ވާހަކަ

ގަހަނާ ފޮށި

( 22 އޯގަސްޓް 2023 އާ ގުޅޭ )

"އިތޫ ކައިރިޔަށް ނުގޮސް މަޑުކުރޭ. އަހަރެން މިދަނީ އާނަ ބަލާ. މަންމަ ބުނީ އާނަ ގޮވައިގެން އައިސް ބަލާށޭ." ފަޒީލުގެ އަޑުގައި ހިތްއަވަސްވުން އެކުލެވިފައިވިއެވެ.

"މަންމަ ބުނީއޭ... ކީއްވެ؟." އަހަރެން ސުވާލު އުފެދުނެވެ.

"ހަވީރު ސަޔަށް. އޯކޭ... ނުކުމެ ހުރޭ. މި ކައިރިކޮށްލަނީ." ފަޒީލު ފޯނުކޯލު ކަނޑާލީއެވެ. އަހަރެން ހާސްވާގޮތްވިއެވެ. އެމީހުންގެ މަންމަ އަހަރެންނާމެދު ގަޔާނުވާއިރު އެ ގެއަށް އަހަރެން ގެންދަންޖެހޭ ސަބަބެއް ނުވިސްނުނެވެ.

ފައިސަލް ބުނިހެން އެމީހުންގެ މަންމަ ހަޤީޤަތަށް ވެސް އަހަރެންނާމެދު ކަންބޮޑުވަނީ ހެއްޔެވެ. އަންހެންކުއްޖަކަށްވެފައި އެކަނި ގެސްޓްހައުސްގައި ހުރީމާބާއެވެ. ނޫނީ އޭނާގެ ފިރިހެން ދަރީންނަށް އިތުބާރު ނުކުރެވެނީ ހެއްޔެވެ. އަހަރެންނާ މެދު ހިތްހަމަނުޖެހިފައި ހުރެ ހަވީރުގެ ސަޔަށް ދަޢުވަތު ދިނުމަކީ އަހަރެން ސަމާލުވާން ޖެހޭނެ ކަމެއްކަން ޟަމީރާއެކު ހަވަނަ ހިއްސު ވެސް އެއްބަސްވިއެވެ. އެމީހުންގެ މަންމަގެ މަޤްޞަދު ސާފުނުވާތީއެވެ.

އަހަރެންގެ އިންތިޒާރުގައި ގެސްޓްހައުސްގެ ކައުންޓަރު ކައިރީ ހުރި ސޯފާތަކުގައި ފައިސަލް އިނެވެ. އަހަރެންނަށް އެހިސާބަށް އާދެވުމާއެކު އޭނާ ސޯފާއިން ތެދުވިއެވެ. ފަޒީލުގެ ފޯނުކޯލުގެ ވާހަކަ އަހަރެން ބުނީމެވެ. އިތޫމެން ގެއަށް ދިއުން ފަސްކޮށްލީކަމެވެ. ފައިސަލްގެ މޫނު ވަގުތުން މިލައިގެން ދިޔައީތީ ދުށީމެވެ.

"ދެންމެތަ ގުޅީ... މަންމަ ބުނީތަ." ފައިސަލް އަހާލި ގޮތުން ހީވީ އެއީ އޭނާ ރުހޭކަމެއްނޫން ހެންނެވެ.

"އާން. މަންމަ ބުނެގެންނޭ ބުނީ... ކިހިނެއްވީ؟. ފައިސަލްއާއެކީ އެބަދަމޭ ބުނަންވީތަ. އަހަރެމެން ރެޑީވެގެންނު މިތިބީ." އަހަރެން ބުނީމެވެ.

"ބުނާނެކަމެއްނެތް. ފަޒީލު އައީމަ އާނަ ދޭ." ފައިސަލް ބުންޏެވެ. އޭނާ ބުނި ގޮތުން އެކަމުގެ ޚަބަރު ލިބިފައިނުވާކަން އަހަރެންނަށް ޔަގީން ކުރެވުނެވެ.

"ދެން ފައިސަލް. އަހަރެމެންނާއެކީ ނާންނާނަންތަ. ފައިސަލް ފެންނަން ހުރިއްޔާ އަހަރެންގެ ހާސްކަން ކުޑަވާނެ." އަހަރެން ބުނީމެވެ. ފައިސަލް ގެއަށް ދާން ބޭނުންނުވަނީބާއޭ ހިތަށް އެރިއެވެ. ނޫނީ މަންމަ ގުޅާފައި އޭނާ ކައިރީ ނުބުނީތީ އެކަމާ ހިތްހަމަނުޖެހުނީބާއެވެ. އެ މޫނުގައިވީ ހިތްހަމަނުޖެހުމުގެ އަސަރު ގުޅިފައިވީ ކޮންކަމަކާކަން އަހަރެންނަށް ސާފެއްނުވިއެވެ.

"މިފަހަރު އާނަ ގޮސްލާ... އަހަރެން... އެހެންވީމަ އަހަރެން ފިހާރަ ދޮށަށް ނައްޓާލިޔަސް އެންމެ ރަނގަޅުތަ. ތިބުނީނު ފަޒީލު އެބައާދޭ." ފައިސަލް ބުންޏެވެ. އަހަރެން އެންމެ ރަނގަޅޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ. މިފަހަރު އަހަރެންނަށް ވިސްނުނީ ފަޒީލު އަންނަންދެން ވެސް ފައިސަލް މަޑުކުރަން ބޭނުންނުވީކަމެވެ.

އަހަރެން ފައިސަލްއާއެކީ ދޮރޯށި ދޮށަށް ނުކުތީމެވެ. ސައިބޮއެގެން އަހަރެން ދާނީ އިތޫމެން ގެއަށްކަން ފައިސަލް ކައިރީ ބުނީމެވެ. އޭނާ ހަމައެކަނި ބޯޖަހާލީއެވެ. ފައިސަލް ގޮސް ކާރަށް އަރައި ނައްޓާލަންދެން ބަލަން ހުރެފައި އަތްދަބަހުގެ ތެރެއިން ފޯނު ނަގައި އިތޫއަށް ގުޅީމެވެ. ފަޒީލުމެން ގެއިން ހަވީރު ސަޔަށް ދަޢުވަތު ލިބިގެން އެގެއަށް ދާންކަން މިދަނީ އަހަރެން ބުނީމެވެ. އަދި އެގެއިން ނުކުންނަ ގޮތަށް އިތޫ ކައިރިޔަށް ދާނަންކަން ބުނީމެވެ. ފޯނު އަތްދަބަހަށް ލާފައި އަހަރެން ވަށައިގެން ހޯދާލީމެވެ.

"އަހަރެންތަ ތި ހޯދަނީ." ކުއްލިއަކަށް ފެނުނީ ޝިފާލީ ހިނގާފައި އަހަރެންގެ ގާތަށް އަންނަތަނެވެ.

"ފައިސަލް ބަލަންނެތްކަން ޔަގީންތަ؟." އަހަރެން އަހާލީމެވެ. އޭނާ ހިނިގަނޑަކާއެކު ބޯޖަހާލިއެވެ.

"މިހިސާބުގައި މިވަގުތު ކަލޭ ނޫނީ އިންސާނަކު ނުވޭ... ބުނެބަލަ... އޭނާ ދިރިއުޅޭ ބަޔަށް ވަންނަން އަހަރެން ބުނީމާ އެއްބަސްނުވެފައި އެކަމަކު އޭނާއާ އެ ވާހަކަދެއްކީ އަހަރެންނަށް ނޭނގޭނެ ކަމައްތަ." ޝިފާލީ އައިސް އަހަރެންގެ ކައިރީ މަޑުކޮށްލަމުން ބުންޏެވެ.

"ނޭނގޭނެ ކަމަކަށްނޫން. އެކަމުގައި އަހަރެންގެ އަމިއްލަ އެދުމެއް އޮތީމާ... ކަލޭ އަހަރެންނަށް އެހީވަނިކޮށް އަހަރެން ހުރިހާ ގޮތަކުން ކަލެއަށް އެހީވާން މިހުރީ ތައްޔާރަށް. މިހާރު ވެސް ކަލެއާ އެއްކޮޅަށް މި މަސައްކަތް ކުރަނީ. އިހަށް އެ ވާހަކަ ބާއްވާ. އެއަށްވުރެ މިވަގުތު ކުރިމަތިވެގެން މިއުޅޭ ކަންތައް ބޮޑު... އެނގޭތަ ފައިސަލްގެ މަންމަ އަހަރެންނަށް އެގެއަށް އަންނަން ދަޢުވަތު ދީފިކަން. މިދަނީ އެގެއަށް ދާން... އަހަރެން ބަލާ ފަޒީލު ފޮނުވީ. އެކަމަކު... ނޭނގެ... ކަލެއަށް އަހަރެންނާއެކީ އެގެއަށް ދެވިދާނެތަ... ތެދަށް ބުނަންޏާ އަހަރެންނަށް އެ އަންހެންމީހާއަށް އިތުބާރެއް ނުކުރެވޭ. އޭނާގެ މަޤްޞަދާ މެދު ސުވާލު އުފެދެނީ. ފާޑަކަށް ހިތްބިރުގަންނަނީ. ފައިސަލްގެ ކަންތައް ފަޅާ ނާރަނީސް އަހަރެންނަށް ކަމެއްވެއްޖެއްޔާ ކަލެއަށް މިކަމުން އެންމެ ބޮޑު ގެއްލުންވާނީ. ނޫންތަ؟." އަހަރެން ބުނީމެވެ. އެއާއެކު ނިކަން ސީރިއަސް ބެލުމަކުން އޭނާ އަހަރެންނަށް ބަލަން ހުރެފައި ވާހަކަދެއްކިއެވެ. ރޫހާނީ ބިރުވެރިކަމަށްވުރެ އަހަރެން އިންސާނުންދެކެ ގަންނަ ބިރު ބޮޑުވެއްޖެކަން ގައިމެވެ. ނުބައި މީހުން އުޅޭކަން އަހަރެން ވެސް ދަންނަމެވެ. އެކަމަކު ފައިސަލް ފަދައިން ޢަމަލުތައް ހައްދުފަހަނަ އަޅައިފައިވާ އިންސާނަކާ ބައްދަލުވީ އަލަށެވެ. އެއީ އަހަރެންގެ ބަދުނަސީބުކަން ގައިމެވެ.

"ތީ ތެދެއް. އަހަރެންނަށް ކާމިޔާބު ލިބެން އޮތީ ކަލޭ މެދުވެރިކޮށްގެން... ހީކޮށްލާ އަހަރެން ނުފެނުނަސް އާނިޔާގެ ކަންކަން ފެންނަ ހިސާބުގައިކަން ހުރީ." ޝިފާލީ ބުންޏެވެ. އެ ސޫރައިގައި ހުއްޓަސް ފަރުވާތެރިކަމާއެކު ބަލައިފި މީހަކަށް އެއީ އިންސާނެއްނޫންކަން ފާހަގަވާނެއެވެ. އަހަރެންނަށް ވެސް ފުރަތަމަ ފާހަގަނުކުރެވުނަސް ގިނަގިނައިން ފެންނަން ފެށުމުން އެކަން ފާހަގަވެއްޖެއެވެ. އިންސާނަކަށް އެސްފިޔަ ނުޖަހާ ނުހުރެވޭނެއެވެ. އެކަމަކު އަހަރެންނަށް ފެންނަން ހުންނަ ޝިފާލީ އެސްފިޔަ ޖަހާތީ ނުދެކެއެވެ. އަދި އެ ދެ ލޮލުގައިވާ ދިރުމުގައި އިންސާނީވަންތަ ކަމުގެ އަސަރެއް ވެސް ނުހުރެއެވެ. އެއީ ބަޔާންކުރާން ނޭނގޭ އިޙްސާސެކެވެ.

މާޙައުލުގައިވީ ހިމޭންކަމުގެ ތެރެއިން ގެސްޓްހައުސްއާ ދިމާއަށް އަންނަ ސައިކަލުގެ އަޑު އިވުނެވެ. ފަޒީލު ފެންނަންވާއިރަށް ޝިފާލީ ޣައިބުވެއްޖެއެވެ. ފަޒީލު ސައިކަލު މަޑުކޮށްލީ އަހަރެންގެ ކުރިމައްޗަށެވެ. ހެނދުނު ފަޒީލު ފެނުނު އިރަށްވުރެ އޭނާގެ މޫނުން އުފާވެރިކަން ފާޅުވެއެވެ. ކަމަކާ ހިތްހަމަޖެހިފައި އިން ކަހަލައެވެ. ތުންފަތުގައިވާ ހިނިތުންވުމުގައި އޭނާގެ އިޚްތިޔާރެއް ނެތް ފަދައެވެ.

"ނައްޓާލަނީ އިނގޭ." އަހަރެން ފަހަތަށް އެރުމުން ފަޒީލު ބުންޏެވެ. އޯކޭއޭ އަހަރެން ބުނެލީމެވެ.

