ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރާ ގޮތް މުޅީން ބަދަލުކޮށްލަނީ

Feb 16, 2016
  • މީޑިޔާ އިންޓެލިޖެންސް ޔުނިޓު ވަރުގަދަ ކުރާނެ
  • ސޯޝަލް މީޑިޔާއިން ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަ ވާނެ
  • އެމްއެމްޕީއާރުސީގެ މުޅި ސިސްޓަމް ވަރުގަދަ ވާނެ

ރާއްޖެ އިޝްތިހާރު ކުރާގޮތަށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިންގުމަށް ގެންނަ ބަދަލުގެ ތެރެއިން، މިހާރު ވެސް ރާއްޖެ އިޝްތިހާރުކުރާ ގޮތަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިތަން ރަނގަޅު ކުރުމަށް ގެންނާ ޕްލޭންތަކުގެ މިތަނުގެ ސިސްޓަމަށް ގެންނަ ބަދަލުގެ އިތުރުން ވެސް އިތުރު ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން. މީގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރުމަށް ގެންގުޅޭ ޓްރެޑިޝަނަލް ގޮތްތައް ވެސް ބޭނުންކުރާނެ. އޭގެ ތެރޭގައި ފެއާތަކުގައި ބައިވެރިވުން ވެސް ހިމެނޭ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިޝްތިހާރު ކުރުމަށް ގެންނަ ބަދަލުގެ ތެރޭގައި ޒަމާނީ ގޮތްތަކަށް ރާއްޖެ އިޝްތިހާރު ކުރަން ފެށުން ކަމަށެވެ.

"އޮންލައިން ބޭސް މޮޑާން ސޯޝަލް މީޑިޔާ ބޭނުން ކުރުން އިތުރު ކުރުން. ޓުވިޓާ، ފޭސް ބުކް، އިންސްޓަގްރާމްގެ އިތުރުން ސިނަމާތަކުގައިވެސް އިޝްތިހާރު ކުރުން އިތުރު ކުރުން،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ސޯޝަލް މީޑިޔާއިން ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަ ކުރުމުގެ ގޮތުން އެކަމަށް މީހުން ތަމްރީން ކުރަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން "މީޑިއާ އިންޓެލިޖެންސް" ޔުނިޓެއް ގާއިމް ކޮށް ރިސާޗް އާއި އިނޮވޭޝަން މަސައްކަތް ވެސް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ކޮންސެންޓްރޭޓްކޮށް ވާހަކަ ދައްކަނީ ކޮން ގައުމެއްކަން މިހާރު އެނގޭނެ. ކޮން ހިސާބެއްކަން އެނގޭނެ.އެހެންވެ ފަރާތްތަކުން އެވާހަކަ އައުމުގެ ކުރިން އެއަށް އެޓެންޑް ކުރުމުގެ ފުރުސަތު ލިބޭނެ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ސަރުކާރުގެ އެކި މުއްސަސާތައް ގުޅިގެން އިންފޮމޭޝަން ޝެއާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.