ބޭރު ކުޅިވަރު

ސަޕޯޓަރުންގެ ހަޅުތާލުގެ ސަބަބުން އެފްއޭކަޕްގެ ޓިކެޓް އަގުހެޔޮކޮށްފި

ސަޕޯޓަރުން ހަޅުތާލުކުރަމުންދާތީވެ އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓް އަގުހެޔޮކޮށްފި އެވެ.

މިހާރު ނިންމާފައިވަނީ ސެމީ ފައިނަލް އާއި ސެމީ ފައިނަލް މެޗުގެ ޓިކެޓް އަގުން ފަސް ޕައުންޑް އުނިކުރުމަށެވެ. ފައިނަލް މެޗުގެ ޓިކެޓެއް ވިއްކަން ކުރިން ނިންމާފައިވަނީ 45 ޕައުންޑަށެވެ. ސެމީ ފައިނަލް މެޗުގެ ޓިކެޓް ވިއްކަނީ 30 ޕައުންޑަށެވެ.

އިނގިރޭސި އެފްއޭއިން ބުނީ މުބާރާތުގެ ޓިކެޓްގެ އަގުހެޔޮކުރަން ނިންމީ މާލީ ގޮތުން އިނގިރޭސި އެފްއޭ ރަނގަޅު ހާލަތެއްގައި އޮތުމުން ކަމަށެވެ.

މި ސީޒަނުގައި ލިވަޕޫލާއި އާސެނަލްގެ ސަޕޯޓަރުން ވަނީ އަންނަ ސީޒަނުގައި ޓިކެޓް އަގުބޮޑުކުރަން ނިންމުމުން ހަޅުތާލުކޮށްފަ އެވެ. ދެ ކުލަބުގެ ސަޕޯޓަރުން ވެސް ދަނޑު ދޫކޮށްދިޔައީ މެޗު ނިމުމުގެ ކުރިންނެވެ. މިހެންވެ މެޗު ތެރޭގައި ހަޅުތާލު ނުކުރަން އާސެނަލްއިން ވަނީ އެދިފަ އެވެ. އަދި ލިވަޕޫލުން ވަނީ ޓިކެޓް އަގުހެޔޮކުރަން ނިންމައިފަ އެވެ.

އިނގިރޭސި ސަޕޯޓަރުން ހަޅުތާލުކޮށްފައިވާއިރު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގެ ސަޕޯޓަރުން ވަނީ ޓިކެޓް އަގުބޮޑު ކުރާތީވެ ދަނޑަށް ވަނުން 20 މިނިޓަށް ފަސްކޮށް، ދަނޑަށް ވަދެ ޓެނިސް ބޯޅަ އުކައިފަ އެވެ.

ނަމަވެސް އިނގިރޭސި ކުލަބުތަކުން ބުނަނީ ޓީވީ ރައިޓްސްއިން ލިބޭ ފައިސާ އިތުރުވަމުންދިޔަ ނަމަވެސް ކުޅުންތެރިންގެ އަގު މަތިވަމުންދާތީވެ ޓިކެޓް އަގު ހެޔޮނުކުރެވޭނެ ކަމަށެވެ.