އެމްޑީޕީ

މަސްވެރިކަމުގެ ދިވެހި ބްރޭންޑެއް ތައާރަފްކުރަނީ

ދިވެހި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ރަމްޒުކޮށްދޭ ލޭބަލެއް ހަދާ، ބޭރުގެ ސަޕްލަޔަރުން ބަލައިގަންނަ މަސްވެރިކަމުގެ ބްރޭންޑިންއެއް ތައާރަފް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ދެވަނަ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މެނިފެސްޓޯގައިވާ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތު މިރޭ ހާމަކުރިއިރު މި ސިޔާސަތުގައި މައިގަނޑު ހަތަރު ކަމެއް ހިމަނާފައިވެ އެވެ.

މިސިޔާސަތުގައިވާ "ބާރުވެރި އިގްތިސާދު"ގެ ބައިގައި މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް 12 ކަމެއް ކުރަން ހުށަހަޅާފައިވެ އެވެ.

މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ކުރަން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ ދިވެހި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ރަމްޒުކޮށްދޭ ލޭބަލެއް ހަދާ، ބޭރުގެ ސަޕްލަޔަރުން ބަލައިގަންނަ ބްރޭންޑިންއެއް ތައާރަފް ކުރުމެވެ. އަދި ކަސްޓަމްސް އިން ލިބޭ އާމްދަނީގެ އިންސައްތައެއް ކަނޑައަޅާ ދުނިޔޭގެ ފެންވަރުގައި މާކެޓް ކުރުމަށްޓަކައި އެކްސްޕޯޓް ޕްރޮމޯޝަން ބޯޑެއް ގާއިމުކުރުމެވެ.

ދިވެހި މަހުގެ ބާވަތްތަކަށް ބޭރުގެ ގައުމުތަކުން ނަގާ ޓެކްސް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަނުން ނަގާ ޓެކްސް ކުޑަކުރެވޭނެ ކަމަށް ސިޔާސަތުގައިވެ އެވެ.

ދުނިޔޭގެ މަލްޓި ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް ކަމަށްވާ މެރިކަލްޗަ އަދި އެކުއަކަލްޗާއަށް އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުމުގެ އައު ފުރުސަތުތައް ހުޅުވައިދިނުމަށްވެސް ހިމަނާފައިވެ އެވެ.

ސިޔާސަތުގައިވާ ގޮތުން މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޭ ލޯނު ސްކީމް އިތުރަށް ލުއިފަސޭހަކޮށް، ފުޅާކޮށް، މަސްވެރިންނަށް ހާއްސަކޮށް މައިކްރޮފައިނޭންސިން ފެސިލިޓީއެއް ތައާރަފްކުރަން ނިންމާފައިވެ އެވެ. އަދި ބޭންކުތަކުންދޭ ލޯން ޕްރޮޑަކްޓްތައް މަސްވެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވައުދުވެފައިވެ އެވެ.

ދިވެހި މަސްއޮޑި ފަހަރު ޒާމާނީ ފެންވަރަށް ގެނެސް، ބާނާ މަހުގެ ތާޒާކަން ހިފަހައްޓައި ގިނަ ދުވަހު ކަނޑުމަތީގައި އުޅެވޭނެ ވަސީލަތްތަކާއެކީ ފިފްތު-ޖަނަރޭޝަން މަސް ދޯނި ފަހަރު ބަނުމަށް ލޯން ސްކީމް ތައާރަފްކުރާނެ ކަމަށް ބުނެފައިވެ އެވެ.

ދިވެހި ޒުވާނުން މަސްވެރިކަމަށް ނެރުމަށްޓަކައި ސްކޫލު ދައުރުން ފެށިގެން އަހުލުވެރިކޮށް، ކައުންސިލްތައް މެދުވެރިކޮށް ޕްރޮގްރާމްތައް ހިންގައި މަސްވެރިކަމަކީ ޝައުގުވެރިވާ ފަދަ ދާއިރާއަކަށް ހަދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގޭގައި މަސައްކަތްކުރާ ފަރާތްތަކުން ތައްޔާރުކުރާ މަހުގެ ބާވަތްތަކުން ލިބޭ މަންފާ އިތުރުކުރުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން މެދުވެރިކޮށް މާކެޓް ކުރުމަށް ހާއްސަ ޕްރޮޑަކްޓް ލައިނެއް ތައާރަފްކުރުމަށްވެސް ނިންމާފައިވެ އެވެ.

ދިވެހި މަސްވެރިންނަށް ޕްރޮފެޝަނަލް ޑައިވިން ތަމްރީން ދިނުމަށްޓަކައި މިހާރު ހިނގަމުންދާ ޕްރޮގްރާމްތައް ފުޅާކޮށް، މަސްވެރިން ހިލޭ ތަމްރީންކުރުމުގެ ފުރުސަތު ހުޅުވާލާ، މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަންތައްތަކެއް ކުރުމަށްވެސް ހިމަނާފައިވެ އެވެ.

މިސިޔާސަތުގައި ބުނެފައިވަނީ މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅުވާޅައި ގިނަ ވަޒީފާއާއި ވިޔަފާރީގެ ފުރުސަތު ހޯދައިދިނުމަށްޓަކައި މަސްވެރިކަން "އެޑްވެންޗަ ސްޕޯޓް" އެއްގެ ގޮތުގައި ޕްރޮމޯޓްކުރާނެ ކަމަށެވެ.

ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަނެ، ރައްކާކޮށް، ޕްރޮސެސް ކުރެވޭނެ ކެޕޭސިޓީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށާއި މުޅި ރާއްޖޭގައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބުމުގެ ނިޒާމު ފުޅާކުރުމަށްވެސް ހިމަނާފައިވެ އެވެ.

މަސްވެރިންނަށް ދާއިރާގެ ތެރެއިން ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުންތަކުންނާއި ސިއްހީ ގޮތުން ދިމާވެދާނެ ކަންކަމުން އަރައިގަންނަން އެހީވެދޭނެ ހާއްސަ އިންޝުއަރެންސެއް ތައާރަފްކުރުމަށްވެެސް ވައުދުވެފައިވެ އެވެ.