ރިޔާސީ އިންތިހާބު 2023

ކެންޑިޑޭޓުން ވޯޓާސް ލިސްޓްގައި ހުކުރު ދުވަހު ސޮއިކުރަނީ

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އަންނަ ހުކުރު ދުވަހުން ފެށިގެން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ އޮފިޝަލަކު މިރޭ އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވޯޓާސް ލިސްޓުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ވެސް ސޮއިކުރަން ޖެހޭތީ މިހާރު ކުރިއަށްދަނީ އީސީގެ އޮފިޝަލުން ސޮއިކުރަމުން ކަމަށެވެ.

މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު އަންނަ ހުކުރު ދުވަހުން ފެށިގެން ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށާނެ ކަމުގައިވެސް އޭނާ ވިދާޅުވި އެެވެ.

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހިނގާދިޔަ ކަންތައްތަކަށްފަހު އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.