ބޭރު ކުޅިވަރު

އިބްރަހިމޮވިޗް، މޮރީނިއޯ މިސްވާން ފަށައިފި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ މަތިން ހަނދާންއާ ވަމުންދާ ކަމަށް ޕީއެސްޖީގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

މިރޭގެ މެޗަށް ޗެލްސީ ނުކުންނާނީ ނެދަލޭންޑްސްގެ ކުރީގެ ކޯޗު ގުސް ހިޑިންކްގެ އިރުޝާދުގެ ދަށުންނެވެ. އެއީ މީގެ ދެ މަސް ކުރިން މޮރީނިއޯ ވަޒީފާއިން ވަކިކޮށްފައިވާތީ އެވެ.

އަހަންނަށް ހީވަނީ އަހަރެން އެކަނި ނޫންހެން، އެންމެން ވެސް އޭނާ މިސްވާނެހެން. އޭނާ އަކީ ވަރަށް ގިނަ ކުޅުންތެރިން އޭނާއާ ބައްދަލުކޮށްލާ ހިތްވާމީހެއް. ސަޕޯޓަރުން އޭނާ ދެކެން ބޭނުންވާނެ،" އިބްރަހިމޮވިޗް ބުންޏެވެ.

ސްވިޑްންގެ ކެޕްޓަން ވަނީ މޮރީނިއޯއާއެކު އިޓަލީގެ އިންޓަމިލާނުގައި މަސައްކަތްކޮށްފަ އެވެ. އަދި މޮރީނިއޯ ރެއާލް މެޑްރިޑުގައި ހުރިއިރު އިބްރަހިމޮވިޗާ ބައްދަލުވީ ވާދަވެރި ބާސެލޯނާއިންނެވެ.

"އަހަރެން ގަބޫލު ކުރަނީ އޭނާ މާލަސްނުކޮށް ފުޓްބޯޅައިގެ ތެރެއަށް އަންނާނެ ކަމަށް. އަހަރެންނަށް ހަމަ ޔަގީން ކިރިޔާ ވެސް އޭނާ އެނގޭ މީހަކު ބޭނުންވާނެ އޭނާ އަލުން ކޯޗުކަމުގެ ތެރެއަށް އަންނަން. އަހަރެން ހައިރާންވި އޭނާ ޗެލްސީގެ ކޯޗުކަމުން ވަކިކުރުމުން. އަހަންނަށް އޭގެ ސަބަބެއް ނޭނގެ. އެކަމަކު ފުޓްބޯޅައިގައި ހުރިހާ ވެސް އެއްޗެއް ނަތީޖާ. އެއީ ފުޓްބޯޅައިގެ އެންމެ ނުރައްކާ ކަންތައްވެސްމެ. ކިރިޔާ ވެސް ރަނގަޅަށް ނުދަންޏާ އަދަބުދޭނެ. ކުޅުންތެރިންނަށްވުރެ ބޮޑަށް އެ އަދަބު ހާއްސަކޮށް ކޯޗުންނަށް އޮތްލެއް ބޮޑު،" އިބްރަހިމޮވިޗް ބުންޏެވެ.