ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ރާއްޖެއަށް ލިބޭ އާމްދަނީ 50 ބިލިއަން ރުފިޔާއާ ގާތްކުރާ ވަރަށް ގާތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައިވާ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތު ލޯންޗުކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއް އޮތް ނަމަ 2028 ވަނަ އަހަރު ރާއްޖެއަށް ލިބޭ އާމްދަނީ 50 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރެއް ނިމޭއިރު ރާއްޖޭގެ 170 ބިލިއަން ރުފިޔާއަށް އަރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ނަތީޖާއަކަށް ވެގެންދާނީ ދައުލަތަށް ލިބޭ އާމްދަނީ 45 ބިލިއަން ރުފިޔާ ފަހަނައަޅައި 50 ބިލިއަން ރުފިޔާއާ ދިމާލަށް އަމާޒު ހިފުން. އެހެންވެ އަޅުގަނޑުމެން ލޯނު ނަގައިގެން މި މަސައްކަތްތައް ކުރަނީ،" ރާއްޖެ ދަރިވެރިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ލޯން ނަގާނީ އެ ލޯން ދެއްކޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ. މިސަރުކާރުން އިގްތިސާދަށް ގެންނަ ބަދަލާ އެކު ލޯނުތައް ދެއްކޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޮޑުތިލަދުންމައްޗާއި އައްޑޫ ސިޓީ ތަރައްގީކުރުމަށް ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ނިމުމާ އެކު އެ ސަރަހައްދުތަކަށް އިގްތިސާދީ ބޮޑު ބަދަލެއް އައިސް ވަޒީފާގެ އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި މިސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ ސަރަހައްދީ އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި ކުރިއަށް ގެންދިުއމަށް ނިންމާފައިވާ އިގްތިސާދީ މަސައްކަތްތަކާ އެކު އެ ސަރަހައްދުތަކުގައިވެސް އެތައް ވަޒީފާތަކެއް އުފެދި ދައުލަތަށް ލިބޭ އާމްދަނީވެސް އިތުރުވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮވިޑްގެ ދަތި އުދަނގޫ ދުވަސްތަކާ ހެދި ކުރަން ބޭނުންވި އެތައް ކަމެއް ސަރުކާރުން ކުރަން ބޭނުންވި ގޮތަށް ނުވި ކަމަށެވެ. ނަމަވެސް 2019 ވަނަ އަހަރު އޮތް ހިސާބަށް މިއަދު ރާއްޖޭގެ އިގްތިސާދު ގެނެވި މަޝްރޫއުތައް ބާރަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
ދިވެހިން އެދެނީ އަމާން ރާއްޖެއެއް ކަމަށާއި އެ އަމާންކަން މިހާރަށް ވުރެ ވެސް ބޮޑަށް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.