ހުސައިން ނިޔާޒީ

ސަރުކާރު ކުންފުނިތައް ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރަންޖެހޭ: ނިޔާޒީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު -- ޕީސީބީގެ 2024 އިން 2028 ވަނަ އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވާ ނިޔާޒީ ވިދާޅުވީ އެކްޝަން ޕްލޭނާއެކު ޕީސީބީ މަސައްކަތްތައް ރަނގަޅު ކުރުމުގެ އަމާޒަކަށް މަސައްކަތްތައް ގެންދެވިގެންދާނެ ކަމަށެވެ.

ނިޔާޒީ ވަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކައުންޓަންޓުން އަދި އޮޑިޓަރުންގެ ދައުރު މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑުމެން ދަންނަވާލަން އޮތީ ޕިސީބީގެ ތި މަސައްކަތަށް އަޅުގަނޑުމެންގެ އިންސްޓިޓިއުޓްގެ ފަރާތުން ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދެއްވާނެކަން،" ނިޔާޒީ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރަމުންދާއިރު ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކޮށް، ކުންފުނިތަކުން ސަރުކާރަށް ބަރޯސާނުވެ ހިންގުމަށް މާލީ އިދާރާތަކުން ވަނީ ލަފާ ދީފަ އެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ތުހުމަތު އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ވަރަށް ރަނގަޅަށް ހިންގަމުންދާއިރު ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ގޯސްކަން އެ ކުންފުނިތަކުގެ މާލީ ހިސާބުތަކުން ދައްކަ އެވެ.