ފިނިޕޭޖް

ޖޯން ސީނާގެ "ފްރީލާންސް"ގެ ޓްރޭލާ ނެރެފި

އެކްޝަން ފިލްމު ކުޅޭ ޖޯން ސީނާގެ އާ އެކްޝަން ކޮމެޑީ "ފްރީލާންސް"ގެ ޓްރޭލާ ނެރެފި އެވެ.

"ޓޭކަން"ގެ ޑައިރެކްޓަރު ޕިއާ މޮރެލް ޑައިރެކްޓް ކުރި މި ފިލްމުގައި ޖޯން ސީނާ، 46، އަދާކުރަނީ ކުރީގެ މިލިޓަރީ ސްޕެޝަލް ފޯސަސްގެ އޮޕަރޭޓިވް މޭސަން ޕެޓިސްގެ ރޯލެވެ.

ޓްރޭލާއިން ފެންނަ ގޮތުގައި ފްރީލާންސް ޖާނަލިސްޓެއް ކަމަށްވާ ކްލެއާ ވެލިންގްޓަން، ޕެންޑޯންޔާ ކިޔާ ހިޔަލީ ގައުމެއްގެ ހުދުމުހުތާރު ވެރިޔާ ރައީސް ވެނެގާސްއާ އިންޓަވިއުކުރާއިރު، އޭނާގެ ސެކިއުރިޓީގެ ގޮތުގައި މަސައްކަތްކުރުމަށް މޭސަންއަށް 20،000 ޑޮލަރު ހުށަހެޅުމުން، ހިތާ ހިލާފަށް އެކަން ކުރަން އެއްބަސްވެ އެވެ. އަދި ކަން ދިމާވާ ގޮތުން ރައީސް ވެނެގާސްއާ ހިލާފަށް މިލިޓަރީ ބަގާވާތެއް އައުމުން، މޭސަންގެ ހުނަރު ބޭނުންކޮށް، ކްލެއާ އާއި ވެނެގާސް ސަލާމަތްކޮށް ޖަންގަލީ ތެރެއިން ފިލަ އެވެ. އަދި ބަޑި ޖަހަމުން، ތަޅާފޮޅަމުން ކްލެއާގެ ވާހަކަ ދުނިޔެއަށް ގެނެސްދޭން ދިރިހުރޭތޯ މަސައްކަތް ކުރެ އެވެ.

މި ފިލްމުގައި ކްރެއާގެ ރޯލް އެލިސަން ބްރީ އަދާކުރާއިރު، ވެނެގާސްގެ ރޯލް އަދާކުރަނީ ހުއާން ޕަބްލޯ ރާބާ އެވެ. މީގެ އިތުރުން ކްރިސްޓިއަން ސްލޭޓާ، މާޓަން ސޯކާސް އާއި އެލިސް އީވްވެސް ކާސްޓްގައި ހިމެނެ އެވެ.

މި ފިލްމު ޝޫޓްކޮށްފައިވަނީ ކޮލޮމްބިއާ ގައެވެ. ޕީޕަލްއަށް ކުރިން ދިން އިންޓަވިއުއެއްގައި އެލިސަން ބުނީ ބައެއް ސީންތަކަށް ސްޓަންޓް ޑަބަލް ބޭނުންކުރި ކަމަށެވެ.

ޖޯން ވަނީ މިދިޔަ މަހު ނެރުނު ސުޕާހިޓް ފިލްމް "ބާބީ" ގައި ކެން އެއްގެ ރޯލް އަދާކޮށްފަ އެވެ. އަދި "ޓީނޭޖް މިއުޓަންޓް ނިންޖާ ޓާޓްލްސް: މިއުޓަންޓް މޭހެމް"ގެ ރޮކްސްޓެޑީގެ އަޑު އެޅުމުގެ އިތުރުން "ވެކޭޝަން ފްރެންޑްސް 2" ކުޅެފައިވެ އެވެ.

އެލިސަން އެންމެ ފަހުން ފެނިފައިވަނީ އެމެޒޯން ޕްރައިމްގެ "ސަމްބަޑީ އައި ޔޫސްޑް ޓު ނޯ" އިންނެވެ. އެއީ އޭނާގެ ފިރިމީހާ ޑޭވް ފްރެންކޯ އާއެކު ލިޔެފައިވާ ފިލްމެކެވެ.

"ފްރީލާންސް" ސިނަމާތަކަށް އަންނާނީ މިއަހަރުގެ އޮކްޓޫބަރު ހައެއް ގައެވެ.