"ފައިސަލް ކައިރީ ނުބުނަންތަ ސައިބޯން ދާކަށް." ދުއްވަމުން ދިޔަ ސައިކަލުމަތީ އިނދެ އަހަރެންގެ ކަންކަން އޮޅުންފިލުވަން ފެށީމެވެ. ޝިފާލީގެ މަރާ ހެދި އަހަރެން މިވަނީ "ޑިޓެކްޓިވް" އަކަށް ވެފައެވެ. ކޮންމެ ކަމަކާ ސުވާލުކޮށް އޮޅުންފިލުވަން ބޭނުންވެފައެވެ. ސިއްރުތައް ހޯދާ އެކަމުގެ ހަޤީޤަތަށް ވާސިލުވުން މަޖުބޫރުވެފައެވެ.

"ދޮންބެ އާންމުކޮށް ސައިނުބޯނެ ގެއިން. ރޭގަނޑު ކާން އަޔަސް އަންނާނީ... ދޮންބެގެ ހުންނަ މިޒާޖުން އާނަ ގޮވައިގެން ގެއަށް އަންނަންވީމާ އުނދަގޫވެދާނޭ މަންމައަށް ހީވީ ކަންނޭނގެ. ދޮންބެއަށްވުރެ އަހަރެންނާއި އާނައާ ރައްޓެހިކަން މަންމަ ކައިރީ ބުނީމޭ." ފަޒީލު ވާހަކަދެއްކީ ނިކަން ހަމަޖެހިގެންނެވެ. އޭނާގެ ވާހަކަތައް ހުންނަ ގޮތުން އަހަރެންނަށް ވިސްނިފައި އޮތީ ޢާއިލާއާ ދުރުގައި އުޅެނީ ފައިސަލް އަމިއްލައަށް ކަމެވެ. ޢާއިލާއިން އޭނާ ބާކީކޮށްނުލައެވެ. ޔަގީނުން ވެސް ބޭބެދެކެ ފަޒީލު ލޯބިވާކަން އެނގެއެވެ. އަދި ބޭބެއަށް އޭނާ ނިކަން އިތުބާރު ވެސް ކުރެއެވެ.

"ކުއްލިއަކަށް މީ ކޮންސަޔެއް. ކުރީބައިގައި ބުނެލިނަމަ." އަހަރެން ބުނީމެވެ.

"މަންމަ ދެއްކި ގެސްޓްހައުސްގައި އާނަ އެކަނި އުޅޭއިރު ކައިބޮއެ ހަދަނީ ކިހިނެއްތޯ. މަންމައަށް އެނގޭނެ ޒަފަރު... މިރަށުގައި އޭނާ ނޭނގޭނެ މީހަކު މިހާރު ނުހުންނާނެ ދޯ. އަހަރެން ކިޔާދިން މަންމައަށް ޒަފަރު އިންނަން އުޅޭ ކުއްޖާއަކީއޭ އާނަގެ ރަޙުމަތްތެރިއަކީ. އެގެއިން ކަންނޭނގެއޭ ކައިބޮއެ އުޅެނީ. ދެން ގެސްޓްހައުސްގައި ކައްކާ ކެވޭ ގޮތަށް ބަދިގެއަށް ހުރިއިރު އެތަން ވެސް އާނައަށް ބޭނުންކުރެވޭނެ ނޫންހޭ... ހާސްނުވެބަލަ. ކާއެއްޗެއް ނުބައެއްނުވާނެ. މަންމަގެ އަތުން ހަދާފައި ހުރި އެއްޗެހި މުޅީން ވެސް ހުންނާނީ. އެހެންވީމަ ކައިގެން ކަމެއްވެދާނޭތީ ވެސް ކަންބޮޑުވާކަށް ނުޖެހޭނެ." ފަޒީލު ބުންޏެވެ.

އަހަރެންނަށް ފެންނަން ފެށީ ރަށުގައި އަހަރެން އަދި ނުދާ ހިސާބެކެވެ. ހަވީރުގެ ވަގުތަށް ވާތީ ގޯތިތަކުން ނުކުމެ ބޭރު ޖޯލިފަތިތަކާއި ގޭދޮށުގައި ހުރި އަށިތަކުގައި ތިބި މީހުން ގިނައެވެ. ކުޅިވަރާއި ސަކަރާތުގައި އުޅޭ ކުޑަކުދީން ވެސް މަދެއްނޫނެވެ.

"އެކޮޅުން ދެވަނަ ކަންމަތިން އެ ފެންނަނީ އަހަރެމެން ގެ." ފަޒީލު ބުންޏެވެ.

