އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޯޖިއާގެ ފުލްޓަން ކަންޓީ ޖަލަށް ވަޑައިގެން ބުރާސްފަތި ދުވަހު އަމާން ދެއްވައިފި އެވެ. ނަމަވެސް، އޭނާއާ މެދު ޖަލު އޮފިސަރުން ކަންކުރެއްވީ ވަރަށް ވީއައިޕީ ކޮށެވެ.
ޓްރަމްޕް ޖަލަށް ހާޒިރުވުމާ އެކު -- ޖަލަށް ހާޒިރުކުރާ އެހެން މީހުންނެކޭ އެއްފަދައި ލިޔުންތައް ފުރިހަމަކުރުމަށްފަހު، ފިންގާޕްރިންޓް ނަގައި އަދި މަގްޝޮޓެއް ވެސް ވަނީ ނަގާފަ އެވެ. އަދި ވިއްސަކަށް މިނެޓް ފަހުން އެނާ ވަނީ ދޫކޮށްލާފަ އެވެ.
މަގްޝޮޓަކީ ދެ އަތުގައި ބިޑިއަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ވަކިތަނެއްގައި ބަހައްޓައި ފަހަތުން އިސްކޮޅު ފެންނަ ގޮތަށް ނަގާ ފޯޓޯއަށް ކިޔާ ނަމެކެވެ. ނަމަވެސް، ޓްރަމްޕްއާ މެދު ޖަލު އޮފިސަރުން އަމަލުކޮށްފައިވަނީ ކުށްވެރިއެއްގެ އެއްވެސް ނިޝާނެއް ނުފެންނަ ގޮތަށެވެ.
މިއީ އެމެރިކާގެ ހަޔާތުގައި ވެސް ރައީސްކަން ކުރެއްވި ބޭފުޅަކަށް މިފަދަ ހާލަތެއް މެދުވެރިވި ފުރަތަމަ ފަހަރެވެ.
ޓްރަމްޕް ދޫކޮށްލީ 200،000 ޑޮލަރުގެ ބޮންޑެއް ބެހެއްޓުމަށްފަހު އިތުރު ޝަރުތުތަކަކަށް އެއްބަސްވެ ވަޑައިގަތުމުންނެވެ.
މީގެތެރޭގައި އޭނާގެ ސިޔާސީ ވާދަވެރިން -- އަދި އެމެރިކާގެ ޝަރުނީ ނިޒާމަށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ވާހަކަނުދެއްކެވުން ހިމެނެ އެވެ. އަދި ކުށްކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާނުލެއްވުމަށްވެސް ވަނީ ޝަރުތުކޮށްފަ އެވެ.
ޑޮނަލްޑް ޓްރަމްޕް ކުށްވެރިވާ ކަމަށް ކަނޑައަޅައި ޖަލު ހުކުމަކާ ހަމައަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ 2020 ގައި އެމެރިކާގައި އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލެއްވުމަށް މަސައްކަތްކުރެއްވުމުންނެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުން އިންތިހާބު އޮޅުވާލުމަކީ އޭނާ ކުރެއްވި ކަމެއް ނޫނެވެ. އޭނާ ޖަލަށް ހުކުމްކުރުމުގެ ފަހަތުގައި ވަނީ ސިޔާސީ ގޮތުން ކޯޓުތަކުގެ މައްޗަށް އަރާފައި ތިބި ބައެއްގެ ނުފޫޒެވެ. އެއީ 2024 ގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި އޭނާއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމަށް ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ޓްރަމްޕް ޖަލުން ނުކުމެ ވަޑައިގެން ރިޕޯޓަރުންނަށް ވިދާޅުވީ މިއަށް ވުރެ ހިތާމަވެރި ދުވަހެއް އެމެރިކާ ނުދެކޭ ކަމަށެވެ. އެމެރިކާ އަކީ މިހާރު ތިންވަނަ ދުނިޔޭގެ ގައުމަކަށް ވުރެވެސް ނުކުޅެދުންތެރި ގައުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ފުންނާބު އުސް ލީޑަރުން ހައްޔަރުކުރުމަކީ އެ މީހުންގެ ސިޔާސީ ހަޔާތް ފޮހެލުމަށް ބަޔަކު ކުރާ ކަމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
އިންތިހާބަށް ކުރިމަތިލާފައި ހުރި މީހަކު ހައްޔަރުކުރުމަކީ، އިންތިހާބަށް ހުރަސްއެޅުން ނޫންތޯ ޓްރަމްޕް ސުވާލުކުރެއްވި އެވެ.