މޯލްޑިވްސް ކަސްޓަމްސް ސާވިސް

މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ނ. މާފަރުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް، ނ. މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒު އެވެ.

މިރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންނާއި އެރަށުގައި ތިބޭ ސިފައިންނާއި ފުލުހުންނާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި އިމާރާތުގެ ކޮންޓްރެކްޓަރު ފިއުޗަ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅުންގެ އިތުރުން މާފަރުގައި ހުރި ދައުލަތުގެ އޮފީސްތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ އަބްދުﷲ ޝަރީފް ވިދާޅުވީ މިއަދު ބިންގާ އެޅުނު އިމާރާތަކީ ރީީޖަނަލް ކަސްޓަމްސްތަކުގެ އުމްރާނީ ތަރައްގީއަށް އިތުރުވެގެންދާ މުހިއްމު ބޮޅެއް ކަމަށެވެ. ކަސްޓަމްސް އިން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި އޮފީސް ވެގެންދާނީ މާފަރު ހިމެނޭ އުތުރުގެ ރަށްތަކަށް މުހިއްމު އިދާރާއަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

މި އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ޝަރީފް ވިދާޅުވެފައިވެ އެވެ.

މި އިމާރާތުގައި އޮފީސް އޭރިއާގެ އިތުރުން އެކޮމޮޑޭޝަން ބްލޮކެއް އެޅުމަށް ހަމަޖެހިފައިވެ އެވެ.

ދައުލަތުގެ ބަޖެޓުން 8.66 މިލިއަން ރުފިޔާ ހަރަދުކޮށްގެން 6,557 އަކަފޫޓުގެ ބިމެއްގައި ހަދާ މިއިމާރާތް ނިންމަން ދީފައިވަނީ 540 ދުވަހެވެ.