އޭނާގެ ބޯކައިރިން އެއްފަރާތަށް އަރިވެލައި ކުރިމަތިން ފެންނަން އޮތް މަގަށް ނަޒަރު ހިންގާލީމެވެ. އެ ގެއާ ކައިރިވާވަރަކަށް އެހިސާބު ގެތަކުން ނުކުމެ ތިބި މީހުންގެ ނަޒަރުތައް އަހަރެމެންނަށް ހުއްޓެމުންދިޔައެވެ. ހީވަނީ ނުފެންނަ މަންޒަރެއް ފެނި ޝައުގު އުފެދިފައި ތިބީހެންނެވެ. ކަންމަތީގައި ހުރި ގެއެއްގެ ދޮށަށް ފަޒީލު ސައިކަލު މަޑުކުރިއެވެ. އަހަރެން ފޭބުމުން ފަޒީލު ސައިކަލު ބެހެއްޓީ ގޭގެ ފާރުކައިރީގައެވެ. ވަށާފާރު މަތިން އެ ރަށުގެ އެހެން ގެތަކުގައި ފެންނަ ފަދައިން ކުލަކުލައިގެ ބޯގަންވިލާ ގަސްތައް ފެންނަން ހުއްޓެވެ. އެ ގޭގެ ނޫކުލައިގެ ދޮރޯށި ހުޅުވާލައި އަހަރެން ކައިރީ އަންނަން ފަޒީލު ބުނެލިއެވެ.

އަކިރިހާ ބޮޑެތިކޮށް ހުރި ކަށިވެލި އަޅާފައި އޮތްއިރު ދޮރޯށިން މައިގެއާ ހަމައަށް ބޮޑެތި ގައު ބަހައްޓާފައި ހުއްޓެވެ. ގޭގެ ހަގީގީ ރީތިކަން ފެންނަނީ ދޮރޯށިން އެތެރެއަށް ވަނީމައެވެ. ފެހިކަމާއި ކުލަކުލައިގެ މާމެލާމެލި އެކިވަރުގެ މުށިގަނޑު ތަކުންނާއި ބަގީޗާ ހެއްދުމަށް ޚާއްޞަކުރެވިފައި ހުރި ދިމާ ވެލިގަނޑުގައި އިންދާފައި ހުއްޓެވެ. ތަނަވަސް ދިރިއުޅުމެއް އުޅޭ ބައެއްކަން ގޯތީގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެނެއެވެ. ގޯތިތެރެ ޒީނަތްތެރިކޮށްފައިވާ ގޮތުން އަހަރެންގެ ސިކުނޑިއަށް ފުރަތަމަ ވެސް އައީ ފައިސަލްގެ ނަމެވެ. ފަރުމާކުރުމުގައި ހުރި ތަފާތުކަން ފެނިފައެވެ. ޒަމާނީ ވަށްޓަފާޅި ފެނިފައެވެ. މައިގޭގެ ދޮރުން އެތެރެއަށް ވަދެވުނީ ތަނަވަސް ބޮޑު ސިޓިންރޫމަކަށެވެ. މާބަލް ތަޅުމަކާއި ފާރުތަކުގައިވާ ލޮލަށް ފަސޭހަވާ ފަދަ ކުލަތަކެވެ. ސޯފާ ސެޓާއި މެދުގައި ހުރި ކޮފީމޭޒާއި އޭގެ ދަށުގައި އޮތް ރަގާއި، ޓީވީ ހަރުގެ އިތުރުން ދެތިން ތަނެއްގައި ޒީނަތްތެރި ކުރުމުގެ ގޮތުން ތަޅުންމަތީ ބަހައްޓާފައި ހުރި މާވަށިގަނޑުތަކަށް ދަންދެން ވަނީ ފާރުގައި ލާފައިވާ ކުލައާ ގުޅޭނޭ ގޮތަށެވެ. މިފަދަ ޒަމާނީ ޒީނަތްތެރިކަމެއް ފެނުނު ގެއަކަށް އަދި އަހަރެންނަށް މި ރަށުން ނުވަދެވެއެވެ.

"އާނަ އިށީނދޭ. އަންނާނަން މަންމަ ކޮބާތޯ ބަލާލާފައި." ފަޒީލު މިހެންބުނެ އެތެރެއަށް ހިނގައިގަތެވެ. އަހަރެން އައިސް ސޯފާގައި މަޑުކޮށްލީމެވެ.

