ޕީސީބީ

ޕީސީބީގެ އެކްޝަން ޕްލޭން އިފްތިތާހުކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު -- ޕީސީބީގެ 2024 އިން 2028 ވަނަ އަހަރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި އެވެ.

މީރުމާގައި މިއަދު ބޭއްވި ހަފުލާއެއްގައި ޕީސީބީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެވެ. މި ހަފުލާގައި ޕީސީބީގެ ރައީސް އާސިމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީސީބީގެ ރައީސް އާސިމް ވިދާޅުވީ ޕީސީބީގެ ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ގާނޫނީ އޮނިގަނޑުގައި ހުރި ފުށު އެރުންތައް އިސްލާހު ކުރުމަށް އެކްޝަން ޕްލޭން އެކުލަވާލުމުގައި ބަލާފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް އެންމެ ރަނގަޅު މަންފާ ހޯދައިދިނުމަކީ ސިޔާސަތެއް ކަމަށް އާސިމް ވިދާޅުވި އެވެ.

އެކްޝަން ޕްލޭންގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރޭގައި ޕީސީބީގެ ގާނޫނު މުރާޖައާކޮށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ހިމެނެ އެވެ.

މި ހަފުލާގައި ޕީސީބީގެ ވެބްސައިޓާއި ގޭޓްވޭވެސް ވަނީ ލޯންޗްކޮށްފަ އެވެ.

ވެބްސައިޓް ލޯންޗްކޮށްދެއްވީ ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް އޮތޯރިޓީ -- ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކެވެ. ގޭޓްވޭ އިފްތިތާހުކޮށްދެއްވީ އިންސްޓިޓިއުޑް އޮފް ޗާޓާޑް އެކައުންޓްސްގެ ނައިބު ރައީސް ހަސަން މުހައްމަދެވެ.