ފިނިޕޭޖް

"ގުޑް ބާގާ 2"ގެ ޓީޒާ ނެރެފި

ނިކަލޯޑިއަންއާއި ޕެރެމައުންޓް ޕްލަސް އިން "ގުޑް ބާގާ 2" ގެ ޓީޒާ ނެރެފި އެވެ.

ކެލް މިޗެލް އާއި ކީނަން ތޮމްސަން ލީޑް ރޯލް އަދާކުރާ މި ފިލްމްގެ ޓީޒާ އިން ފެންނަނީ ކެލްގެ ކެރެކްޓާ -- އެޑް ކާރު ދުއްވަމުންގޮސް ކީނަންގެ ކެރެކްޓާ -- ޑެކްސްޓާގެ ގައިގައި ޖައްސާ ތަނެވެ. އަދި ޑެކްސްޓާ ވިއްސައިގެންގޮސް އެޑްގެ މަތި ނެތް ކޮންވާޓިބަލް ކާރު ތެރޭގައި އިށީނދެވެ އެވެ.

ކާރުން ޖެއްސި ވާހަކަ ބުނުމުން އެޑް އާއި ޑެކްސްގެ އާ އެޑްވެންޗާސް ފަށަން އުޅޭ ކަމަށް ބުނެ، ކާރު ގިއަރަށްލާ ދުއްވާލަ އެވެ. ދެން ފެންނަނީ "ގުޑް ބާގާ" ރެސްޓޯރަންޓްގެ ތެރޭގައި، އެމީހުންގެ މަޝްހޫރު ސްޓައިލަށް އޯޑަރު ނަގަށް އަހާ ތަނެވެ. އޭގެ ފަހުން ރެސްޓޯރަންޓަކަށް ގޮސް ކެލް ހާޖާނު ހަދާތަން ފެނެ އެވެ.

ފިލް ޓްރެއިލް ޑައިރެކްޓްކުރާ މި ސިކުއެލްގައި އެޑް އާއި ޑެކްސްޓާ އިތުރު އާ ކެރެކްޓާތަކަކާއެކު ގުޑް ބާގާ ރެސްޓޯރަންޓްގައި މަސައްކަތް ކުރާ ތަން ފެންނާނެވެ.

ޑެކްސްޓާގެ އުފެއްދުމެއް އަނެއްކާވެސް ނާކާމިޔާބުވުމުން، އުފަލާއެކު އެޑް ޑެކްސްޓާ ގުޑް ބާގާ ރެސްޓޯރަންޓަށް މަރުހަބާ ކިޔަ އެވެ. އަދި ޑެކްސްޓާގެ ނާކަމިޔާބީ އިން އަރައިގަތުމަށް މަސައްކަތްކުރަން އުޅުމުގެ ތެރޭގައި އަނެއްކާވެސް ގުޑް ބާގާ ރެސްޓޯރަންޓްގެ މުސްތަގްބަލަށް ނުރައްކާތެރިވެ އެވެ.

1997 ގައި ރިލީޒްކުރި "ގުޑް ބާގާ" އަކީ ނިކަލޯޑިއަންގެ ކޮމެޑީ ސްކެޗް ޝޯއެއް ކަމުގައިވާ "އޯލް ދެޓް" އަށް ބިނާކޮށްފައިވާ ފިލްމެކެވެ.

އަށް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމު ވަނީ ބޮކްސްއޮފީހުގައި 23.7 މިލިއަން ޑޮލަރު ހޯދާފަ އެވެ. ކެލް މިޗެލް އާއި ކީނަން ތޮމްސަން އަކީ "ގުޑް ބާގާ 2" ގެ ތަރިންގެ އިތުރުން ކޯ-ޕްރޮޑިއުސަރުންނެވެ.

މި ސިކުއެލްގެ އެހެން ކާސްޓް މެމްބަރުންގެ ތެރޭގައި ލިލް ރެލް ހަވެރީ، ޖިލިއަން ބެލް، ކަމާޔާ ފެއާބާން، އެލެކްސް އާރް. ހިބެޓް، ފެބްރިޓްޒިއޯ ގީޑޯ، އެލިޒަބެތް އާއި އެމިލީ ހިންކްލާ، އެނެބެލް ގްރެޓްސް އާއި ފުރަތަމަ ފިލްމުން ވެސް ފެނުނު ކާމެން އިލެކްޓްރާ ހިމެނެ އެވެ. މީގެ އިތުރުން "އޯލް ދެޓް"ގެ ކާސްޓް މެންބަރުން ކަމުގައިވާ ޖޯޝް ސާވާ އާއި ލޮރި ބެތް ޑެންބާގް ވެސް ފުރަތަމަ ފިލްމު ގޮތަށް ސިކިއުލެ އިން ފެންނާނެ އެވެ.

މި ފިލްމް ޕެރެމައުންޓް ޕްލަސް އިން ރިލީޒްކުރާނީ އޮކްޓޯބަރު-ނޮވެމްބަރު ހިސާބު ގައެވެ.