ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަމިއްލަ މަސައްކަތްތެރިންނަށް ފައިސާ ލިބޭނެ ގޮތް ހަދައިދޭނަން: ރައީސް

އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އެ މީހުންގެ މަސައްކަތް ފުޅާކުރުމަށް ބޭނުންވާ ފައިސާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަމަޖައްސާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރ. އިންނަމާދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ އިންނަމާދޫ އަކީ ރާއްޖޭގައި އެންމެ ގިނައިން ވަޑިން ތިބި އެއް ރަށް ކަމަށެވެ. ވަޑިންވެސް އަދި ވަޑިން ގޮތަށް އަމިއްލަ މަސައްކަތް ކުރާ މީހުންނަށްވެސް އޮތް އެންމެ ބޮޑު ދައްޗަކީ އެމީހުންގެ މަސައްކަތް ފުޅާކުރުމަށް ބޭނުންވާ ފައިސާ ލިބުން ދަތިވުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިފަދަ މަސައްކަތްތެރިންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ހޯދުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ފައިސާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި ފައިނޭންސް ސްކީމެއްގެ ބައިވެރިވެވޭނެ ގޮތެއް ހަމަޖައްސާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިންނަމާދޫގެ ގިނަ ބަޔަކު ފައިބަރުގެ މަސައްކަތް ކުރާތީ އެ ރަށާ ކައިރީގައި އޮންނަ ވަންދޫ އިން ބިން ހަމަޖައްސައިދިނުމަށް އިންނަމާދޫ ބައެއް ރައްޔިތުން އެދެމުންދާ ކަމަށެވެ. އެކަމަށް ބޭނުންވާ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަމުންދާ ކަމަށާއި އެކަމާ ގުޅޭ އީއައި މަސައްކަތްތައް ނިމުމުން ވަޑިންނަށް ބިން ދޫކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އިންނަމާދޫ އަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓެއް ވެސް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ.