ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ޓީސީ ސްޕޯޓްސް ކުލަބުން ޕްރެކްޓިސް ފަށައިފި އެވެ.
އަންނަ ސީޒަނަށް ޓީސީ ޕްރެކްޓިސް ފެށިއިރު އެ ޓީމު ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފަ އެވެ. ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގެ ދިވެހި ލީގުގެ ދެ ވަނަ ހޯދި ޓީމަށް އަލަށް ގެނައި އެންމެ މަޝްހޫރު ކުޅުންތެރިއަކީ ނިއުގެ އަލީ ފާސިރު (ސެންޓޭ) އެވެ.
މީގެ އިތުރުން ނިއުގެ ޑިފެންޑަރު އަހުމަދު އަބުދުﷲ (ލިލީ) އާއި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ވަނީ ޓީސީ އަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން ގައުމީ ޓީމުގައި އަރަމުން އަންނަ ޒުވާން ފޯވަޑް ހަސަން ނާއިޒް (ދާދު) އާއި ކީޕަރު މުހައްމަދު އިމްރާން ވެސް ތިބީ ޓީސީގަ އެވެ. އެ ޓީމުން މިދިޔަ ސީޒަނަށް ފަހު ވަކިވީ އީގަލްސް އަށް ބަދަލުވި އަހުމަދު ޒާދު އެވެ.
މިހެންވެ ހުސްވި ސީޒަނަށްވުރެ ބޮޑު ކާމިޔާބީއަކަށް ޓީސީން އުއްމީދު ކުރެ އެވެ. ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ޓީސީން ވަނީ ދިވެހި ލީގުގެ ދެ ވަނަ ހޯދައި ޕްރެޒިޑެންޓްސް ކަޕުގެ ތިން ވަނަ ހޯދައިފަ އެވެ. ޕްރެޒިޑެންޓްސް ކަޕުން ޓީސީ ކެޓީ ޗެމްޕިއަންކަން ހޯދި މާޒިޔާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.