ފަޒީލު އެނބުރި އައީ މަންމަ ގޮވައިގެންނެވެ. ހެނދުނު ފެނުނު އިރަށްވުރެ އޭނާ ވެސް ފެންނަނީ ރީތިވެލައިގެން ހުރި ތަނެވެ. އޭނާ ލައިގެން ހުރީ ސޮހޭފޮތީގެ ކަޅުރަތްކުލައިގެ އާބާޔާއަކާއި އެކު ހެދުމުގެ ކުލަށްއަށްވުރެ މަޑުކުލައެއްގެ ތިނެސްކަން ބޮޑު ބުރުގާއެކެވެ. ހެދުމުގެ ކުރިމަތިން މެދުގައި މަތިން ފެށިގެން ތިރިއަށް ރަތްކުލައިގެ އެސްޖަހާފައި ހުރިއިރު ހަމައެފަދައިން ހެދުމުގެ ފުޅާ އަތްކުރީގައި ވެސް ދެ އެސްބަރި ހުއްޓެވެ. އަހަރެންނަށް ހައިރާންކަން ލިބުނީ އަހަރެން ފެންނައިރަށް ބަދަލުކޮށްލި ހިނިތުންވުމުންނެވެ. ހީވީ ގާތް މީހަކު ފެނިގެން އައިހެންނެވެ.

"ހުރެހުރެފައި އެތެރެއަށް ވަދެލިވަގުތު ތިއައީ... އަވަހަށް ހިނގާ ސައިބޯން." ހިނިތުންވުމަކާއެކު ފަޒީލުގެ މަންމަ ބުންޏެވެ. އަހަރެން ބަހެއްނުކިޔާ ތެދުވީމެވެ.

"ރެޑީކޮށްފަތަ ހުރީ." ފަޒީލު އަހާލިއެވެ.

"އެމަންޖެ ބަލާ ދަރިފުޅު ނުކުތީމާ މޭޒުމަތި މަންމަ ތައްޔާރުކޮށްފިން. ސައި ވެސް މިހާރު ހުންނާނީ ބޮވޭ ވަރަށް ހިހޫވެލާފައި ހެން ހީވަނީ." އަހަރެންނާއި ފަޒީލުގެ ކުރިޔަށް ހުރެ އޭނާގެ މަންމަ ބުންޏެވެ.

އަންހެނަކު ސަލާމް ގޮވާލި އަޑަށް އަހަރެމެން ތިން މީހުން ހުއްޓުނީމެވެ. ކާކުތޯ ބަލަން އަވަސްވެލީ ފަޒީލުގެ މަންމައެވެ. ދޮރުމަތީ ހުރި އަންހެން މީހާ ފަރީޝާއޭ ގޮވާލިއެވެ.

"ކިހިނެއްވީ ބަދޫރާ." ފަޒީލުގެ މަންމަ ނިކަން އަވަހަށް އަހާލައިފިއެވެ.

"ގަރުދިޔަ އެބަހުރިތަ؟." ބަދޫރާ މިހެން ބުނިއިރު ފެނުނީ ގޭތެރެއަށް ވަދެ ހުއްޓައެވެ. އެގޮތަށް ގޭގެ މީހުންގެ ހުއްދައެއްނެތި ވަންނާނީ ގާތް ގުޅެއް އޮތީމައިކަން އަހަރެން ހީކުރީމެވެ.

"ހުޒާމު ބޮޑު ކަންނެއްޏެއް ރޭގައި ގެންދިޔަތަން ދުށީން." ފަރީޝާ ބުނި ގޮތުން އަހަރެން ސުވާލު އުފެދުނެވެ. އެހާ ގާތް މީހަކު ގަރުދިޔަ ފޮދެއް ބަލާއައުމުން އެފަދަ މޭރުމަކުން ވާހަކަދެއްކީމައެވެ. ހީވީ ދޭން ބޭނުންނުވެގެން ބުނީ ހެންނެވެ.

"މަދީހާއަކާ ހެދި އަންނަން މިޖެހުނީ. ގަރުދިޔަތެލި ރަނގަޅަށް ހޫނުކޮށްލި ގޮތަށް އެ ހުރީ ހިނދިގެން ގޮސް ދެއްޔަށްވެފައި. މިގޭ ގަރުދިޔަ ނެތީތަ... އަހަރެމެންގެ ކުޑަމީހާއަށް ކާންދޭނީ ގަރުދިޔައާ." ބަދޫރާ ބުންޏެވެ.

