ޑރ. މުހައްމަދު މުއިއްޒު

ކަފާލާތާ ގުޅޭ ހާއްސަ ގާނޫނެއް ހަދާނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ކަފާލާތުގެ ދަށުން މީހުން ދޫކޮށްލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަމާ ގުޅޭ ގާނޫނެއް ހަދާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. ވެލިދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ބައެއް ކަހަލަ މައްސަލަތަކުގައި ކަފާލާތު ނުވަތަ "ބެއިލް" ލިބޭނެ އުސޫލެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެފަދަ ގާނޫނެއް ވުޖޫދަށް ގެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް މުއިއްޒު ހިއްސާކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި މިހާތަނަށް ބެއިލްއާ ގުޅޭ ހާއްސަ ގާނޫނެއް ހަދާފައެއް ނުވެ އެވެ. ކުށްކުށުގައި ތިބޭ މީހުން ކަފާލާތުގެ ދަށުން ބައެއް ފަހަރު ދޫކޮށްލަނީ އެމީހުން ކުރާ ކުށާއި އެމީހުންގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހު މައްސަލަ ކޯޓުން ނިންމަންދެންނެވެ.

ކަފާލާތާ ގުޅޭ ގާނޫނެއް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވެފައި މިވަނީ ކަފާލާތުގެ އުސޫލުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް އެމަނިކުފާނު ކޯޓުގައި އެދުމުން އެއީ ގާނޫނީ ގޮތުން އޮތް އުސޫލެއް ނޫން ކަމަށް ދައުލަތުން ބުނުމުން އެމަނިކުފާނު ދޫނުކޮށް ޖަލުގައި ބެހެއްޓުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ.

ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށްޓަކައި ޓްރެވަލް އޭޖެންސީތައް ކުރިއެރުވުމަށްޓަކައި ކަމާ ގުޅޭ ގާނޫނެއް ހަދައި ބޭރުގެ ޓްރެވަލް އޭޖެންޓުންނަށް ރާއްޖޭގައި ރަޖިސްޓްރީ ވެގެން އެޖެންސީ ހިންގޭނެ ގޮތް ހަހަމަޖައްސައިދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކެމްޕޭންގައި އޭނާ ރަށްރަށަށް ވަޑައިގަތުމުން ފެންނަނީ ސަރުކާރުގެ ވަޒީފާތަކުގައި ވަކިން ހާއްސަކޮށް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބިރުވެރިކަމެއްގެ ތެރޭގައި ތާށިވެފައި ތިއްބާ ކަމަށެވެ. އެހެންވެ އޭނާ ގޮވާލެއްވީ ބިރުން ނުތިބެ އޭނާގެ ކެމްޕޭންގައި އެންމެންވެސް ބައިވެރިވުމަށެވެ.

މުއިއްޒު ކުރިން ވަނީ އޭނާގެ ކެމްޕޭންގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ވަޒީފާ އަނބުރޭ ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދު އިތުރަށް ތަރައްގީކޮށް ނަފާ ލިބޭ ތަނަކަށް އެތައް ބަދަލުކޮށްލާނެ ކަމަށާއި މުޅި ރާއްޖޭގައި ކުޅިވަރުގެ ފެސިލިޓީތައް ގާއިމުކުރާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ރަށްރަށުގެ ބަނދަރުތައް މިހާރު ހުރި ފެންވަރަށް ވުރެ ރަނގަޅު ފެންވަރަކަށް ތަރައްގީކުރާނެ ކަމަށާއި، ވަޒީފާތަކުގައި މިހާރު ތިބި ބޭރު މީހުންގެ އަދަދު މަދުކޮށް ދިވެހިން ތަމްރީނުކޮށް ދިވެހިންގެ އަދަދު އިތުރު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް އެމީހުންގެ އުފެއްދުންތައް ވިއްކުން ފަސޭހަކޮށްދިނުމަށްޓަކައި އޮންލައިން ޕްލެޓްފޯމެއް އިފްތިތާހު ކުރާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްްސަލައެއް ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށްޓަކައި އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ރިހިބިލިޓޭޝަން ސެންޓަަރުތައް ގާއިމުކުަރައްވާނެ ކަމަށެވެ. ހަމަ އެހެންމެ ޝަރުއީ ދާއިރާއަށް މިނިވަންކަންދީ، ރަނގަޅު ފެންވަރުގެ ކޯޓު އިމާރާތްތަކެއް އަޅައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.