. ރައްޔިތުން އިންތިހާބު ކުރާ ވެރިކަމެއްގައި ހުންނަންޖެހޭނެ އެންމެ މުހިއްމު ސިފައެއް އެއީ،" ރައީސް ވިދާޅުވި އެވެ.
ހެޔޮވެރިކަމެއް ކުރުމަށްޓަކާ ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ރައްޔިތުންގެ މުހުތާދުތައް އަޑު އަހައި، ރައްޔިތުން ބޭނުންވާ ގޮތަށް އެ ވެރިކަން ކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ.
"މީގެ ކޮންމެ ވެރިކަމެއް ނިމިގެން ގޮސް އެއް އަޑަކުން އެންމެން ނިކުމެ ތިބެނީ ވެރިކަން ބަދަލުކުރުމަށް. އެއީ ރައްޔިތުންނަށް ބޭނުންވި ހެޔޮ ވެރިކަން އިންތިހާބުކޮށްދެއްވި ފަރާތުން ކޮށްނުދެވުނީމަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ހެޔޮ ވެރިކަމުގެ ތެރެއިން ވެރިކަން ހިންގުން ލާމަރުކަޒީކޮށް ބާރުތައް ދޫކޮށްލައި، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ކޮންމެ ކަމެއްގައި ރައީސް އޮފީހަށް ސިޓީ ލިޔެ އޭގެން ގޮތް ނިންމަން ވެއްޖެޔާ ފަސް އަހަރު ދުވަހު ތެރެއަކުއެއް އެ ކުރަން ބޭނުންވާ ކަންތައްތަކެއްވެސް ނުކުރެވޭނެ. ހެޔޮ ވެރިކަމެއްވެސް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް ގެނެވޭ ތަަރއްގީގެ އެންމެ މުހިއްމު އެއް ދައުރެއް އަދާކުރަނީ ލާމަރުކަޒީކޮށް ބާރުތައް ދޫކޮށްލުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ކުރުމަށް ސިޔާސަތުތައް ކަނޑައަޅާފައި، ކަންކުރަންވީ ގޮތް ނިންމުމަށްފަހު ކައުންސިލުތަކަށް ދޫކޮށްލަންވީ ކަމުގައިވެސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދައުރުގައި ސިޔާސަތުތައް ކަނޑައެޅި އިރުގައި ކައުންސިލްތައް ބާރުވެރި ކުރުވައި ފައިސާގެ ބަޖެޓު މިހާރަށް ވުރެ ބޮޑު ކުރުމަށް ނިންމާފައި ވާނީ،" ރައީސް ވިދާޅުވި އެވެ.
މާލޭގައި ބައެއް މިނިސްޓްރީތަކުގައި މިހާރު ކުރަމުންދާ މަސައްކަތްތައްވެސް އަތޮޅުތެރޭގެ ރަށްރަށުގައި ކުރެވޭ ގޮތަށް ބަދަލުކުރުމަށް ވަނީ ނިންމާފަައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުގައި ރަށްރަށުގައި އިތުރު ވަޒީފާތައް އުފެދި، ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އޮފީސް އިމާރާތްތައް ނެތް ރަށްރަށުގައި އާ އިމާރާތްތައް އަޅައިދީ މިހާރު މަރާމާތްކުރަން ޖެހިފައިވާ ހުރިހާ ރަށު އޮފީހެއް އަލުން އަޅައިދީ މަރާމާތުކޮށްދޭނެ ކަމަށެވެ.
ރައީސްގެ ކިނޮޅަހުގެ ވައުދުތައް
- ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން
- ކައުންސިލް އިދާރާގެ އާ އިމާރާތެއް އަޅައިދިނުން
- ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލެއް ހަދައިދިނުން
- ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހަދައިދިނުން
- އިންޑޯ ސްޕޯޓްސް ހޯލެއް ހަދައިދިނުން
ކިނޮޅަހަކީ ރައީސް ރ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ވަޑައިގެންނެވި ފުރަތަމަ ރަށެވެ.