"ގެނޭ." ބޭނުންނުވެފައި ހުރި ގޮތަށް ފަރީޝާ ބުންޏެވެ. އެއާއެކު ބަދޫރާ އަތުގައި އޮތް ޕްލާސްޓިކު މަތިޖެހި ތަށްޓެއް ފަރީޝާއަށް ދިއްކޮށްލައިފިއެވެ.

"އެއީ ކާކު؟" އަހަރެން ސިއްރުން ފަޒީލު ކައިރީ އަހާލީމެވެ.

"ބޮލުގައި ރިހުމެއް؟." ފަޒީލު ބުންޏެވެ. އެއާއެކު އަހަރެން އޭނާއަށް ބަލާލީ އެއީ ކީއްވެހޭ އަހާލާފަދައިންނެވެ.

"މިހިސާބު ޚަބަރުފީތާ އެއީ." ފަޒީލު ބުންޏެވެ.

ފަރީޝާ ގަރުދިޔަ އަޅައިގެން ގެނެސް ބަދޫރާއަށް ތަށި ދިއްކޮށްލުމާއެކު އޭގައި ހިފިގޮތަށް އޭނާގެ ގަސްދު ހާމަކޮށްލައިފިއެވެ. ފަރީޝާއަށް ގޮވާލަމުން އަހަރެންނަކީ ކާކުތޯ އަހާލިއެވެ.

"ފަޒީލު މީހަކާ އިންނަނީތަ؟. މަންޖެ ތީ ކޮންރަށަކު ކުއްޖެއް." ފުލުފުލުގައި ބަދޫރާ ސުވާލުތައް ބޭރުކޮށްލިއެވެ.

"ފަޒީލު... ދެ ކުދީން ދޭ ބަދިގެއަށް. މަންމަ މިދަނީ." ފަރީޝާ ބުންޏެވެ.

ފަޒީލު އަހަރެންގެ އަތަށް ދަމާލައި އަންނާނޭ ބުނެ އެތެރެއަށް ދާން ހިނގައިގަތެވެ. ބަދޫރާއާއި ފަރީޝާއާ ދެމެދުގައި ކަންތައްވީ ގޮތެއް އަހަރެންނަށް ނޭނގުނީ އެހެންވެއެވެ. ފަޒީލާއެކު އައިސް ކާމޭޒު ދޮށުގައި އަހަރެމެން އިށީނީމެވެ. މޭޒުމަތީގައި އަތުރާފައި ހުރި ހެދިކާ ތަށިތަކުގައި ވަނީ ރަބަރު އަޅައި ނިވާކޮށްފައެވެ. ނަމަވެސް ތަށުތަކުގައި ހުރި ބާވަތްތައް ހުރީ ފެންނާށެވެ. ކުޅި ބާވަތަކަށް ފެންނަނީ ފުށްގުޅައާއި މުގުކަވާބާއި ބޯކިބާގެ އިތުރުން ބިސްކަޓްލަސް އެވެ. ފޮނި އެއްޗެއްގެ ގޮތުގައި ހުރީ ކޭކެވެ. ހީވަނީ އެއީ ބަޓާކޭކު ހެންނެވެ. ތަށިތަށް ނިވާ ކުރަން އަޅާފައި ހުރި ރަބަރުގަނޑު ފަޒީލު ނައްޓަމުން ދިޔައެވެ.

"އަހަރެން އައީމަތަ އެމީހާ އެއައީ." އަހަރެން އަހާލީމެވެ.

"އާން. ތީ ކާކުތޯ ބަލަން އެއައީ. އަހަރެމެންނާ އޮތީ ކޮންގުޅުމެއްތޯ ހޯދަން... އޭނާ ނޫނީ މިގެއަށް ވަންނަ މީހަކު ނޫޅޭނެ. ފެނިއްޖެއެއްނު އޭނާގެ ވައްތަރުގަނޑު. ވަދެގަތްއިރު ހީވީ އޭނާ އަމިއްލަ ތަނަކަށް ވަންހެން. މަންމަ ވަރަށް ރުޅި އަންނާނެ... މިހިސާބުގައި އުޅޭ މީހުން ވެސް މިގެއިން ކަމެއް ހޯދަންވެއްޖެއްޔާ އެ ބަދޫރާ ފޮނުވާނީ." ފަޒީލު ބުންޏެވެ. އަވަށްޓެރީންނާ ގުޅުމެއް ނޯންނަކަން ފަޒީލު ދައްކާފައި ހުރި ވާހަކަތަކުން މީގެ ކުރީން ވެސް އެނގެއެވެ.

