އެމްޑީޕީ

ރައިސްގެ މެނިފެސްޓޯ: ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ މިލްކުވެރިކަން އިތުރުކޮށްދެނީ

ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ މިލްކުވެރިކަމުގެ ހިއްސާ އިތުރުކުރުމަށް އިންވެސްޓްމަންޓް ފަންޑެއް ތައާރަފްކުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މެނިފެސްޓޯގައިވާ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ މިލްކުވެރިކަމުގެ ހިއްސާ އިތުރުކުރުމަށް އިންވެސްޓްމަންޓް ފަންޑެއް ތައާރަފްކޮށް، ދިވެހި ވިޔަފާރިތަކަށް ބޭރުގެ ބޮޑެތި ވިޔަފާރިތަކާ ފައިހަމަކުރުމަށް އިންވެސްޓްކުރުމަށް ބޭނުންވާ ކެޕިޓަލް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ލިވްއަބޯޑް، ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް މި ފަންޑުން އިންވެސްޓްކުރަން ހުށަހަޅާފައިވެ އެވެ.

ދިވެހިރާއްޖެ ފަހުރުވެރިވާނެ ފަދަ ދުނިޔޭގެ ފެންވަރުގެ ދިވެހި ހޮސްޕިޓެލިޓީ މެނޭޖްމަންޓް ބްރޭންޑްތަކެއް އުފެއްދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހުށަހަޅާފައިވެ އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޓަނޭޝަނަލް ފްލައިޓް ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކުރުމަށް ބައިނަލްއަގްވާމީ އެއާޕޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި ސަރުކާރު މެދުވެރިވެގެން ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ވަނީ ހުށަހަޅާފައި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނަކީ ވަކި ބްރޭންޑެއްގެ (ޑެސްޓިނޭޝަން ބްރޭންޑިން) ދަށުން މާކެޓް ކުރެވޭ ވަކި މަންޒިލްތަކެއް ކަމުގައި ހަދާ، ފަތުރުވެރިކަމުގެ އާ އުފެއްދުންތައް ތައާރަފްކޮށް އާ މާކެޓްތަކުން ފަތުރުވެރިން ގެނައުމަށް އިސްކަންދޭން ވަނީ ހިމަނާފަ އެވެ.

ރަށުފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރިސޯޓުތަކާއި ގުޅުވައިދީ ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދީ ރަށު އިގުތިސާދު ތަރައްގީކުރުމަށް މަގު ފަހިކޮށްދޭންވެސް ވަނީ ހިމަނާފަ އެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހި މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތައުލީމު ފޯރުކޮށްދީ އެފަދަ މަގާމުތަކަށް ގާބިލު ދިވެހި މުވައްޒަފުން ބިނާކޮށް، ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓެލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމުކުރަންވެސް ނިންމާފައިވެ އެވެ.

މި ސިޔާސަތުގައި ވަނީ ދިވެހިރާއްޖޭގެ މުއްސަނދި ތަރިކައާއި ސަގާފަތާއި ދީން ދައްކުވައިދޭ އައު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް ތައާރަފްކޮށް ރާއްޖޭގެ ތާރީހާއި އެވޭލާ ދިރިއުޅުމާއި އާސާރުތައް ދައްކުވައިދޭ މަރުކަޒެއް ޒަމާނީ ވަސީލަތްތަކާ އެކު ބިނާކުރުމަށްވެސް ހިމަނާފަ އެވެ. އަދި މާލެ ސަރަހައްދުގައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކޮންފަރެންސްތައް ހޯސްޓް ކުރެވޭނެ ގޮތަށް، އެންޓަޓައިންމަންޓް ކޮމްޕްލެކްސްއަކާއެކު ކޮންވެންޝަން އައިލެންޑެއް ތަރައްގީކުރަން ހިމަނާފައިވެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމަށް، ދުނިޔޭގެ ބޮޑެތި ކްރޫސްލައިނާތަކަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނު އަދި މާލެ ސަރަހައްދުގައި ކްރޫސް ޓާމިނަލްތަކާއި ހިދުމަތް ލިބޭ އެހެނިހެން ވަސީލަތް ގާއިމުކުރުން ވަނީ ހިމަނާފަ އެވެ.

މައިސް ޓޫރިޒަމް ފުޅާކުރުމަށް ރާއްޖޭގެ ވަކި ސަރަހައްދެއް ކަނޑައަޅައި ވަސީލަތްތައް ގާއިމުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ. ފަތުރިވެރިކަމުގެ ރިޒޯޓުތަކާ ގާތުން އާބަން ސެންޓަރުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކެއް ތައާރަފްކޮށް، ސްކޫލްތަކުން ޖާގަ ހޯދުން ފަދަ އިޖުތިމާއީ އަދި އިގްތިސާދީ ފުރުސަތުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމުގެ ކޮންސެޕްޓެއްވެސް ހުށަހަޅާފައިވެ އެވެ.

މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ހާއްސަ ފުރުސަތުތައް ކަނޑައަޅައި، ރިޒޯޓުތަކުގެ މަތީ މަގާމުތަކުގެ 50 ޕަސަންޓް ދިވެހިންނަށް ހާއްސަކުރުމުގެ އަމާޒަށް ވާސިލުވުމަށް ފަސް އަހަރު ތެރޭގައި 500 ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ލީޑާޝިޕް ސްކޮލާޝިޕްތައް ފޯރުކޮށްދޭންވެސް ވަނީ ހުށަހަޅާފަ އެވެ.