"ސައިބޯން ނުފަށާ ތިތިބީ ކީއްވެ؟." ބަދިގެއަށް ވަދެގެން އައި ފަރީޝާ ބުންޏެވެ.

"މަންމަ އަންނަންދެން." ފަޒީލު ބުންޏެވެ.

"ނުތިބެ އަވަހަށް ފަށާ. އާނަ ސައި އަޅަންތަ؟." ފަރީޝާ މޭޒުގެ އެއްކޮޅަށް ޖެހިލަމުން ވާހަކަދެއްކިއެވެ. އޭނާ އަހަރެންގެ ނަން ކިޔާލި ގޮތުން އިހުނަށްވުރެ ބޮޑު ހައިރާންކަމެއް ލިބުނެވެ. ތަބަކުން ނެގި ޖޯޑަށް ކަޅުސައި އަޅައި ހަކުރު އަޅަންވީ ވަރެއް އޭނާ އަހާލިއެވެ. ސައިޖޯޑު ގިރަމުން ގެނެސް އަހަރެންގެ ކައިރީ ބެހެއްޓިއެވެ. އަދި އޭނާއާއި ފަޒީލަށް ސައިތަށްޓެއް ހަދައިގެން އައިސް އަހަރެމެން ކައިރީ މޭޒުދޮށުގައި އިށީދެއްޖެއެވެ.

"މީރިއްޔާ ބުނަންވާނެ. ފަހަރެއްގައި ކުޅިވެދާނެ." ފަރީޝާ ބުންޏެވެ. ބޯޖަހާލުމަކުން އަހަރެން އާނއެކޭ ބުނީމެވެ.

ކާއެއްޗެހީގެ ރަހަތައް މީރެވެ. ލޮނު ރަހައާއި ކުޅިރަހައިގެ އިތުރުން މަސްރަހަ ވެސް ހެޔޮވަރެވެ. މަންމަގެ ކެއްކުމާމެދު ފަޒީލު ފަޚުރުވެރިވާން ހައްޤެވެ. ސައިބޮއެ ނިންމާލާފައި ފެންތަށި ބޯން އިނދެ ހުރިހާ އެއްޗެއް ވެސް މީރުކަން އަހަރެން ބުނީމެވެ. ފަޒީލުގެ ހިނިތުންވުން ފުޅާވެލިއެވެ. އަހަރެމެން ތެދުވުމުގެ ކުރީން ހުއްޓުވީ ފަރީޝާއެވެ.

"ފަޒީލު. ދޭބަލަ ރަޝާދު ފިހާރައަށް. އޭރު ނުލިބިގެން އުޅުނު ޕާސްތާ ސޯސް އައިސްފައި އެބަހުއްޓޭ ބުނި. ދެ ފުޅި ގެނެސްދޭތި... އާނަ މަންމައާއެކީ ބައިންދާ. އާނައާ ވާހަކައެއް ދައްކާލަން އެބައޮތް." ފަރީޝާ ބުންޏެވެ.

ގަސްދުގައި ފަޒީލު ފޮނުވާލަނީއޭ އަހަރެންގެ ހިތާއި ޟަމީރު ވެސް ބުންޏެވެ. އަދި އަހަރެންނާއެކު އެކަނިވާން ފަރީޝާ ހޯދި ފުރުޞަތެއްކަން ޔަގީނެވެ. އޭނާ ދައްކަން އުޅެނީ ކޮންވާހަކައެއްކަމެއް އަހަރެންގެ ޚިޔާލަށް ވެސް ގެންނާކަށް ނޭނގެއެވެ. އެހެންވިޔަސް އަހަރެން އެއްޗެއް ނުބުނެ އިނީމެވެ. ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނެ ފަޒީލު ބަދިގެއިން ނުކުތެވެ. އަހަރެން ކައިރީ މަޑުކޮށްލަން ބުނެފައި ފަޒީލުގެ ފަހަތުން ކަހަލަ ގޮތަށް ފަރީޝާ ނުކުތެވެ. މި މީހުން އަނެއްކާ ކަމެއް ރާވަނީބާއޭ ހިތަށް އެރިއެވެ. ހިސާބަކަށް އަހަރެން ހާސްވާގޮތްވިއެވެ. ނިކަން ސިއްރުން ގޮނޑި ފަހަތަށް ޖައްސާލާފައި އަހަރެން ތެދުވީމެވެ.

(ނުނިމޭ)